ޤާނޫނީ އަދި ތާރީޚީ ނަޒަރަކުން ޖުމްހޫރީ ދުވަހާއި ރިޔާސީ ދައުރު

ދިވެހިރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުން މި އަންނަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމުކުރެވުނު ދުވަހެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވުނު ދުވަހެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހު 11 ވަނަ ދުވަސް "ޖުމްހޫރީ ދުވަސް" ކަމަށް އަޅުގަނޑުމެން ފާހަގަކުރަނީ ކީއްވެގެންތޯއެވެ؟ އެއީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ދާއިމީ ގޮތެއްގައި ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވި ބަދަލުވުން ފާހަގަކުރުމަށްޓަކައިތޯއެވެ؟ ނުވަތަ އެއީ ރިޔާސީ ދައުރު ހަމަވާ ދުވަސް ކަމަށް ވާތީތޯއެވެ؟ ނުވަތަ ކޮންމެ 5 އަހަރަކުން އެއް ފަހަރު ރިޔާސީ އާ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ޤާނޫނީ ހުވާކުރައްވާތީތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބު ތާރީޚީ ނަޒަތަކުންނާއި ޤާނޫނީ ވިސްނުމަކުން އެރުވޭތޯ ބަލައިލާން މިއަދު ހިތަށް އެރީއެވެ.

ތާރީޚުގެ ތެރެއަށް ޚިޔާލުގެ ވާފަށް ދޫކޮށްލާއިރު ފެންނަން އޮތީ މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަސްގެފާނު އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އާއި އޭރުގެ ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެކުއެކީގައި އިސްތިޢުފާ ދެއްވި މަންޒަރެވެ. މި ޙާދިސާއާ ގުޅިގެން ރާއްޖޭގެ ސިޔާސީ ޙަޔާތަށް އާދަޔާ ޚިލާފު ލޮޅުމެއް އެރިއެވެ. ރަސްކަމުގެ ތަޚުތު ހުސްވެ އެތައް ދުވަހެއް ވެއްޖެއެވެ. އެކިފަހަރު އެކިގޮތަށް އިވެމުންދިޔަ އަޑުތަކެއްގެ ތެރެއިން ދެންފެނުނީ ތަޚުތު ހުސްކޮށް ހުއްޓައި ޤައުމު ހިންގެވުމުގެ އެންމެ މަތީ މަސްއޫލިއްޔަތު ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަނެވެ. ވަލީ ކޮމިޓީގެ ނަމުގައެވެ. ނަމަވެސް ދެން ފެނުނީ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަމުގެ މަޤާމު ދިވެހީން އެރުވި ތަނެވެ. އެއީ 11 އޭޕްރީލް 1943 ގައެވެ. އޭރު އެ ކިލެގެފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެހެންވެ ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަޖެހޭ ގޮތް ނުވެ ގިނަދުވަސްތަކެއް ވެއްޖެއެވެ. އެހެންކަމުން ދެންވެސް ތަޚުތު ހުރީ ފަޅަށެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަ ދުވަސްވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ފެށުނެވެ. މިގޮތުން ގިނަ ބައްދަލުވުންތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް އޮތްކަމުގައި ވިޔަސް ޤައުމުގެ އެންމެ މަތީ ވެރިއެއްގެ މަޤާމުގައި ހުންނަވާން ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުކަމަށް އެއްބަސްވެވުނެވެ. ނަމަވެސް ރާއްޖޭގެ ދާޚިލީ ޙާލަތާއި ޚާރިޖީ މަސްރަޙު އޮތް ގޮތުން ރަސްކަކުގެ ތަޚުތަށް އިސްވެވަޑައިގަންނަވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއްނުވިއެވެ. ދިވެހި ދަރިންނަށްޓަކައި ސިލޯނުގައްޔާއި، އެހެން ޤައުމުތަކުގައި މުޙަންމަދު އަމީނު ކުރައްވާ ޚިދުމަތްތަކުން ދިވެހި ޤައުމު މަޙުރޫމްކުރެއްވުމަކީ ޤައުމުގެ ޙައްޤުގައި ކުރައްވައިގެންވާނެ ކަމެއް ކަމަކަށް އަމީންދީދީ ދެކެވަޑައެއް ނުގަތެވެ. އެންމެފަހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތުގެ މައްޗަށް ކުރެވުނު އެތައް ބަހުސްތަކާއި މަޝްވަރާތަކަށްފަހު ނިމުނީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށް ޟަރޫރަތްތެރިކަން މަޖުބޫރުކޮށްފި ކަމުގައެވެ.

