ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސްޕްރީމްކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގެ ތިން އަޑު އެހުން ބާއްވައިފިއެވެ. އެންމެފަހު އަޑުއެހުމުގައި ސްޕްރީމްކޯޓުގެ ފަނޑިޔާރުން ވިދާޅުވީ އެ ހިސާބުން މައްސަލައިގެން އަޑުއެހުން ނިމުނީ ކަމަށެވެ. މައްސަލަ ދިރާސާ ކުރަމުންދާއިރު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ކަމަށްވާނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް އަދި ހުކުމް އިއްވާފައެއް ނުވެއެވެ. އަދި ހުކުމް އިއްވާނެ ރަސްމީ ތާރީޚެއް ހާމަކުރައްވައިފައެއް ވެސް ނުވެއެވެ. ހުކުމް އިއްވާނެ ދުވަސް އަދި ކަށަވަރު ނުވިޔަސް މައްސަލަ ކާމިޔާބު ވާނީ ކޮން ބައަކަށްތޯ ބަލަން އެބަޖެހެއެވެ. މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތުން ވެސް އުންމީދު ކުރަނީ އެ ބަޔަކަށް މައްސަލަ ކާމިޔާބު ވުމަށެވެ. އެހެންނަމަވެސް ގިނަ މީހުން ބުނަނީ މައްސަލަ އިންސާފުން ގޮސްފި ކަމަށްވާނަމަ ކާމިޔާބުވާނީ އިދިކޮޅު އިއްތިހާދަށް ކަމަށެވެ. އެފަދަ މީހުން އެހެން ބުނަނީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދުހުރި ވޯޓުގެ ފަރަގުގެ ބޮޑު ކަމުންނެވެ.
"ގާނޫނުތަކާއި އިންސާފުގެ މަގުން ހުރިހާކަމެއް ކުރިއަށް ގެންގޮސްފިނަމަ މައްސަލަ ކާމިޔާބުވާނީ އިދިކޮޅު އިއްތިހާދަށް. އެއީ މުޅިގައުމުގައި ވެސް މިހާރު ކަހަނީ އިދިކޮޅު ވިންދު. އެންމެންވެސް ގޮވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް. ރައްޔިތުން ބޭނުންވިގޮތް ވޯޓުން އެ ފެނުނީ،" އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ.
ރައީސް ޔާމީނަށް ވެސް މި މައްސަލަ ކާމިޔާބު ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނާ މީހުންވެސް އެބައުޅެއެވެ. އެފަދަ މީހުން ބުނަނީ އެފުރުސަތު ރައީސް ޔާމީނަށް ވަރަށް ކުޑަކަމަށެވެ.
"ރައީސް ޔާމީނަށް އެމައްސަލަ ކާމިޔާބު ވުމުގެ ފުރުސަތު ވަރަށްކުޑަ. އެހެންނަމަވެސް އެމަނިކުފާނަށް އެ މައްސަލަ ކާމިޔާބު ވުމުގެ ޖާގަ އެބައޮތް،" ރާއްޖޭގެ މަޝްހޫރު ވާކީލަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާޒީގައި ކަން ހިނގައިފައިވާ އުސޫލަށް ބަލާއިރު ކިރިޔާ ވެސް ފުރުސަތެއް އޮތް ކަމަށް ވާނަމަ އެ މައްސަލަ ރައީސް ޔާމީނާ އެއްކޮޅަށް ފަނޑިޔާރުން ނިންމަވައިފާނެ ކަމަށެވެ.
"ފަނޑިޔާރުންނަށް ކިރިޔާވެސް ފުރުސަތެއް އޮތްކަމަށްވާނަމަ ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ނިންމަވައިފާނެ. އެހެންނަމަވެސް ގާނޫނީ ގޮތުން ބަލާއިރު އެބޭފުޅުންނަށް މިފަހަރަކުނެތް ޖާގައެއް. ގާނޫނީ އިމުން ބޭރުން ވެސް ފަނޑިޔާރުންނަށް މިފަހަރު ޖާގަ އަދި އޮތީވަރަށް ކުޑަކޮށް،" އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގެ ސިޔާސީ މާހައުލަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެންމެ ބޮޑަށް ދެކެވޭ އެއްވާހަކައަކީ ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ވާހަކައެވެ. އެ އަޑުތައް ފެތުރުމުން އިދިކޮޅު ކޯލިޝަނުން ވަނީ އެއީ ތެދެއް ކަމަށްވާނަމަ އެމަނިކުފާނު ފިއްލަވައިގެން ވަޑައިގެންނެވުމުގެ ފުރުސަތު ނުދެއްވުމަށްއެދި ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅުއްވައިފައެވެ.
