ޚާޝުޤްޖީގެ އަޑުކަނޑުވާލުން އާލު ސުޢޫދަށް އެހާ މުހިއްމުވީ ކީއްވެ؟

ޖަމާލު ޚާޝުޤްޖީ

މިހިނގާ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު މެންދުރެއްހާއިރު ސައޫދީ ނޫސްވެރިޔާ ޖަމާލު ބިން އަޙްމަދު ޚާޝުޤްޖީ އިސްތަންބޫލުގައި ހުންނަ އޭނާގެ ގައުމުގެ ކޮންސިއުލޭޓަށް ވަނީ، އޭނާގެ ސައޫދީ އަނބިމީހާ ވަރިކުރިކަމުގެ ލިއުން ހޯދާށެވެ. އެއީ، އޭނާ އިންނަން އުޅޭ ތުރުކީގެ އަންހެނެއް ކަމަށްވާ ޚަދީޖާ ޖަންކީޒާއި ކައިވެނިކުރުމަށްޓަކައެވެ. މިއަހަރު މާރިޗު މަހުގެ ތެރޭގައި އިސްތަންބޫލުގައި އޮތް ކޮންފަރެންސަކުން ބައްެދަލުވެ ގާތް ގުޅުމެއް އުފެދި ދެމީހުންގެ ގުޅުން ކައިވެންޏާ ހަމައަށް އޮތީ އައިސްފައެެވެ. ޚަދީޖާއަކީ ޕީއެޗްޑީއަށް ކިޔަވަމުންދާ ދަރިވަރެކެވެ.
އެއަށްފަހު، ހިނގައި ދިޔަ ހާސިދާ ވެގެން ދިޔައީ 1902 އިން ފެށިގެން ރިޔާޟުގައި ރަސްކަންކުރަމުން އަންނަ އާލު ސުޢޫދުގެ ތަޚުތު ގުޑުވައިލި ކަމަކަށެވެ. ވަކިން ޚާއްސަކޮށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ވެރިކަމަށް ލޮޅުން އަރުވައިލި ކަމަކަށެވެ.
ޖަމާލު ޚާޝުޤްޖީގެ ނަން ފާއިތުވި ދެތިން ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ނަމަވެސް އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއަށް އާ ނަމެއް ނޫނެވެ. އޭނާއަކީ ސައޫދީ އަރަބިއްޔާގެ އިތުރަށް އަރަބި ދުނިޔޭގައިވެސް ނަންހިނގާ ނޫސްވެރިއެކެވެ. އަދި ފަހަކަށް އައިސް މުޅި ދުނިޔޭގެ ސަމާލުކަން އޭނާ ވަނީ ހޯދައިފައެވެ.
ޖަމާލު ބިން އަޙްމަދު ބިން ޙަމްޒާ ޚާޝުޤްޖީ އުފަންވީ 1958 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު މަދީނާގައެވެ. އޭނާ ނިސްބަތްވަނީ މީގެ 500 ވަރަކަށް އަހަރު ކުރިން ތުރުކީގެ ކައިސަރިއްޔާ އިން ޙިޖާޒުކަރައަށް ހިޖުރަކޮށް މަސްޖިދުއްނަބަވީ ކައިރީގައި ވަޒަންވެރިވި ތުރުކީގެ އާއިލާއަކަށެވެ. މަސްޖިދުއްނަބަވީގައި ބަންގި ގޮވާތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޢަބްދުއްރަޙްމާން ޚާޝުޤްޖީއާއި، 1980ގެ އަހަރުތަކުގެ ކުރީކޮޅު ހަތިޔާރުގެ ވިޔަފާރިއަށް މަޝްހޫރުވި ޢަދްނާނު ޚާޝުޤްޖީއާއި، 1997 ވަނަ އަހަރު ލޭޑީ ޑަޔާނާއެކު އެކްސިޑެންޓުގައި މަރުވި ޢިމާދު (ޑޯޑީ) ފާޔިދުގެ މަންމަ ސަމީރާ ޚާޝުޤްޖީއަކީވެސް ޖަމާލު ޚާޝުޤްޖީގެ އާއިލާއަށް ނިސްބަތްވާ މީހުންނެވެ.
