މިއަދަކީ ހިތާމަވެރި ދުވަހެކެވެ. ދިވެހިރާއްޖެ ތާއަބަދު އެބޭފުޅެއްގެ ޒިކުރާ އައު ކުރަމުން ގެންދާނޭ ފަޚުރުވެރި ދިވެހި ދަރިއަކު އަޅުގަނޑުމެނާ ވަކިވެގެން ދިޔަ ދުވަހެކެވެ. އަލްއަޚް މުޙައްމަދު ޒާހިރު ނަޞީރު އަވަހާރަވުމަކީ ޤުދުރަތީ ޤާނޫނުގެ ދަށުން ހިނގައިދިޔަ ކަމެއް ކަމަށް ގަބޫލު ކުރި ނަމަވެސް އެ ހިތާމަ ފިލުވައިލުމަކީ ދަތި ކަމަކަށް ވާނެއެވެ.
އަލްމަރްޙޫމް ޒާހިރު ނަޞީރަކީ ވަރަށް އާދަޔާ ޚިލާފު ބޭފުޅެކެވެ. އަޅުގަނޑަށް ވަނީ އޭނާގެ އަރިހުގައި މަސައްކަތް ކުރުމުގެ ޝަރަފު ލިބިފައެވެ. އަޅުގަނޑު ސަރުކާރުގައި މަސައްކަތް ކުރީ ކުޅިވަރުގެ ދާއިރާގައެވެ. ކުޅިވަރުގެ ދާއިރާގައި އަޅުގަނޑުމެން ޒާހިރު ނަޞީރަށް ކިޔާ ނަމެއް އޮވެއެވެ. އެއީ ސުން ސިކުންތެވެ. އެ ދުވަސްވަރު އެންމެން ކިޔައި އުޅޭ ނަމެކެވެ. އެހެން ކިޔަން ޖެހުނީ އޭނާ ގަޑިއަށް ފަރުވާ ބަހައްޓަވާލެއް ބޮޑު ކަމުންނެވެ. ގަޑިއަށް ކަންތައްތައް ކުރެއްވުމަކީ އޭނާގެ އާދައެކެވެ.
ޒާހިރު ނަޞީރަކީ ހީވާގި ކަމުގެވެސް ނަމޫނާއެކެވެ. އެއީ އެންމެ ފުރިހަމަ މާނައިގައި ލީޑަރެކެވެ. ކަމެއް ކުރާށޭ ވިދާޅު ވެފައި ދުރުގައި ހުންނަވާ ބޭފުޅެއް ނޫނެވެ. އެންމެންގެ ކުރީގައި ހުންނަވައިގެން އެކަމެއް ކުރެއްވުމުގައި އިސް ނަންގަވާނީ އޭނާއެވެ. މިއީ އޭނާޔާއެކު މަސައްކަތް ކުރެއްވި ހުރިހައި ބޭފުޅުން އެއްބަސްވާނޭ ހަގީގަތެކެވެ.
ޒާހިރު ނަޞީރު އަޅުގަނޑަށް ދެއްވައިފައިވާ ނަސޭހަތްތަކަކީ ދުވަހަކުވެސް ހަނދާން ނެތޭނޭ ނަސޭހަތްތަކެއް ނޫނެވެ. އޭގެ ތެރެއިން ދެތިން ނަސޭހަތެއް ފާހަގަ ކޮށްލާނަމެވެ.
