ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި އޮކްޓޯބަރު 29 ވަނަ ދުވަހު ކުރުމަކީ އާދައިގެ ކަމެއްނޫނެވެ. އެއިން އެނގިގެންދިޔައީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރައިފައިވާ މިންވަރެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ކުރި މި އޮޕަރޭޝަން ކޮށްފައިވަނީ އައްޑޫއަށް ނިސްބަތްވެ ވަޑައި ގަންނަވާ 3 ޑޮކްޓަރުންނެވެ.
އެޓީމުގައި ހިމެނިވަޑައިގެންނެވި ޑޮކްޓަރުންނަކީ އައިޖީއެމްޗުގެ ކަށީގެ ޑިޕާޓްމެންޓްގެ ވެރިޔާ އަދި ކަށީގެ ޚާއްސަ ޑޮކްޓަރު ޢަލީ މުޒުނީއާއި، ރާއްޖޭގައި ފުރަތަމަ ކަށީގެ ޑޮކްޓަރު އަދި މިފަދަ އޮޕަރޭޝަން ރާއްޖެއަށް ތަޢާރަފްކޮށްދެއްވި ޑރ. މުޙައްމަދު ޙަބީބާއި، ޑރ. ޙުސައިން ފައިޞަލް އެވެ. އެބޭފުޅުންނާއެކު ޓެކްނީޝަނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޢަބްދުﷲ ރާފިޢުއެވެ.
ޑރ. ޢަލީ މުޒުނީ ވިދާޅުވެފައިވަނީ މިއީ މި ޚިދުމަތް ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ފެށުމެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އޭނާއަކީ މީގެ 10 އަހަރު ކުރިން ފެށިގެން މިފަދަ އޮޕަރޭޝަން ކުރައްވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ. މިހާތަނަށް 2000 އެއްހާ އޮޕަރޭޝަން އޭނާވަނީ ކުރައްވައިފައެވެ.
ހޯމަދުވަހު އޮޕަރޭޝަންކޮށް ބަދަލުކޮށްފައިވަނީ އައްޑު އަތޮޅު ހިތަދޫ އަންހެނެއްގެ އެއްފައިގެ ކަކުލު ހުޅެވެ. އޭނާގެ ދެވަނަ ފައިގެ އޮޕަރޭޝަން ވެސް ދޮޅުމަހެއްހާ ދުވަސް ފަހުން ކުރައްވާނެ ކަމަށް ޑރ. މުޒުނީ ވަނީ ވިދާޅުވެފައެވެ.
އުމުރުން 76 އަހަރުގެ އެ އަންހެން މީހާގެ އޮޕަރޭޝަނާ ބެހޭ ގޮތުން ޑޮކްޓަރ ޙަބީބު ވިދާޅުވީ "ވަރަށް ރަނގަޅަށް ވަރަށް ކާމިޔާބު ކަމާއެކު އެކަން ކުރެވިގެންދިޔައި. އޮޕަރޭޝަން ކުރެއްވީ ޑރ. މުޒުނީ،" ކަމަށެވެ.
ޑރ. ޙަބީބު ވިދާޅުވީ މިފަދަ އޮޕަރޭޝަން ރާއްޖޭގައި އަލަން ކުރަން ފަށައިފައިވަނީ 2006 ވަނަ އަހަރު ހިސާބުގައި ކަމަށެވެ. އޭރު އައިޖީއެމްއެޗުގެ ކަށީގެ ޑިޕާޓްމެންޓުގެ ވެރިއަކަށް ހުންނެވީ ވެސް ޑރ. ޙަބީބެވެ. އޭރުގެ ޙާލަތާއި މިހާރުގެ ޙާލަތަށް ބަލާއިރު މިއީ ރާއްޖޭގައި ޚިދުމަތެއްގެ ގޮތުގައި ފުޅާކުރެވިދާނެ ކަމެއްކަން އެޗުއާރުއެޗުގައި ކުރި އޮޕަރޭޝަނުން ވެސް ކަށަވަރު ވެއްޖެ ކަމަށް ޑރ. ޙަބީބު ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ރާއްޖޭގައި ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ފެށީ ދެހާސް ފަހެއް ނުވަތަ ދެހާސް ހައެއް ހިސާބު. އޭރު ވެސް މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވާ މީހުން ރާއްޖޭގައިތިބި. އެހެންވެ އެ އޮޕަރޭޝަން ކުރަން ބޭނުންވާ ހައެއްކަ މީހުން ހަމަވުމުން އަޅުގަނޑުމެން ބޮމްބޭއިން ގެންނަނީ ރައްޓެހި ޑޮކްޓަރަކު. އޭރު ނުހުންނާނެ އައިޖީއެޗުގައި އެކަންކުރާނެ ޑޮކްޓަރެއްވެސް އަދި ސާމާނެއްވެސް. ސާމާނާއި ޓެކްނީޝަނަކު ގެންނަނީ ކޮލަމްބޯއިން. މިހާރު އައިޖީއެމްޗުގައި ޓެކްނީޝަނަކު ވެސް އެބަހުރި. އައިޖީއެމްއެޗުގެ ޓެކްނީޝަނަކު ގޮވައިގެން އެތަނުގެ ސާމާނު ހިފައިގެން އައްޑުއަށް އައިސް އައިޖީއެމްއެޗުގެ ސާޖަން ޑރ. މުޒުނީ އެޗުއާރުއެޗުގައި އޮޕަރޭޝަން މިކުރެއްވީ. އައިޖީއެޗުގައި މި އޮޕަރޭޝަން ކުރަން ފަށައި ފުރަތަމަ ދޮޅު އަހަރު އެކަންކުރީ ބޮމްބޭއިން ޑޮކްޓަރަކު ގެނެސްގެން ކޮލަމްބޯއިން ޓެކްނީޝަނަކާއި ސާމާނު ގެނެސްގެން،" ޑރ. ޙަބީބު ވިދާޅުވިއެވެ.