މި ދެންނެވި ގޮތުގެމަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ، ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953 ގައެވެ. އެހެންވީމާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ފެށުނީ ޖެނުއަރީ 1 ގައެވެ. ރާއްޖޭގެ ޖުމްހޫރީ ދުވަހަކަށް ބަލަން އެންމެ އެކަށީގެންވާ ދުވަހަކީ ވެސް އެއީއެވެ. އަޅުގަނޑުގެ ނަޒަރުގައެވެ.

އިސްވެ ދެންނެވުނު ގޮތުގެ މަތީން ރާއްޖެގައި ތަޢާރުފުކުރެވުނު ޖުމްހޫރިއްޔަތު ރާއްޖޭގައި ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. އެއީ 7 މާޗް 1954 ގައެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ ޖަލާލަތުލްމަލިކު މުޙަންމަދު ފަރީދުލްއައްވަލް އެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤައިމް ކުރެވުނެވެ. އެއީ ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްޔޯ ބަލަން ނެގި ޢާއްމު ވޯޓަކުން ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރިއްޔަތެއްކަމަށް ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ފާސްވުމާއެކުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އޭރުގެ ވަޒީރުލްއަޢުޒަމް ޞދ. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބުކުރެވުނެވެ. އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާކުރެއްވީ 11 ނޮވެމްބަރ 1968 ގައެވެ.

ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަހެއްގެ ގޮތުގައި އޭގެ ފަހުން ކޮންމެ އަހަރަކު ނޮވެންބަރުމަހު 11 ވަނަ ދުވަސް މިއަންނަނީ ފާހަގަކުރަމުންނެވެ. މިއީ ދެވަނަ ޖުމްހޫރިއްޔަތު ޤާއިމުކުރެވުމުގެ ކުރީން ރާއްޖޭގައި ފާހަގަކުރި ދުވަހެއް ނޫނެވެ. މި ދުވަސް ފާހަގަކުރައްވަން ނިންމެވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނެވެ. އެއީ ޤާނޫނު އަސާސީން ނުވަތަ ޤާނޫނަކުން ކަނޑައަޅައިގެން ފާހަގަކުރާ ދުވަހެއް ނޫނެވެ. އެއީ ސަރުކާރުން ބޭނުންފުޅުނަމަ ބަދަލުކުރެވިދާނެ ވެސް ދުވަހެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ފިޔަވައި ރާއްޖޭގައި ފާހަގަކުރާ ދުވަސްތައް ކަނޑައަޅުއްވަނީ ދިވެހި ސަރުކާރުންނެވެ. ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ކަނޑައަޅައިފައި ވަނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 15 ވަނަ މާއްދާގައެވެ. އެހެން އެއްވެސް ދުވަހެއްގެ ވާހަކައެއް ޤާނޫނު އަސާސީގައެއް ނުވަތަ ޤާނޫނެއްގައި ވެސް ފާހަގަކޮށްފައެއް ނެތެވެ. ބައިނަލްއަޤުވާމީ ގޮތުން (ފާހަގަކުރާ ދުވަސްތައް) ވެސް ކަނޑައެޅިފައިވާ ދުވަސްތައް ފާހަގަކުރުމާއި ނުކުރުން ބިނާވެފައި އޮންނަނީ ސަރުކާރުން ނިންމަވާ ނިންމެވުމެއްގެ މައްޗަށެވެ.