ރާއްޖޭގެ ކުޅިވަރު ޓީމެއް ރާއްޖެއިން ބޭރަށް ފުރާން ތައްޔާރު ވަމުން ދިޔަ ދުވަސްވަރެވެ. ޓީމުގެ ކުދިންނާއި އޮފިޝަލުން މުލީއާގެއަށް ގޮސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ފައިންޕުޅު ދެކޭން އޮތް ރެއެކެވެ. ހުރިހައި ކުދިންނާއި އޮފިޝަލުން ޖެހެނީ ޚާއްޞަ ބްލޭޒަރެއް ލައިގެން ދާށެވެ. އެ ދުވަސްވަރަކީ އެކަހަލަ އެއްޗެހި މާލޭ ބާޒާރުން ގަންނާން ލިބޭ ދުވަސްވަރެއް ނޫނެވެ. ކޮންމެ އެއްޗެއްވެސް ޖެހޭނީ ފައްސާށެވެ. ޓީމަށް ބޭނުންވާ ބްލޭޒަރުތައް ފަހާން ހަވާލު ކޮށްފައި އޮތީ މާފަންނު ރުބިކަން އާއެވެ. އެ ގެ ހުންނަނީ މާފަންނު ސަހަރާ ކައިރީގައި މަޖީދީ މަގުގައެވެ.
އެންމެ ބްލޭޒަރެއް ފިޔަވައި ހުރިހައި ބްލޭޒަރެއް ލިބިއްޖެއެވެ. ނުލިބި އޮތް ބްލޭޒަރު ބަލައި ރުބިކަން އަށް ދާން ޖެހުނު ވަގުތު ދާނޭ މީހަކު ހޯދާން އުނދަގޫ ވެއްޖެއެވެ. އެ ވަގުތު ޒާހިރު ނަޞީރު ވިދާޅުވިއެވެ. "ތިޔަ ބަލައި ދާނީ އަހަންނާއި ނަޢީމާ ދެ މީހުންނެވެ. އަވަހަށް ހިނގާށެވެ."
އެރެއަކީ ވިއްސާރަ ރެއެކެވެ. އޭރުވެސް ހިމަފޮދު ވާރޭ ވެހެއެވެ. ޒާހިރު އަޅުގަނޑު ގޮވައިގެން އޭނާގެ މޮޓަރު ސައިކަލުގައި ރުބިކަން އަށް ވަޑައިގެންފިއެވެ. ބްލޭޒަރަކީ ފަށް ޖަހައިގެން ގެނެވޭނޭ އެއްޗަކަށް ނުވާތީ ރަބަރު އުރައަކަށް ލާފައި، ކޮނޑެއްގައި އަޅުވައިފައި އަޅުގަނޑުގެ އަތަށް އެގެއިން ބްލޭޒަރު ދީފިއެވެ. އެބުރި އައި އިރު އަޅުގަނޑު އިނީ ކޮނޑުގެ ބުޅިގަނޑުގައި އިނގިލި އަޅުވައިގެން އަތުކޮޅަށް ބްލޭޒަރު ދަމައިލައިގެން ޒާހިރު ނަޞީރުގެ ސައިކަލުގެ ފަހަތުގައެވެ.
އެއީ މާލޭގެ މަގުމަގުގައި ގައު އަތުރައިފައި އޮތް ދުވަސްވަރެއް ނޫނެވެ. މަޖީދީ މަގު އޮންނަނީ އޮށްވަޅުގޮނޑިއެއްހެންނެވެ. ވާރޭ ވެހެމުން ދިޔަ ދުވަހަކަށް ވާތީ މަގުގައި އޮތީ ފެން ހެދިފައެވެ. ޒާހިރު ނަޞީރު ފެނަކަށް ނުބައްލަވައެވެ. މަގުގެ އަރިމަތީގައި ހިކިތަން އޮތް ކަމުގައި ވިޔަސް ދުއްވަވަމުން ގެންދެވީ ފެންގަނޑުގެ ތެރެއިންނާ އެކުގައެވެ. އަޅުގަނޑުގެ ބޫޓުވެސް ކިސަޑުން ތަތްތެޅިއްޖެއެވެ.
އަޅުގަނޑު ދަންނަވައިފީމެވެ. "އަރިމަތީން އެހެރަ ފެންނަ ހިކި ތަނުން ދުއްވަވާން ވީ ނޫންތޯއެވެ؟"
ޒާހިރު ސުވާލު ކުރެއްވިއެވެ. "ކަލޭގެ އުމުރުން ކިހައި ދުވަހެއް ވެއްޖެ ހެއްޔެވެ؟"
އަޅުގަނޑު ދަންނަވައިފީމެވެ. "އޮނަވިހި އަހަރެވެ."