ސައޫދީ އަރަބިއްޔާއިން ތައުލީމު ހާސިލުކުރުމަށް ފަހު، މަތީ ތައުލީމަށް އެމެރިކާއަށް ދިޔަ ޚާޝުޤްޖީ ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އިންޑިޔާނާ ޔުނިވަސިޓީން ޑިގްރީ ހާސިލުކުރިއެވެ. އޭނާ އެނބުރިއައިސް މަސައްކަތް ފެށީ ނޫސްވެރިކަމުގެ ދާއިރާގައެވެ. 1986 ވަނައަހަރު އޭނާ 'އުކާޒު' ނޫހުގެ ފަރާތުން ނެރޭ 'ސައޫދީ ގެޒެޓް' ގައި މަސައްކަތްކުރިއެވެ. އަދި 'އައްޝަރްޤުލް އައުސަޠު' އާއި 'އަލްޙަޔާތު' ގައި މަސައްކަތްކުރުމުށް ފަހު 'އަލްމަދީނާ' ނޫހުގައި 1991 އިން 1999 އަށް އޭނާ މަސައްކަތްކުރިއެވެ. އޭނާއަށް އާލު ސުޢޫދުގެ ރުހުން ލިބުނީ އެ ދުވަސްވަރު އެ ނޫހުގެ ބޭރުގެ ރިޕޯޓަރެއްގެ ގޮތުގައި އަފްޣާނިސްތާނާއި، އަލްޖީރިޔާއާއި ސޫދާނުގައި އޭނާ ކުރި މަސައްކަތް ކަމުދިޔަ ވަރުންނެވެ.
އާލު ސުޢޫދުގެ ނަޒަރުގައި ރަނގަޅު ނޫސްވެރިޔަކަށް ވުމުގެ ސަބަބުން ޝާހީ އާއިލާއާއި ގުޅުން އޮންނަ 'އަލްވަޠަން' ނޫހުގައި 2003 ވަނަ އަހަރުގެ މަސައަކަތްކުރުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ. އެ ދުވަސްވަރަކީ އަލްޤާއިދާގެ ހަމަލާތައް އިތުރުވެ، ސައޫދީ ވެރިރަށް ރިޔާޒަށް ބޮމުގެ ހަމަލާތަކެއް އެ ޖަމާއަތުން ދިން ދުވަސްވަރެވެ.
އާލު ސުޢޫދުގެ އަމީރެއް ކަމުގައިވާ ޚާލިދު އަލް ފައިޞަލް 2000 ވަނަ އަހަރު ނެރުއްވަން ފެއްޓެވި 'އަލްވަޠަން' ނޫހަކީ ސަޢޫދީ އެހެން ނޫސްތަކާ މާ ބޮޑު ތަފާތެއް ނެތް ނޫހެކެވެ. އެ ނޫހުގެ މޮޓޯއަކީ "ސަޢޫދީ އާއްމުންގެ ވިންދާއި، ސައޫދީ ދިރިއުޅުމުގެ ވައްޓަފާޅި މީސްތަކުންނާ ހަމައަށް ގެނެސްދިނުން" ކަމުގައި ހަދާފައިވިޔަސް އޭގައި ހިމެނޭ ބައިތަކުގައި އެހެން ނޫސްތަކާ މާ ބޮޑު ތަފާތެއް ނެތެވެ. އެ ނޫހާ ގުޅޭ ކޮންމެ މީހަކުވެސް މަސައްކަތްކުރަން ޖެހެނީ ޝާހީ އާއިލާއިން ނުރަސްމީކޮށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ. އާލް ސުޢޫދަށް ތާއިދުކުރަން ޖެހެއެވެ. ދީނީ އިލްމުވެރިންނަށް ގަދަރުކުރަން ޖެހެއެވެ. ސައޫދީ އަރަބިއްޔާގެ ތާރީޚާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ދުރުވާން ޖެހެއެވެ. އީރާނާ ދެކޮޅުވެރިވާން ޖެހެއެވެ. ޖަމާލު ޚާޝުޤްޖީ އެނޫހުގައި މަސައްކަތްކުރީ ހަމަ މި ދެންނެވި ގައިޑްލައިންގެ ތެރޭގައެވެ. އެއިން އޭނާ ބޭރުނުވެއެވެ.
