މިއަހަރު ސެޕްޓެމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވީ ހަލާލު އިންތިޚާބެއް ކަމަށާއި އެއިން ދެއްކި ނަތީޖާ ވެސް ހަލާލު ކަމަށްވާއިރު އެފަދަ އިންތިޚާބެއް ބާތިލް ކުރައްވައިފިނަމަ ގައުމު ފަނާވެގެން ހިނގައިދާނެ ކަމަށް އެމްޓީޔޫގެ ނާއިބު ރައީސް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) ގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވީ އެ އިންތިޚާބު ސްޕްރީމް ކޯޓުން ބާތިލް ކުރައްވައިފިނަމަ ގައުމުގެ އިގްތިސާދު ހަލާކުވެ ވަރަށްބޮޑު ނުރައްކަލަކަށް ގައުމު ހުށަހެޅިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުން "ބޮޑު އުޖޫރައެއް" ދައްކަންޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ކޮންމެ ދިމާއަކުން ވެސް ވަކިވަކި ފަރުދުންނަށްވުރެ ގައުމު އިސްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަލާލު އިންތިޚާބެއް ބާތިލްކޮށްގެން ގައުމު ފަނާކުރުން ހުއްޓާލާ. ފަރުދަކަށްވުރެ ގައުމު މުހިން،" އޭނާ ވިދާޅުވިއެވެ.
އިންތިޚާބު ބާތިލްކޮށްދެއްވުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވައިފައެވެ. ދެވަނަ އަޑުއެހުން މާދަމާ ހެނދުނު އޮންނާނެއެވެ.