އޭރުގެ ޙާލަތު އެހެން އޮތަސް މިހާރުވަނީ ޙާލަތު ބަދަލުވެފައެވެ. އޮޕަރޭޝަން ކުރާނެ ޑޮކްޓަރަކު އައިޖީއެމްއެޗުގައި އެހުންނެވީއެވެ. އެކަމަށް ބޭނުންވާނެ ސާމާނު އެތިބީއެވެ. އެކަމަށް ބޭނުންވާނެ ޓެކްނީޝަނަކު އެބަހުންނެވިއެވެ. އެހެންވީމާ ރާއްޖެއިން ބޭރުން ޑޮކްޓަރާއި ޓެކްނީޝަނަކާއި ސާމާނު ހިފައިގެން އައިސް ރާއްޖޭގައި އެ އޮޕަރޭޝަން ކުރިޒަމާން މާޒީވީއެވެ.
ޑރ. ޙަބީބު ވިދާޅުވީ ރާއްޖެއިން ބޭރުން ހުރިހާ ސާމާނަކާއި ޑޮކްޓަރަކާއި ޓެކްނީޝަނެއް ގެނެސްގެން އައިޖީއެމްއެޗުގައި އެ އޮޕަރޭޝަން ކުރަން ފެށިގޮތަށް އަތޮޅުތަކުގެ ހޮސްޕިޓަލުގައި މިހާރު އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއްނެތް ކަމަށެވެ. އެއީ އައިޖީއެމްއެޗުގައި އެ އޮޕަރޭޝަން ކުރަން ކުރިންނެތް ސާމާނާއި ޑޮކްޓަރުން ތިއްބެވުމުން ރީޖަނަލް ހޮސްޕިޓަލް ތަކަށް އެސާމާނު ގެންގޮސްގެން ހުޅުބަދަލުކުރުމުގެ އޮޕަރޭޝަން ފަސޭހަކަމާއެކު ކުރެވޭނެ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައިކުރި ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރީ އެކަމަށް ބޭނުންވާ މީހުން (ޑޮކްޓަރުން) ނާއި ސާމާނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އަށް ގެނެސްގެންނެވެ. "ޑޮކްޓަރ މުޒުނީ މިހާރު ޓާގެޓް ކުރައްވައިގެން އެއުޅުއްވަނީ ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކަށް ވިޒިޓްކޮށް މިފަދަ އޮޕަރޭޝަންތައް ކުރައްވަން. ކުރީގެ ގޮތަށް ބޮމްބޭ މީހަކު ގެނެސްގެން ކިހިނެއްތޯ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ދިމާއަކަށް އެ ޚިދުމަތް ފޯރުކޮށްދޭނީ. އެކަމަކު ދިވެހި ސާޖަންއަކު ހުންނެވުމުން ރީޖަނަލް ހޮސްޕިޓަލްތަކުގައި އެކަން ކުރުމުގެ ފުރުސަތު މިވަނީ ފަހިވެފައި،" ޑރ. ޙަބީބު ވިދާޅުވިއެވެ.