ޖަމާލު ޚާޝުޤްޖީއަށް އާލު ސަޢޫދު ކުރި އިތުބާރަށް ފުރަތަމަ ބުރޫ އެރީ ރިޔާޒަށް ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން އޭނާ ލިޔުނު ރިޕޯޓެއްގައި އަހްލުއްސުންނާގެ އެންމެ އިސް އެއް އިމާމު، އިބްނު ތައިމިއްޔާ "ކާފަރުން މެރުމަށް ހުރަސްއަޅާ ނުވަތަ އެކަންކުރުން މަނާކުރާ މުސްލިމުން މެރިދާނެ" ކަމަށް ދެއްވާފައިވާ ފަތުވާއަކަށް ފާޑުކިޔައި، އަލްޤާއިދާ މީހުންގެ ހަމަލާތައް ބިނާކުރަނީ އެފަދަ ފަތުވާތަކުގެ މައްޗަށް ކަމަށް ބުނި ހިސާބުންނެވެ. އެކަމާ ގުޅިގެން އޭރުގެ ދާޚިލީ ވަޒީރު އަމީރު ނާޔިފް ބިން ޢަބްދުލް ޢަޒީޒު ކޯފާވިއެވެ. ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރާ ސައޫދީ އިދާރާގެ ދުޝްމަނަކަށް ޚާޝުޤްޖީ ވިއެވެ. އަދި އަމީރު ނާޔިފުގެ އެންގެވުމަށް ޚާޝުޤްޖީ 'އަލްވަޠަން'ގެ ވަޒީފާއިން ވަކިކުރިއެވެ. އޭރު އޭނާއަށް އެނޫހުގައި މަސައްކަތްކުރެވުނީ އެންމެ 52 ދުވަހުއެވެ.
'އަލްވަޠަން' ނޫހުން އޭނާ ބޭރުކޮށްލި ނަމަވެސް 2004 ވަނަ އަހަރު، އޭރު ލަންޑަނުގައި ހުންނެވި ސައޫދީ ސަފީރު ތުރްކީ އަލްފައިޞަލުގެ މުސްތަޝާރެއްގެ މަގާމު އޭނާއަށް ލިބުނެވެ. އެމަގާމުގައި ހުއްޓާ އަނެއްކާވެސް 'އަލްވަޠަން' ގެ ވަޒީފާއަކަށް އޭނާ އައްޔަންކުރެވުނެވެ. 2007 ވަނަ އަހަރު އަލުން ވަޒީފާ ލިބުމަށް ފަހު ތިން އަހަރުދުވަހަށް ޖަމާލު ޚާޝުޤްޖީ އެ ނޫހުގެ އެޑިޓަރުކަން ކުރީ އާލް ސައޫދު ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ.
އެ ދުވަސްވަރަކީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލް ޢަޒީޒު އޭނާގެ އިސްލާހީ ހަރަކާތް ފެއްޓެވި ދުވަސްވަރެވެ. އިސް ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތަކާއެކުވެސް ޢަބްދުﷲ ވަނީ މަޑުމަޑުން ބައެއް ބަދަލުތައް ގެންނަވަން ފައްޓަވާފައެވެ. އޭގެ ތެރެއިން އެއްކަމަކީ ދެ ޖިންސުގެ ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް ޢަބްދުﷲ ބިނާކުރެއްވި ކިންގް ޢަބްދުﷲ ޔުނިވަސިޓީ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީއެވެ.