ފާހަގަކޮށްލުން އެކަށީގެންވާ ކަމަކީ ޖުމުހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހު 11 ވަނަ ދުވަސްކަމެވެ. ކުރީން ވެސް ދަންނަވައިލި ފަދައިން މި ދުވަސް މި ފާހަގަކުރަނީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމުހޫރިއްޔަތެއް ޤާއިމުކުރެވުމުގެ މުނާސަބަތުގައިކަމެވެ. މިއީ އެ ދުވަހެއްގައި ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ އަކު ހުވާކުރަންޖެހޭ ދުވަހެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް 45 އަހަރުވަންދެން ކޮންމެ އަހަރަކު ނޮވެންބަރު މަހު 11 ވަނަ ދުވަހަކީ 5 އަހަރުގެ ރިޔާސީ ދައުރު ހަމަވާ ދުވަސްކަމަށް ވާތީ އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އާ ދައުރަކަށް ހުވާކުރެއްވުން އޮވެއެވެ. މި ރަސްމިއްޔާތު ކުރިން އޮންނަނީ އެ ދުވަސް ފެށޭ ވަގުތުގައެވެ. ނޮވެންބަރު މަހު 11 ވަނަ ދުވަސް ފެށޭ، (10 ވަނަ ދުވަހުގެ ރޭ) 00:00 ގައެވެ. ނަމަވެސް ހުވާކުރެއްވުން ނޮވެންބަރު 11 ވަނަ ދުވަހު 10:00 އަށް ފަހުން ބަދަލުކުރެއްވީ ރައީސް މައުމޫނުގެ ޒަޢާމަތުގައެވެ.

ރިޔާސީ ދައުރު ފެށޭ ދުވަސް ބަދަލުވީ 2013 ވަނަ އަހަރުން ފެށިގެންނެވެ. އެއީ އެ އަހަރު އޮތް ރިޔާސީ އިންތިޚާބު ދެ ފަހަރެއްގެ މަތީން ބާޠިލުކުރެވި އަލުން އިންތިޚާބު ބާއްވަންޖެހުމުގެ ސަބަބުން ނޮވެންބަރު 11 އައި އިރު ވެސް އަލަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުވާގޮތް ނުވީތީއެވެ. ނޮވެންބަރު 11 ގައި ރިޔާސީ ދައުރު ހަމަވިޔަސް އަލުން ރައީސުލްޖުމުހޫރިއްޔާއަކު އިންތިޚާބު ކުރެވި ހުވާކުރައްވަންދެން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ރައީސްގެ ރައީސްކަން ދެމިގެން ދާނެކަމަށާއި އެއީ ޤާނޫނީ ހުސްކަމެއް އަންނާނެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ވަނީ ނިންމަވައިފައެވެ.

ކޮންމެއަކަސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤާއްޔޫމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވީ 17 ނޮވެންބަރު 2013 ގައެވެ.  ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) ގައި ސާފު ޞަރީޙަ ޢިބާރާތުން ބަޔާންކުރައްވައިފައިވަނީ "ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ." މިފަދައިންނެވެ. އެހެންކަމުން ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ 17 ނޮވެންބަރު 2018 އަށެވެ. 17 ނޮވެންބަރުގައި ރައީސް ޔާމީން ރިޔާސީ ދައުރު ފެއްޓެވީ ޤާނޫނުގައިވާ ގޮތުގެ މަތީންނެވެ. އެ ދުވަހަށް ލަސްކުރެއްވީ އަމިއްލަފުޅަކަށް ވެސް ނޫނެވެ.