ޒާހިރު ވިދާޅުވިއެވެ. "އަހަރެންގެ މި ސައިކަލުގަނޑަށްވެސް ތިޔަޔަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކަލެއަށް ރަނގަޅު ނަސޭހަތެއް ދެން ހެއްޔެވެ؟ ވާރޭ ވެހޭ ދުވަހަކު ވާރެއަށް ނުކުމެ، ވާރޭ ހުއްޓުވަން ނޫޅޭށެވެ. ވާރެޔާ ތެމޭން ބޭނުން ނޫނިއްޔާ ހިޔަލުގައި ހުންނާށެވެ. ދުނިޔޭގައި އުޅޭނީ ދުނިޔެ އޮތް ގޮތަކަށެވެ."
ދެވަނަ ކަމަކަށް އޮތީ އަޅުގަނޑަށް ދިމާވީ ދެރަ ކަމަކާ ގުޅިގެން ދެއްވި ނަސޭހަތެކެވެ. ދިމާވީ ކަމަކާ ގުޅިގެން އަޅުގަނޑު ސިފައިންގެއަށް ގެންގޮސް ބަންދުކޮށް، ޖަލަށް ލުމަށް ފަހު، ދޫކޮށްލީމާ އޮފީހަށް އައި ދުވަހަކު އަޅުގަނޑު ވަރަށް މޮޅި ވެފައި ހުއްޓާ ފެނިވަޑައިގެން ވިދާޅުވިއެވެ. "ކަލޭ ބިމަށް ތުން ހަރައިގެން ތިޔަ އިނީ ދިމާވީ ކަމަކާ ގުޅިގެން ނޫން ހެއްޔެވެ؟ ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟ ކަނޑުމަތީގައި އުޅޭއިރު ރާޅު ޖަހާނެއެވެ. ލޮނު ބުރާނެއެވެ. ތެމޭނެއެވެ. އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. ކަނޑުމައްޗަށް ނާރާން ޖެހޭ ސަބަބެއްވެސް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތި ލަމުން ކުރިއަށް ދާށެވެ."
ތިންވަނަ ކަމަކީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން ކުރިކަމަކާ ގުޅިގެން ކުޅިވަރު ކުޅޭ ބައެއް މީހުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުމަކަށް އެ އެސޯސިއޭޝަންގެ ވެރިޔަކު ނޫހަށް ދިން ބަޔާނަކާ ގުޅިގެން އަޅުގަނޑު ގާތު ވިދާޅުވީ ވާހަކަފުޅެކެވެ. އެ ޚަބަރު ޖަހައިފައި އޮތް ނޫސް ވިދާޅުވާން އިންނަވައިފައި ވިދާޅުވިއެވެ. "ނަޢީމެވެ. ބުނެލާން މީހަކަށް އެންމެ އުނދަގޫ ވާހަކައަކީ ކޮބައިކަން ކަލެއަށް އެނގޭ ހެއްޔެވެ؟ އެއީ "ސޮރީ... ވެރީ ސޮރީ..." މިއެވެ. މިހެން ބުނެލާން ކެރޭ މީހަކަށް ދެން ދައްކާން ޖެހޭ ވާހަކަ ދައްކާން ވަރަށް ފަސޭހަ ވާނެއެވެ."
މި ނޫނަސް އަޅުގަނޑާއި ޒާހިރު ނަޞީރުގެ ހަނދާނާ ގުޅިފައިވާ އަގުހުރި އެތައް ވާހަކައެއް އެބަހުއްޓެވެ. އެއީ ހަނދާނުން ފޮހެލާން ވަރަށް ދަތި، އާދަޔާ ޚިލާފު ބޭފުޅެކެވެ. މާތް ﷲ އޭނާގެ ފުރާނަފުޅަށް ސުވަރުގޭ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.