ދީނީ ބައެއް ބޭފުޅުންގެ ފާޑުކިއުންތަކާއެކުވެސް، ޖަމާލު ޚާޝުޤްޖީ ގެންދިޔައީ ރަސްގެފާނު ޢަބްދުﷲގެ އިސްލާހުތަކުގެ ދިފާއުގައި ލިޔަމުންނެވެ. 'އަލްވަޠަން' ނޫހުގެ އެޑިޓޯރިއަލް ވެސް އޭނާ އެކަމަށް ޚާއްސަކޮށްގެން ލިޔެފައި ވެއެވެ. ޢަބްދުﷲގެ އިސްލާހުތައް އޭނާ ކުރިއަށް ގެންދެވީ ވިސްނުންތެރިކަމާއެކު މަޑުމަޑުންނެވެ. ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް އެބޭފުޅުންނަށްވެސް އެކަމާ ކަނޑައެޅިގެން ދެކޮޅުހައްދަވަން ނުކެރޭ ފެންވަރަށެވެ. ޚާޝުޤްޖީގެ ލިއުންތައްވެސް އޭރު ބައްޓަންކުރީ އެހެންނެވެ. ޢަބްދުﷲގެ ސިޔާސަތާއި ފުށުނައަރާ ގޮތަށް ދީނީގޮތުން ހަރުކަށި ޚިޔާލުގެ މީހުންނަށް އޭނާގެ ފާޑުކިއުން އަމާޒުކުރިއެވެ. އެހެންނަމަވެސް، އޭނާ އެޑިޓަރުކަމުގައި ހުރެގެން، އެ ނޫހުގައި ސަލަފީ ހަރަކާތަށް ފާޑުކިޔާފައިވާ އެހެން ލިއުންތެރިއެއްގެ ލިއުމެއް ޝާއިއުކުރި ހިސާބުން އޭނާގެ ވަޒީފާ ގެއްލުނެވެ. އެެއީ 2010 ގައެެވެ.
ވަޒީފާ ގެއްލުނަސް އެ ދުވަސްވަރު ޚާޝުޤްޖީ ބެލެވިފައި ވަނީ ސައޫދީ އެންމެ މަތީ ފަންތީގެ ނޫސްވެރިއެއްގެ ފުރިހަމަ ނަމޫނާއެއް ކަމުގައެވެ.
ޢަބްދުﷲ ރަސްގެފާނަށް ފަހު ސައޫދީ ވެރިކަމަށް އައި އިންގިލާބީ ބަދަލުތަކާއެކު، މުޙައްމަދު ބިން ސަލްމާނު ވަލީއަހުދަކަށްވެވަޑައިގެން އޭނާގެ 'ވިޝަން 2030' އިއުލާނުކުރެއްވި އިރުވެސް ޚާޝުގްޖީ ހުރީ، ހިފެހެއްޓުންތަކާ އެކުވެސް، ބިން ސަލްމާނުގެ ސިޔާސަތުތައް ދިފާއުކުރުމުގައެވެ.
ޖަމާލު ޚާޝުޤްޖީ ވަނީ 'އަރަބި ރަބީއަ'ށް ތާއިދުކޮށްފައެވެ. އެނާގެ ގިނަ ލިއުންތަކެއްގައި އަރަބި ދުނިޔޭގައި ފެށިގެން އައި އިސްލާހީ ހަރަކާތްތަކަށް ތާއީދުކޮށްފައި ވެއެވެ. އަދި އޭނާއަކީ މިސްރުގެ އަލްއިޚްވާން އަލްމުސްލިމޫން (މުސްލިމް ބްރަދަހުޑް) އަށް ތާއީދުކުރާ މީހެކެވެ. އޭނާގެ ލިއުންތައް އެ މިސުރާބަށް ދާންފެށުމުން، އާލު ސުއޫދު، އަދި ވަކިން ޚާއްޞަކޮށް މުޙައްމަދު ބިން ސަލްމާން، ގެ ނުރުހުން އޭނާއަށް އަމާޒުވާން ފެށިއެވެ.