ރައީސް ޔާމީން ފިއްލަވައިފައިވާނެ ކަމުގެ އަޑު ގަދަވެފައިވާ މިދުވަސްވަރު އެމަނިކުފާނަށް ތާއިދު ކުރައްވާ ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ އެވާހަކަތަކަށް ގައުމީ ސަލާމާތީ ޚިދުތަމްތަކުން ޖަވާބު ދެއްވާންޖެހޭ ކަމަށެވެ. އެހެންނަމަވެސް ފުލުހުން ވެސް ސިފައިން ވެސް އެކަމަށް އަދި އެއްޗެއް ވިދާޅުވެފައިވާކަން ކަށަވަރު ނުވެއެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ޔާމީންގެ ފަހަތްޕުޅުން އުޅެގަތުމަކީ އެމަނިކުފާނަށް މިމައްސަލަ ކާމިޔާބު ވެދާނެ ކަމަށް ހަނިފުރުސަތެއް ނަމަވެސް ލިބިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. "ރައީސް ޔާމީނަށް ވެސް އިންސާފު ލިބެންވާނެ. އެމަނިކުފާނު ކުރައްވައިފައިވާ ކަންކަމަށް ފިޔަވަޅު އަޅަންވާނީ އިންސާފުން. ގާނޫނީ އިމުން. އެމަނިކުފާނު ވެރިކަމުގައި ހުނަނަވަނިކޮށް ފަހަތްޕުޅުން އުޅެގަތުމަކީ ރަނގަޅު ކަމެއް ކަމަށް ނުދެގެން. އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅާ އަދި ހުވައިވެސް ނުކުރައްވާ. ކަންކަން ވަރަށް ރަނގަޅަށް ބަލައި ހޯދައި ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅައިގެން ކުރިއަށްދިޔުން މިވަގުތު އެންމެ މުހިންމީ،" ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާޒީއަށް ބަލާއިރު ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ހުށަހަޅުއްވައިފައިވާ މައްސަލައިގެ ހުކުމް އިއްވުން ލަސްވަނީ ވެސް ރައީސް ޔާމީނާ ބެހޭ ގޮތުން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވެފައިވަނީ ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ނުފިއްލަވާނެ ކަމަށެވެ. އެމަނިކުފާނަކީ އެއަށްވުރެ ހިތްވަރުގަދަ ބޭފުޅެއް ކަމަށް ވެސް އެފަދަ ބޭފުޅުން ވިދާޅުވެއެވެ.
މިހާރުވެސް ބައެއް ފަރާތްތަކުން ބައެއްކަހަލަ މައްސަލަތައް ޖައްސަމުންދާ ކަމާއި ސްޕްރީމް ކޯޓުގެ ހުކުމް ލަސްވެގެން މިދަނީ ވެސް އެފަދަ މައްސަލަތައް ޖައްސަމުންދާތީ ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރެއްވުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ އިންތިޚާބުގައި އޮޅުވާލައި، މަކަރުހަދައި ގަޑުބަޑު ކޮށްފައިވާތީ ކަމަށް ވިދާޅުވެއެވެ.
މި މައްސަލައިގެ ޝަރީއަތުގެ ތިން އަޑުއެހުން މިހާތަނަށް ވަނީ ބާއްވައިފައިވެއެވެ. އިތުރު ކަމެއް ދިމާނުވާނަމަ ދެން އޮންނާނީ ހުކުމް ކުރެއްވުން ކަމަށް ސްޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ހުކުމް ކުރައްވާނެ ދުވަހެއް ވިދާޅުވެފައެއް ނުވެއެވެ.