އަދިވެސް ފާހަގަކޮށްލަން ބޭނުމެވެ. ނޮވެންބަރު 11 ވަނަ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވަންޖެހޭ ދުވަސްކަމަށް ޤާނޫނު އަސާސީގައި ނުވަތަ އެއްވެސް ޤާނޫނެއްގައި ކަނޑައަޅައި ބަޔާންކޮށްފައެއް ނެތެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަނީ ދައުރުގެ ދިގުމިނެވެ. 5 އަހަރު ދުވަހެވެ. ހިޖުރީ އަހަރެއް ކަމެއް ނުވަތަ މީލާދީ އަހަރެއް ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ޤާނޫނު އަސާސީގެ 272 ވަނަ މާއްދާގައި ވަނީ "މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އުމުރުތަކާއި، މުއްދަތުތަކާއި، ތާރީޚުތައް ބަލާނީ މީލާދީ ކަލަންޑަރުން" ކަމަށެވެ. އަދި މި ވޭތުވެ ދިޔަ ހުރިހާ އަހަރެއްގައި ވެސް މުއްދަތު ގުނައިފައިވަނީ މީލާދީ ގޮތުން ކަމަށް ވާތީ އެއީ މީލާދީ 5 އަހަރުކަން އެބަ އެނގެއެވެ. ނުވަތަ ދިވެހި މުޖުތަމަޢު ޤަބޫލުކުރަނީ އެ ގޮތަށެވެ.

ޤާނޫނު އަސާސީގައި ރައީސް ހުވާކުރައްވާނެ ދުވަހެއް ކަނޑައަޅުއްވައިފައެއް ނެތެވެ. ކަނޑައަޅުއްވައިފައި އޮތް ނަމަވެސް އެ ތާރީޙުގައި ދައުރު ނުފެއްޓެވިއްޖެ ނަމަ، 5 އަހަރުގެ މުއްދަތު ހަމަކުރާންޖެހޭނީ (ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) އާ ތަޢާރުޟުވުމެއް ނެތި) ދައުރު ފެއްޓެވި ތާރީޚުން ފެށިގެންނެވެ. މިކަން 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުނު ތާރީޚާއި މެންބަރުން ހުވާކުރައްވައި މެންބަރުކަމުގެ (5 އަހަރުގެ) ދައުރު ފުރިހަމަކުރެއްވި ތާރީޚަށް ބަލައިލުމުން ވަރަށް ސާފުކޮށް އެނގެއެވެ.

2008 ން ފެށިގެން ޢަމަލުކުރެވެމުން އަންނަ "ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ"ގެ ދަށުން އަލަށް އިންތިޚާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 15 ފެބްރުވަރީ 2009 ގެ ކުރިން ބާއްވަންވާނެ ކަމަށް އެ ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވެއެވެ. މި ގޮތުގެ މަތީން އިންތިޚާބުކުރެވޭ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ހުވައިކޮށް މަސްއޫލިއްޔަތާ ޙަވާލުވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 2009 މާރިޗު މަހު 1 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެ ކަމަށް އިސްވެ ދެންނެވުނު 296 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ޤާނޫނުއަސާސީ ގައިވާ ތާރީޚުތަކާ ޚިލާފަށް މި އިންތިޚާބު ބޭއްވީ 9 މޭ 2009 ވީ ހޮނިހިރު ދުވަހު އެވެ. އިންތިޚާބުކުރެވުނު މެންބަރު ހުވައިކުރައްވައި ފުރަތަމަ ޖަލްސާ ބޭއްވީ 28 މެއި 2009ގައެވެ.  އެހެންނަމަވެސް އެ ބޭފުޅުންގެ 5 އަހަރު ދުވަހުގެ މުއްދަތު ހަމަވީ 15 މާރިޗު 2014 އަކަށް ނޫނެވެ. 28 މެއި 2014 އަށެވެ. އެބޭފުޅުން ހުވާކުރެއްވިތާ 5 އަހަރު ހަމަވާ ތާރީޚުގައެވެ. އެހެނީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ވަނީ "ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބުކުރުމަށްފަހު، ފުރަތަމަ ޖަލްސާކުރާ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހެވެ." މިފަދައިންނެވެ. މިއީ ޤާނޫނުއަސާސީގައި ވަކި ގޮތަކަށް ޢަމަލުކުރަން އޮތް ކަމެއްގައި ވެސް މުއްދަތަށް އިސްކަން ދެވިފައިވާ ގޮތެވެ.

