ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

މި ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު ހެނދުނު 6:30 ގައެވެ. މިރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑުމައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި ގާޑު މާއުންޓް ކުރުމުން ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ހަތްބަޑީގެ ސަލާމެއްއަރުވައި ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ ޢަޒުންމް އައު ކުރުން އޮތެވެ. ސިފައިންގެ ޢަޒުމް އައު ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދެވެ. މިރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައިންނެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޝަހީދުންގެ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އެކި ރޭންކުތަކުގެ ބޭކަލުންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖަހައި ގާޑު މައުންޓް ކުރިއިރު ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމްވެތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާއަތެއްގައި ކޮށްފަ އެވެ.

އެމްއެންޑީއެފް މާލޭ އޭރިއާގައި ސިފައިން ފަތިސް ނަމާދަށް ޖަމާވެފައިވަނީ މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) އަށެވެ. ނަމާދު އިމާމުވެ ކުރައްވައި، ނަމާދަށްފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްސަ ދުޢާކޮށްދެއްވީ މޭޖަރ އަބްދުލް މަޖީދު އިބްރާހީމެވެ. އެއަށްފަހު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމު، އައްޝެއިޚް ހައިޝަމް މުޙައްމަދު ވަނީ، ނަޞްރުގެ ދުވަހާގުޅޭ ގޮތުން ދީނީ ނަސޭޙަތެއް ދެއްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.