2017 ވަނަ އަހަރު ސައުދީން އިތުރު އަަރަބި ތިން ގައުމަކާ ގުޅިގެން ޤަޠަރު ހިސާރުކުރި ހިސާބުން އޭނާ ސައޫދީ އަރަބިއްޔާ ދޫކޮށް އެމެރިކާއަށް ހިޖުރަކުރިއެވެ. އޭނާ އެމެރިކާއަށް ދިއުމުން ފުުރަތަމަ ކޮޅު އެމެރިކާ މީހުން އޭނާއަށް ބަލާފައި ވަނީ ޝައްކުގެ ނަޒަރުންނެވެ. އެމީހުން ހީކުރީ އޭނާއަކީ ސައޫދީ ސަރުކާރުގެ ޖާސޫސެއް ކަމުގައެވެ. ނަމަވެސް ވޮޝިންގޓަން ޕޯސްޓުގައި އޭނާ ލިޔަން ފެށި ކޮލަމުން އޭނާގެ ޚިޔާލު މުޅި ދުނިޔެއަށް އެނގިގެން ދިޔައެވެ.
ވޮޝިންގޓަން ޕޯސްޓުގައި ޖަމާލު ޚާޝުޤުޖީ ލިޔުނު ކޮލަަމަކީ މުޙައްމަދު ބިން ސަލްމާނަށް އެންެމެ ބޮޑަށް އުނދަގޫ ކުރި ލިިއުންތަކެވެ. ޔަަމަނުގެ ހަނގުރާމައާއި، ޤަޠަރު ހިސާރުކުރުމާއި، ލެބެނާނުގެ ބޮޑުވަޒީރު ސަޢުދު ޙަރީރީ އިސްތިއުފާދެއްވަން މަޖުބޫރުކުރުމާއި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާ ޢިލްމުވެރިން ބަންދުުކުރުމާއި، ޝާހީ ޢާއިލާއާއި ވިޔަފާރިވެރިންގެ ތެރެއިިން ގިނަ ބަޔަކު ބަންދުކޮށްގެން ގެންގުޅުން ފަދަ، މުޙައްމަދު ސަލްމާން ކުރައްވަމުން ގެންދެވި އެތައް ކަމަކަށް ޚާޝުޤްޖީ ވަނީ ފާޑުކިޔާފައެވެ.
ޚާޝުޤްޖީގެ ފާޑުކިއުންތައް ހުއްޓުވުމަށްޓަކައި އާލު ސުޢޫދުން މަސައްކަތްކުރީ އޭނާ އަނބުރާ ސައޫދީ އަރަބިއްޔާއަށް ގެނެސް މަތީ މަގާމެއް ދީގެން އޭނާ ހުއްޓުވޭތޯއެވެ. މެދު އިރުމައްޗާއި އަރަބި ގަލްފުގެ މައްސަލަތައް ދިރާސާކުރާ ތިންކްޓޭންކެއް ހަދައި އެތަން ހިންގަން ޚާޝުޤްޖީއާ ހަވާލުކުރަން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް ޚާޝުޤްޖީ އެކަމަށް ދެކޮޅުހެދިއެވެ.

ޖަމާލު ޚާޝުޤްޖީ އޭނާގެ އާއިލާއާއެކު

އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އިސްތަންބޫލުގައި ހުރި ސައޫދީ ކޮންސިއުލޭޓަށް ޚާޝުޤްޖީ ވަނުމަށް ފަހު، އެތަނުގެ ތެރޭގައި ހިނގައި ދިޔަ ކަންތައްތަކަކީ އޭނާގެ އަަޑު ކަނޑުވާލަން އާލު ސުޢޫދު ރޭވި ރޭވުން ތަންފީޒުކުރަން ކުރި ކަންކަމެވެ. ޚާޝުޤްޖީ ބޭނުން ލިޔެކިއުންތަކެއް ނެގުމަށް ކޮންސިއުލޭޓަށް އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު މެންދުރެއްހާއިރު އައުމަށް އޭނާއަށް އެންގިއިރު، އޭނާގެ މައްޗަށް 'މަރުގެ ހުކުމް ތަންފީޒުކުރާ' ސްކޮޑް އޮތީ ކޮންސިއުލޭޓުގައި ތައްޔާރަށެވެ. އޭނާ ވަނުމާއެކު އެބައިމީހުން ވަނީ އެބައިމީހުންގެ މަަސައްކަތް ނުހަނު ހުނަރުވެރިކަމާއެކު ކޮށް ނިންމައި ފުރައިގެން ގޮސްފައެވެ.
