
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ޢިލްހާމް އަޙުމަދުގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ދެންމެ ޙުކުމް ކުރައްވައިފިއެވެ.
ސްޕްރީމްކޯޓުން މިގޮތަށް ޙުކުމް ކުރެއްވީ އިލްހާމް އަޙުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުއްވުމުން ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދެއްވުމަށް އެދި އެމައްސަލް ސްޕްރީމް ކޯޓަށް ހުށަހެޅުއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއެވެ. އެގޮތަށް ކަނޑައެޅި އެބޭފުޅަކު މަޖިލީހަށް އިންތިޚާބުވާ ޕާޓީ ނޫން ޕާޓީއަކަށް އަމިއްލައަށް ދިޔުމުން ނުވަތަ ޕާޓީން ވަކިވުމުން ނުވަތަ ވަކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ސްޕްރީމްކޯޓުން ނިންމެވި ނިންމެވުމަށް ރިޢާޔަތް ކުރައްވައިގެންނެވެ.
އިލްހާމްގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމަވައިފައިވަނީ ސްޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުން ނެރުއްވި ޙުކުމުގައި ވިދާޅުވެފައިވަނީ ގޮނޑި ގެއްލޭނެ ކަމަށް ސްޕްރީމް ކޯޓުން މިދިޔަ އަހަރު ނެރެފައިވާ އަމުރުގައި ވިދާޅުވެފައިވާ ކަންކަމަށް އިލްހާމް ނުފެތޭ ކަމަށެވެ. އެހެން ކަމުން އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވިޔަސް އޭނާގެ ގޮނޑި ނުގެއްލޭނެ ތަނެއް ނެތްކަމަށް ސްޕްރީމް ކޯޓުންވަނީ ނިންމަވައިފައެވެ.
ސްޕްރީމް ކޯޓުން މިއަދުވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު ޢަބްދުﷲ އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝިނާންގެ ގެނޑިވެސް ނުގެއްލޭ ކަމަށް ނިންމަވައިފައެވެ. އިތުރު މެމްބަރުންގެ ގޮނޑިއާމެދު ސްޕްރީމް ކޯޓުން މިއަދު ގޮތް ނިންމާނެ ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.