ރައީސް އިބްރާހީމް ނާޞިރާއި ރައީސް މައުމޫންގެ ވެރިކަމުގައި ނޮވެންބަރު 11 ގައި ހުވާކުރެއްވެމުން އައީ އެއްވެސް ސަބަބަކާ ހުރެ އިނތިޚާބުގެ މުއްދަތު ފަސްވެފައި ނުވާތީއެވެ. އަމާންކަމާއެކު ނޮވެންބަރު 11 އަންނަންވާއިރަށް ހުރިހާ ކަމެއް ހަމަޖެހިފައި އޮންނާތީއެވެ. މިއަދުގެ ޙާލަތުގައި ދިވެހިރާއްޖޭގައި އެކި ސިޔާސީ ޕާޓީތައް އުފެދި އިންތިޚާބު ވާދަވެރިވެ، އެކި ފަހަރުމަތިން ވޯޓުލާންޖެހުމާ ގުޅިގެން ނޮވެންބަރު 11 އަންނަންވާ އިރަށް އިންތިޚާބު ނުނިމުމަކީ ދެރަކަމެއް ނަމަވެސް އެއީ ޤާނޫނީ ގޮތުން މައްސަލައެއް ކަމަކަށް ނުފެނެއެވެ. އެހެނީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީގެ މި ނިޒާމުގައި އާ ޤާނޫނުއަސާސީ ވުޖޫދަށް އައިފަހުން ފުރަތަމަ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަންޖެހޭ ތާރީޚާއި އެ މަޖްލީސްގެ މެންބަރުން ހުވާކުރައްވަން ޖެހޭ ތާރީޚު ޤާނޫނުއަސާސީގައި ކަނޑައަޅައިފައިވާ ތާރީޚުތަކުގައި ބޭއްވިފައެއް ނުވެއެވެ. ނަމަވެސް ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ބަޔާންކޮށްފައިވާތީ އެ މަޖްލިސްގެ 5 އަހަރުގެ މުއްދަތު ހަމަކޮށް ދެން އޮތް 18 ވަނަ މަޖްލިސްގެ މެންބަރުން ހުވާކުރެއްވީ، މެއި މަހު 28 ގައެވެ. މާރިޗު ފަނަރައިގައެއް ނޫނެވެ.

ވީމާ، ކޮންމެ ފަދަ ޙާލަތެއް ދިމާވި ނަމަވެސް ޤާނޫނުއަސާސީގައި އޮތް އެއްޗެއް ބަދަލުވެއްޖައުމަށް ދާންދެން ރިޔާސީ ދައުރުގެ މުއްދަތާއި ރައްޔިތުންގެ މަޖިލީހުގެ ދައުރެއްގެ މުއްދަތަކީ މީލާދީ ފަސް އަހަރުކަން ވަރަށް ސާފުކޮށް އެބައެނގެއެވެ. ކޮންމެ ސަބަބަކާހުރެ ކޮންމެ ޙާލަތެއް ދިމާވެގެން ނަމަވެސް މަޤާމާ ޙަވާލުވުން ލަސްވެގެން ނަމަވެސް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއްދަތެއް ހަމަކުރުމުގައި ބަލާންޖެހޭނީ މަޤާމުގެ މަސްއޫލިއްޔަތާ ޙަވާލުވާ ދުވަހުން ފެށިގެން 5 އަހަރު ދުވަސްކަމާމެދަކު އެއްވެސް އޮޅުމެއްނެތެވެ.

