ރައީސް ޔާމީނަށް އަޣުލަބިއްޔަތު ލިބިވަޑައިގެންފައިވަނީ 89 ފޮށިން

pic: @ElectionsMv Twitter

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބުން ބަލިވެ ވަޑައިގެންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަޣުލަބިއްޔަތު ލިބިވަޑައިގެންނެވީ އެންމެ 89 ފޮށިންކަން އިލެކްޝަންސް ކޮމިޝަނުންގެ މައުލޫމާތުތަކުން ކަށަވަރު ވެއްޖެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ މައުލޫމާތު ތަކަށް ބަލާއިއިރު ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ބެހެއްޓި 472 ފޮށިން ރައީސް ޔާމީނަށް އަޣުލަބިއްޔަތު ލިބިވަޑައިގެންނެވީ އެންމެ 89 ވޯޓު ފޮށިންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ކޮމިޝަނުން މިހާރުވަނީ އިތުރު އެނަލައިޒެއް ހައްދަވައި ބައްލަވައިފައި ކަމަށެވެ. އިތުރަށް ބެއްލެވުމުން ވެސް ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ އެއްވެސް ހަމައެއް އުސޫލެއް ފެންނަންނެތް ކަމަށެވެ.

ރައީސް ޔާމީނަށް އަޣުލަބިއްޔަތު ލިބިވަޑައިގެންނެވި ފޮށިތަކުން ވެސް އަޣުލަބިއްޔަތު ލިބިވަޑައިގެންފައިވަނީ ވަރަށްކުޑަކުޑަ ތަފާތަކުންނެވެ. އެންމެ ބޮޑު ތަފާތަކުން އަޣުލަބިއްތު ލިބިފައިވާ ދެތިން ރަށެއްގެ ފޮށިންވެސް އުޅެނީ ސަތޭކައެއްހާ ވޯޓުގެ ތަފާތެކެވެ.

އެ ދެތިންރަށް ފިޔަވައި މުޅިންވެސް ހުރީ ފަންސާސް، ތިރީސް، ވިހި، ދިހައެއް، ތިނެއް، ދޭއް ފަދަ ކުދިކުދި އަދަދުތަކުގެ ތަފާތެއްކަން އީސީގެ މައުލޫމާތުތަކުން އެނގިފައިވެއެވެ.

ބާކީ ހުރިހާ ފޮށިތަކަކުން އިބްރާހީމް މުހައްމަދު ސާލިހަށް ވަނީ ބޮޑު އަޣުލަބިއްޔަތެއް ލިބިފައި ކަމަށް އިލެކްޝަނުން ހާމަކުރައްވައިފައިވާ މައުލޫމާތުތަކުން އެނގެއެވެ. މިނަތީޖާގެ ތަފްސީލް ޕާޓީތަކަށް ފޮނުވައިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަނުން ވިދާޅުވެފައިވަނީ މިއީ އެއްގޮތަކަށް ވެސް އެކޮމިޝަނުން ވޯޓު އޮޅުވައިގެން ނުކުތް ނަތީޖާއެއް ނޫންކަމަށާއި އެއީ މުޅި ރާއްޖޭގައި އޮތް ވިސްނުން ހާމަވެގެން ދިޔަ ނަތީޖާއެއް ކަމަށް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެހެން ވިދާޅުވިޔަސް އިންތިޚާބުގައި އޮޅުވާލުންތަކާއި އެފަދަ އެތައް ކަމެއް ހިނގައިފައިވާތީ އިންތިޚާބު ބާތިލް ކޮށްދެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލަ ކޯޓުންވަނީ ބަލައިގެންފައެވެ. އެ މައްސަލަ އާދީއްތަ ދުވަހު ބައްލަވަން ފައްޓަވާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މިކަމާ ބެހޭ ގޮތުން އިލެކްޝަނުން ވިދާޅުވެފައިވަނީ އިންތިޚާބު ބާތިލް ކުރަންޖެހޭ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.