ޖުމްހޫރީ ޕާޓީގެ ބާނީ އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމް ޖަލަށް ލުމަށް މިދިޔަ އަހަރު ކުރައްވާފައިވާ ހުކުމް މިއަދު ބާތިލް ކުރައްވައިފައެވެ.
ތިން އަހަރާއި ދެ މަހަށް ގާސިމް ޖަލަށް ލެއްވުމަށް ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓުންނެވެ. އޭނާގެ މައްޗަށް އެފަދަ ހުކުމެއް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވި ކަމުގެ ކުށް ސާބިތުވުމުންނެވެ.
އެ ހުކުމް އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރައްވައިފައެވެ. ގާސިމް ދޫކޮށްލެއްވީ ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުފާނުގެ އަޑު އެހުމުގައެވެ. މިއަދުގެ ހުކުމުގައި ހައކޯޓުން ވިދާޅުވެފައިވަނީ ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވައިފައިވަނީ އުސޫލުތަކުން ބޭރުން ކަމަށެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވުމުން ދުވަސްކޮޅަކު ޖަލުގައި ހުންނެވުމަށްފަހު ބޭސްފަރުވާއަކަށް ބޭރަށް ވަޑައިގެންފައެވެ. ބޭރަށް ވަޑައިގެން އޭނާވަނީ ޖަރުމަނުވިލާތުން ހިމާޔަތް ވެސް ހޯއްދަވައިފައެވެ.
ގާސިމް ރާއްޖެ ވަޑައިގެންނެވީ މިމަސްތެރޭގައެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ ހައިކޯޓަށް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓުން އަމުރު ކުރެއްވުމުންނެވެ.
ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރައްވައިފައިވާ ހުކްމް ވެސް ކޯޓުން ވަނީ ބާތިލް ކުރައްވައި މައުމޫން މިނިވަން ކުރައްވައިފައެވެ.