މިހާހިސާބުން ބައެއް ބޭފުޅުން އުފައްދައިފާނެ ސުވާލެއް އެބަ އޮތެވެ. އެއީ 11 ނޮވެންބަރު 2013 ން ފެށިގެން އެމަހު 7 އާ ހަމައަށް ވޭތުވި ހައެއްކަ ދުވަހަކީ ރިޔާސީ ކޮން ދައުރެއްގެ ދުވަސްތަކެއްތޯ އުފައްދައިފާނެ ސުވާލެވެ. އެއީ ޚާއްޞަ ޙަލަތެއް މެދުވެރިވެގެން ދިވެހި ދައުލަތް ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓުނަ ނުދެއްވުމަށް ސުޕްރީމް ކޯޓުން ހޯއްދަވައިދެއްވި ޙައްލެކެވެ. އެއީ ރައީސް ޔާމީންގެ ރިޔާސަތުގެ ދައުރާ އެއްވެސް ގުޅުމެއް ހުރި ދުވަސްތަކެއް ނޫނެވެ. އެހެނީ ނޮވެންބަރު 11 އައި އިރު އަދި ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބެއްވެސް ނުކުރެވެއެވެ. ރައީސް ނަޝީދުގެ ރިޔާސީ ދައުރުގެ ބާކީބައި ޑރ. ވަޙީދު ވަނީ ނޮވެންބަރު 11 އާ ހަމައަށް ފުރިހަމަކުރައްވައިފައެވެ. އެހެންވީމާ އެ ހައެއްކަ ދުވަސް ވާނީ ޤައުމު ޤާނޫނީ ހުސްކަމަކަށް ދިޔަ ނުދިނުމަށްތަކައި ސުޕްރީމް ކޯޓުން ހޯއްދެވި ޚާއްޞަ ފަރުވާއެއްގެ ދަށުން ޑރ. ވަޙީދު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ދެމިހުންނެވި ހައެއްކަ ދުވަހަށެވެ. ކޮންމެއަކަސް، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ 17 ނޮވެންބަރުގައިކަމީ އޮޅުމެއް ނެތް ހަގީގަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވެނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރުމުން ކަމަށާއި ރިޔާސީ ދައުރެއްގެ ދިގުމިނަކީ ފަސްއަހަރު ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ވާ ވާހަކަ އިސްވެ ހިންގައްޖެއެވެ. އެހެންވީމާ މިހާރު ދިމާވެފައިވާ ގޮތުން ރާއްޖޭގެ ރިޔާސީ ދައުރު ފެށެނީ އަދި ނިމެނީ ވެސް ނޮވެންބަރުމަހު 17 ގައިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