ޖަމާލު ޚާޝުޤްޖީ އޭނާ ބޭނުންވާ ލިޔެކިއުންތައް ހިފައިގެން ކޮންސިއުލޭޓުން ނުކުމެގެންދިޔަ ކަމަށް ސައޫދީން ދެ ހަފުތާއެއްހާ ދުވަހަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް، ހަގީގަތް ފޮރުވެން ނެތުމުން އިއްޔެ ސައޫދީ ސަރުކާރުން ވަނީ ކޮންސިއުލޭޓް ތެރޭގައި ޚާޝުޤްޖީ މަރުވެފައިވާ ކަމަށް އެއްބަަސްވެފައެވެ.
ކުރިންވެސް ކައިވެނިތަކެއް ކޮށް ދަރިން ލިބިިފައިވީ ނަމަވެސް ޚާޝުޤްޖީ ކުރިން ކޮށްފައިވާ ކައިވެނިތަކުގެ މައުލޫމާތު އެނގޭކަށް ނެތެވެ. އޭނާގެ އެެނގެެން އޮތް ކައިވެންޏަކީ 2010 ވަނަ އަހަރު ޑޮކްޓަރު އާލާ ނަޞީފާއެކު ކުރި ކައިވެންޏެވެެ. ޖަމާލު ޚާޝުޤްޖީއަށް ދެ ފިރިހެންކުދިންނާއި ދެ އަންހެން ކުދިން ލިބިފައި ވެއެވެ. ދެ ފިރިހެން ކުދިންނަކީ ޞަލާޙު ޖަމާލު ޚާޝުޤްޖީއާއި ޢަބްދުﷲ ޖަމާލު ޚާޝުޤްޖީއެވެ.
ކޮންމެއަކަސް، ޖަމާލު ޚާޝުޤްޖީގެ 'ދުވަސް ދުއްވާލަން' ހިންގި 'އޮޕަރޭޝަނަކީ' ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އެޅުއްވުނު އެެންމެ ބޮޑު ޅަ އެއްޗެވެ. އޭނާގެ އާއިލާގެ ވެރިކަން ބޮޑު ބިންހެލުމެެއް ފަަދައިން ގުޑުވާލި މިހާދިސާ، އޭނާ ވެރިކަމުގައި ހުންނެވިޔަސް، އަދި ވެރިކަމުން އެއްފަރާތްވެވަޑައިގަތަސް ބިރުވެރި ހުވަފެނެއް ފަދައިން އޭނާއާއެކު އަބަދު ވާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ވަރަށް މަޢުލޫމާތު ލިބުނު ލިޔުމެއް. ލިޔުންތެރިޔާ މުހައްމަދު ޢަބްދުﷲ އަކީ ކުޅަދާ ލިޔުންތެރއެއްކަން މިލޔުމުން ކިޔާލުމުން އެނގިގެންދޭ. ޢާއްމު ކޮށް ދިވެހިނޫސްތަކުގައި ޝާއިޢުކުރެވޭ ލިޔުމެއް ކިޔާނިމޭއިރުވެސް އެ ޙާދިސާއަކާ ގުޅޭމީހާއަކީ ކާކު ކަމެއް، ކީއްކުރާ، ކޮންކަމެއް ކުރާމީހެއްކަމެއް ނޭގޭ. ކުރުގޮތަކަށް ދަންނަވާނަމަ، ކިޔާމީހަކަށް ބޭނުންވާނެ މުހިއްމު މަޢުލޫމާތުތައް އުނިވާނެ. ނަމަވެސް މިލޔުމުން އެ އުނިކަމެއް ނުފެނުނު. އަޅުގަނޑަށް ދެންނެވޭ ނީ، މިއީ ވަރަށް ފުރިހަމަ ލިޔުމެއް ކަމަށް. ޝުކުރިއްޔާ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.