އަތޮޅުތެރޭގައި މިފަދަ އޮޕަރޭޝަންތައް ކުރުމަކީ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާވާނެ ކަމެކެވެ. އެޗުއާރުއެޗުގައި ކުރި ކާމިޔާބު އޮޕަރޭޝަން ކުރެއްވި ޓީމުގެ އިސްބޭފުޅާ ޑރ. ޢަލީ މުޒުނީގެ ވެއިޓިން ލިސްޓުވަނީ ކުރިއަށްއޮތް 18 މަހަށް ފުލްވެފައެވެ. އެހުރިހާ އޮޕަރޭޝަންތަކެއް އައިޖީއެމްއެޗުގައި ކުރާކަމަށްވާނަމަ ވަރަށް ވަގުތުނަގާނެއެވެ. ސަބަބަކީ ކޮންމެ ދުވަހަކު އެ އޮޕަރޭޝަންތައް ކުރައްވަން ތިއޭޓަރު ލިބުމުގައި ދަތިތަކެއް ދިމާވެދާނެތީއެވެ. އައިޖީއެމްއެޗުގެ ތިއޭޓަރަކީ ތަފާތު އޮޕަރޭޝަންތައް ކުރަންޖެހޭ ތަނަކަށް ވުމުން އެއްކަމަކަށް އެތަން ބިޒީ ކޮށްފައި ބެހެއްޓުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އޭގެ އިތުރަށް އެނދު ލިބުމާއި ހޭނައްތާ ޑޮކްޓަރުން ލިބުމާއި މިފަދަ އެތައް ކަމެއްދިމާވެގެން ބޭނުންވާ ވަގުތަކު އޮޕަރޭޝަން ނުކުރެވި ދިޔުމަކީ މިހާރުވެސް އައިޖީއެމްއެޗުގައި ހިނގާ ކަންކަމެވެ.
ކޮންމެ ރީޖަނަލް ހޮސްޕިޓަލެއްގައި ވެސް ކަށީގެ ޑޮކްޓަރަކު އެބަހުންނެވިއެވެ. އެހެން ކަމުން ޑރ. މުޒުނީ ފަދަ ބޭފުޅުން އެފަދަ ހޮސްޕިޓަލްތަކަށް ވަޑައިގެން އޮޕަރޭޝަން ކުރެއްވުމަށްފަހު ޖެހިގެން އަންނަ ދުވަހު ބަލިމީހާ ބެއްލެވުމަށްފަހު އެ ހޮސްޕިޓަލުގައި ހުންނަވާ ކަށީގެ ޑޮކްޓަރާ ޙަވާލު ކުރެއްވުމަށްފަހު މާލޭ ވަޑައިގަނެވިދާނެއެވެ. މިގޮތަށް ހެއްދެވުމުން އެތައް ގޮތަކުން ފަސޭހަވެގެން ދެއެވެ.
މާލެ ގޮސްގެން އެފަދަ އޮޕަރޭޝަނެއް ކުރާކަމަށް ވާނަމަ މާލެ ދިޔުމުގެ ޚަރަދާއި، ތިބުމުގެ ޚަރަދާއި، ބައެއް ފަހަރު އޮޕަރޭޝަނުގެ ޚަރަދާއި މިހެން ގޮސް އެތައް ފައިސާއެއް ޚަރަދު ކުރަންޖެހެއެވެ. އައްޑޫ ފަދަ އާބާދީ ބޮޑު ތަންތަނުގައި މިފަދަ އޮޕަރޭޝަން ކުރަން ފެށުމުން މިފަދަ ކަންކަމަށް ވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށް ޑރ. ޙަބީބު ވިދާޅުވިއެވެ. ރީޖަނަލް ހޮސްޕިޓަލްތަކުގައި މިފަދަ އޮޕަރޭޝަންތައް ކުރަން ފެށުމުން އެއީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހަ ކަމެއް ކަމަށް ވެސް ޑރ. ޙަބީބު ވިދާޅުވިއެވެ.
"ހުޅުބަދަލު ކުރުމުގެ އޮޕަރޭޝަންކުރަނީ އެހެން ގޮތެއްނެތީމައި. ބޭސްދީގެން، ފިޒިއޯ ހަދައިގެން ވެސް އަދި ނިދިން މަހުރޫމުގެ ހިނގައި ބިނގައި ނޫޅެވޭވަރުވީމައި މި އޮޕަރޭޝަން ކުރަން މިޖެހެނީ،" ޑރ. ޙަބީބު ވިދާޅުވިއެވެ.
ރާއްޖެ މިދަނީ ތަރައްޤީވަމުން ކުރިއަރަމުންނެވެ. މިފަދަ އޮޕަރޭޝަންތައް ވެސް ރީޖަނަލް ހޮސްޕިޓަލްތަކުގައި ކުރައްވަން އުޅުއްވުމުން އެކަންވެސްވީއެވެ. އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށްބަލައިގެން ތިއްބަސް ނުވާނެއެވެ.