
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ފިނޑި ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާނު ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީން ފިއްލަވައިފާނެ ކަމަށް އިދިކޮޅުފަރާތްތަކުން އެއްގޮތަކަށް ވެސް ކަންބޮޑުވާކަށް ނުޖެހޭ ކަމަށެވެ. އެމަނިކުފާނު ފިއްލަވަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖޭޔޫ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ކުރެއްވި ކަމަކީ ގައުމު ތަރައްގީކޮށް ރައްޔިތުންނަނަށް ދަތިވެފައިވާ އެތައްކަމެއް ފުރިހަމަކޮށްދެއްވައި އިންފްރާސްސްޓްރަކްޗަރ ބިނާ ކުރެއްވުން ކަމަށެވެ.
"ރައީސް ޔާމީން މިގައުމު ދޫކުރައްވައި ނުފިއްލަވާނެ. އެކަމަކު އިބްރާހީމް މުހައްމަދު ސާލިހަށް ވެރިކަން ލިބިވަޑައިގެންފި ކަމަށް ވާނަމަ ދުވަސްކޮޅަކު ވެރިކަން ކުރެއްވުމަށްފަހު ތިމަންނައަށް މިކަމެއް ނުވާނެޔޭ ވިދާޅުވެ ގައުމު ދޫކުރައްވައި ފިއްލަވާނެ،" ޖޭޔޫ ވިދާޅުވިއެވެ.
ޖޭޔޫ ވިދާޅުވީ ރައީސް ޔާމީނަކީ ހިތްވަރުފުޅުގަދަ ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި އެފަދަ ވަރުގަދަ ލީޑަރަކު އިދިކޮޅުގައި ހުންނެވުމަކީ އެމްޑީޕީއަށް ނުވަތަ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާނެ ކަމަށެވެ.
Gabool kurevey thi thedei kamah