ވެރިއަކު ވައްޓާލަން މަގު މައްޗަށް ނިކުންނަ މީހަކަށް ނުވާނަން – ރައީސް

index

ކުރިއަށްއޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުނުވިޔަސް ވެރިކަމަށް ހޮވިވަޑައިގަންނަވާ ވެރިޔަކު ވައްޓާލަން މަގުމައްޗަށް ނުކުމެވަޑައިގަންނަވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށީގެ ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްދެއްވުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ، އެއްވެސް މީހަކު އެބައެއްގެ އުފަން ގައުމަށް ނިކަމެތިކަމެއް ގެނައުމައްޓަކައި މަސައްކަތް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނަކީ ސިޔާސީ މަސައްކަތްކުރައްވަން ރާއްޖޭގެވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށާއި ބޭނުންވަނީ އަވަސް މުސްތަޤުބަލެއްގައި ރާއްޖެ ތަރައްޤީކުރުމަށްކަމަށް ވެސް ރައިސް ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުން ދައްކަވަމުންދާ ބައެއް ވާހަކަފުޅުތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އެއްވެސް މީހެއްގެ އަބުރު ކަތިލާނެ ސަރުކާރެއްނޫންކަމަށާ، މިސަރުކާރުން ކަންކަން ނުކުރާވާހަކަ އެމްޑީޕީންދައްކަނީ، އެޕާޓީގެ ތިންއަހަރު ވެރިކަމުގައި ނުކުރެވިހުރިކަން އަމިއްލައަށް ގަބޫލު ކުރާތީކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. ރާއްޖޭގެ ތަރައްގީ އަށްޓަކާއި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތައް ނުކުރެވި ހުރިކަން މިސަރުކާރުން ގަބޫލުފުޅުކުރައްވާ ކަމަށާ، މަސައްކަތް ކުރައްވަނީ އެތަރައްޤީ ގެންނަވަންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ހިދުމަތް ކުރަން ރައްޔިތުން އަރިހަށް އައި މީހެއް. ސިޔާސީ މަސައްކަތް ކުރަން އައި މީހެއް ނޫން. ރައްޔިތުންގެ ނިންމެވުމަކީ އަޅުގަނޑު އިހްތިރާމް ކުރާނެ ނިންމެވުމެއް. ހަމަ ގައިމުވެސް 2018 ވަނަ އަހަރުގެ އިންތިހާބުގެ ވޯޓުން ރައްޔިތުން އަޅުގަނޑު ގެޔަށް ފޮނުވާލައިފި ކަމަށް ވަނީ ނަމަ ގާނޫނީ ސަރުކާރެއް އުފެދިފައި އޮންނަ އިރު އެ ސަރުކާރެއް ވައްޓާލަން މަގުމަތިން ފެންނާނެ މީހަކަށް އަޅުގަނޑެއް ނުވާނެ" ރައީސް ޔާމިން ވިދާޅުވި އެވެ.

އުތުރުގެ އަތޮޅުތައް ތަރައްގީ ކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ ބައެއް މަޝްރުޢުތަކާއި، ކުރިއަށް ރޭވިފައިހުރި ބައެއް މަޝްރޫޢުތަކުގެމައްޗަށް މިއަދު ރައީސް ބައްލަވާލެއްވިއެވެ. އެގޮތުން އެމިކުފާނުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެސަރަހައްދުގައި ތިން އެއަރޕޯޓު އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ވިޔަފާރީގެ ބޮޑު މަޝްރޫއު، އައިހެވަން މަޝްރޫގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.