
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމަށް އަބަވެސް އިޙުތިރާމާއި ޝުކުރު އޮންނާނެ ކަމަށް ގަލޮޅު ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޙުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަށް އިޙްތިރާމާއި ޝުކުރު އަބަދުވެސް އޮންނާނެ ކަމަށް މަޙުލޫފް ވިދާޅުވީ ޕީޕީއެމްގެ އަހަރީދުވަހުގެ މުނާސަބަތުގައި ކުރެއްވި ތަހުނިޔާގެ ޓްވީޓެއްގައެވެ.
އެޓްވީޓުގައި އޭނާ ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަހަރީދުވަހުގެ މުނާސަބަތުގައި "ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް" އާއި އެންމެހާ މެމްބަރުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.
ޕީޕީއެމްގެ ލޯގޯ ހުށަހެޅުމާއި އެޕާޓީ އުފެއްދެވުމުގެ މަސައްކަތުގައި އުޅުއްވެވުނީތީ އުފާ ކުރައްވާ ކަމަށް ވެސް މަޙުލޫފް ވިދާޅުވެފައި ވެއެވެ.
"ޕީޕީއެމްގެ އަހަރީދުވަހުގެ ތަހުނިޔާ ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށާއި، އެންމެހާ މެމްބަރުންނަށް އަރިސްކުރަން. ޕީޕީއެމްގެ ލޯގޯ ހުށަހަޅައި އަދި ޕާޓީ އުފެއްދުމުގެ މަސައްކަތް ކޮށްދެވުނީތީ އުފާކުރަން. ރައީސް މައުމޫނަށް އަޅުގަނޑުގެ އިޙްތިރާމާއި ޝުކުރު އަބަދުވެސް އޮންނާނެ،" މަޙުލޫފުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޕީޕީއެމްއެމްގެ އެތެރޭގައި އުފެދުނު މައްސަލަތަކެއްގެ ސަބަބުން އެޕާޓީގެ ރައީސް މައުމޫން ވަނީ މަޤާމުން ވަކިކުރައްވައިފައެވެ. އެއަށްފަހު ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވައިފައިވަނީ އެޕާޓީގެ މުޝްތަޝާރު ރައީސް ޢަބްދުޔާމީން ޢަބްދުލްޤައްޔޫމެވެ.
ސެޕްޓެމްބަރު 23 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމުންވަނީ ކުއްލި ކޮންގްރެސްއެއް ބާއްވައި ޕާޓީގެ އެންމެ މަތީމަޤާމްތަކަށް ބޭފުޅުން އިންތިޚާބު ކުރައްވައިފައެވެ. އެގޮތުން ރައީސަކަށް އިންތިޚާބު ކުރައްވައިފައިވަނީ ރައީސް ޢަބްދުﷲ ޔާމީނެވެ.
ޕީޕީއެމުން ކޮންގްރެސް ބޭއްވިޔަސް އެކަން ކުރައްވައިފައިވަނީ ބައެއް އިޖުރާތުތައް ފުރިހަމަނުކޮށް ކަމަށްވާތީ އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އެ ކޮންގްރެސްއިން ނިންމެވި ނިންމެވުންތައް ބަލައި ނުގަންނަވާ ކަމަށެވެ.