
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވާނީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމުގެ ހުވައި ކުރެއްވުމުން ކަމަށެވެ. މެމްބަރު ކަމުން އިސްތިއުފާ ދެއްވަނީ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.
އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް ޚިދުމަތް ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވަން ޝާހިދު ނިންމެވިޔަސް އެސަރުކާރުގައި އަދާ ކުރައްވާނެ ވަޒީފާއެއްގެ ވާހަކަ އޭނާ ވިދާޅެއް ނުވެއެވެ. އެކަމާ ބެހޭގޮތުން އާފަތުހުން ސުވާލު ދެންނެވުމުން ޝާހިދު ވިދާޅުވީ ވަކި ވަޒީފާއެއްނެތް ކަމަށާއި "ދެއްވި ކޮންމެ ކަމެއް" ވެސް މައްސަލައެއްނެތް ކަމަށެވެ.
ޝާހިދަކީ ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެމަނިކުފަނުވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.