
ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ކުށްކުރުމުގެ ރޫހު ހަރުލެއްވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެފަދަ އަމަލުތައް ކުރުމަށް ހިތްވަރުދީ އެކަން ކުރާމީހުން ހޯދައި އެފަދަ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވީއިރު މާލޭގައި ރޭ ހިނގި މާރާމާރީއެއްގައި ވަނީ 14 އަހަރުގެ ކުއްޖަކު ނިޔާވެފައެވެ. އޭނާ ނިޔާވީ މާރާމާރީގައި ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްނެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލައާއި އައްޑޫސިޓީގައި ހިންގި މާރާމާރީގެ މައްސަލަ ވެސް ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ. އެފަދަ އަމަލުތައް ހިނގާ މީހުން ހޯދައި ފިޔަވަޅު އެޅުމުގެ އިތުރަށް އެފަދަ ކުށްތައް މަދު ކުރުމަށް ނުވަތަ ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އައްޑުއާއި މާލޭގައި ހިންގި މާރާމާރީތަކުގައި ބައިވެރިވި މީހުން މިހާރުވަނީ ހޯދައި ބަންދުކޮށްފައި ކަމަށެވެ.