ބައެއް ބޭފުޅުންނަށް އޮޅުންއަރާ ކަމަށް އަޅުގަނޑަށް ފެންނަނީ ހީފުޅުވާ ކުށް ހީފުޅެއްގެ ސަބަބުންނެވެ. އެއީ ނޮވެންބަރު 11 އަކީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވަންޖެހޭ ދުވަސްކަމަށް ހީފުޅުވާ ހީފުޅުވުމެވެ. ނަމަވެސް ދަންނަވަން ޖެހެނީ ޖުމްހޫރީ ދުވަހަކީ ރަސްކަން ދޫކޮށް ދިވެހިން ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތު ބަލައިގަތް ދުވަސްކަމެވެ. އެއީ ހުވާކުރާ ދުވަހަށްވާތީ ފާހަގަކުރާ ދުވަހެއް ނޫނެވެ. ރިޔާސީ އާ ދައުރަކަށް ހުވާކުރުމުގެ މުނާސަބަތުގައި ފާހަގަކުރާ ދުވަހެއް ނަމަ އެ ދުވަސް ކޮންމެ އަހަރަކު އެއް ފަހަރު ފާހަގަކުރަނީ ކީއްވެބާވައެވެ. ރިޔާސީ ހުވާކުރެއްވުން އޮންނަނީ ކޮންމެ 5 އަހަރަކުން އެއް ފަހަރު ކަމަށްވާތީ އެ ކަމާ ގުޅުވައިގެން ފާހަގަކުރާ ދުވަހެއް ނަމަ އެ ދުވަސް ފާހަގަކުރާންޖެހޭނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުތާއެވެ. ނަމަވެސް އެއީ ދިވެހިރާއްޖޭގައި ޖުމުހޫރިއްޔަތެއް ޤާއިމުކުރެވުމުގެ މުނާސަބާ ފާހަގަކުރާ ދުވަހެވެ. އެއީ ކޮންމެހެން ޤާނޫނަކުން ނުވަތަ ޤާނޫނު އަސާސީގައި ފާހަގަކުރާން އޮންނަ ދުވަހެއް ވެސް ނޫންކަމެވެ. ސަރުކާރުން ބޭނުންފުޅު ނަމަ، އެއީ ފާހަގަނުކުރާ ދުވަހެއް ކަމަށް ވެސް ނިންމިދާނެއެވެ. އަދި އެއީ 17 ނޮވެންބަރު ކަމަށް ބަދަލުވެސް ކުރެއްވިދާނެއެވެ. 2013 އާ ހަމައަށް އެ ދުވަހު ރައީސުލްޖުމުހޫރިއްޔާ ހުވާކުރައްވަމުން ގެންދެވީ، އެއީ އެ ދުވަހަށް ރިޔާސީ ދައުރު ހަމަވާތީއެވެ. އެއީ ޖުމްހޫރީ ދުވަސްކަމަށް ވާތީކީ ނޫނެވެ. ދިމާވި ސަބަބަކާ ހުރެ، ދިވެހިރާއްޖޭގެ ކަންކަން ބަދަލުވަމުން އައިސް މިހާރު މި އޮތީ ރިޔާސީ ދައުރު ފަށާ ދުވަސް ބަދަލުވެފައެވެ. މިހާރު ރިޔާސަތުގެ 5 އަހަރު ހަމަވަނީ ތަކުރަރުކޮށް ދަންނަވަމުން މިއަންނަ ފަދައިން ނޮވެންބަރު މަހު ސަތާރައިގައެވެ. ނޮވެންބަރު އެގާރައަކު ނޫނެވެ. ދިމާވާ ޙާލަތެއްގެ ސަބަބުން އެހެން ތާރީޚަކަށް ބަދަލުވަންދެނެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

2 ޚިޔާލު

  1. ރަގަޅު ލިޔުމެއް. އަޅުގަނޑުގެ ސުވާލުތަކެއް އެބަހުރި.
    ވަހީދުގެ ވެރިކަން ނިމުނީ 2013 ނޮވެމްބަރ 11 ގައި.
    ޔާމީންގެ ވެރިކަން ފެށުނީ 2013 ނޮވެމްބަރ 17 ގައި.
    7 ދުވަހު ވަޙީދު ވެރިކަމުގަައި އިތުރަށް ހުންނެވި.
    އެއީ ކާކުގެ ވެރިކަމުގެ 7 ދުވަހެއްތޯ؟
    ސްޕްރީމް ކޯޓުން ވަހީދުގެ ވެރިކަމަށް 7 ދުވަސް އިތުރުކޮށް ދިނީތޯ؟
    ޔާމީންގެ ވެރިކަމުގެ 7 ދުވަސް ވަހީދާ ހަވާލު ކުރެއްވީތޯ؟
    ވެރިޔަކު ނެތް 7 ދުވަސް ސްޕްރީމް ކޯޓުން ހަވާލު ވެފައި ވަހީދާ ބެލެހެއްޓުން ހަވާލު ކުރީތޯ؟
    ވަހީދުގެ ވެރިކަން އިތުރު 7 ދުވަހަށް ދެމިގެން ދިޔަ ކަމަށް ވާނަމަ އެއީ ދައުރުން ބޭރު 7 ދުވަސް.
    ޔާމީންގެ ވެރިކަމުގެ 7 ދުވަސް ކަމަށް ވާނަމަ 11 ގައި ހުވާ ކުރަން ޖެހޭނެ.
    ކަނޑުމެދަށް ދިޔަ 7 ދުވަސް ނަމަ ހުވާ ކުރަން ޖެހޭނީ 17 ގައި.
    ވަހީދުގެ ވެރިކަމުގެ 7 ދުވަސް ނަމަ ހުވާ ކުރަން ޖެހޭނީ 17 ގައި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.