ތުރުކީ ސަރުކާރުން ކުރާ ތަހުގީގުގެ ނަތީޖާއިން ދައެްކާ ގޮތުގައި މަޝްހޫރު ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ ވަނީ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި މަރާލެވިފައި ކަމަށް، އެތަހުގީގުގައި ބައިވެރިވި ދެ ފަރާތަކުން ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދީފިއެވެ.
ހޮނިހިރު ދުވަހު އެ ފަރާތްތަކުން ދިން މައުލޫމާތުން އެނގޭ ގޮތުގައި ޚާޝުޤްޖީ މަރާލާފައިވަނީ "ޚާއްޞަކޮށް އޭނާ މަރާލުމަށް" ސައޫދީ އަރަބިއްޔާއިން ފޮނުވި ބައެކެވެ. އެމީހުން އެދުވަހު ތުރުކީ ވިލާތަށް އެމީހުންގެ މަސައްކަތް ކޮށްފައި ހަމަ އެދުވަހު ފުރައިގެން ދިޔައީއެވެ. 
މި ޚަބަރުތައް ފެތުރުމުގެ ކުރިން ތުރުކީ ފުލުހުން ހާމަކުރި ގޮތުގައި ޖަމާލު ޚާޝުޤްޖީ ސައޫދީ ކޮންސިއުލޭޓްގައި ހުއްޓާ ސައޫދީ ޓީމެއް އެތަނަށް ދިޔައެވެ. އަދި އިދާރީ ކަމަކު ކޮންސިއުލޭޓަށް ވަން ޚާޝުޤްޖީ އެ ފަހުން އެތަނުން ނުކުމެފައި ނުވެއެވެ. 
ތުރުކީ ފުލުހުންނާ ހަވާލާދީ ތުރުކީގެ ރަސްމީ ނިއުސް އެޖެންސީ އަނަޑޯލޫ އިން ބުނި ގޮތުގައި އެޓީމުގައި 15 މީހުން ތިބިއިރު، އޭގެ ތެރޭގައި "ސައޫދީ މަސްއޫލުވެރިންވެސް" ތިއްބެވެ. އެމީހުން އަންގާރަ ދުވަހު އިސްތަންބޫލަށް ދިޔައީ ދެ މަތިންދާބޯޓެއްގައެވެ. އަދި ހަމަ އެދުވަހު އެމީހުން ފުރައިގެން ހިނގައްޖެއެވެ. 
ސައޫދީ ސަރުކާރުން ބުނަމުން ދަނީ ޚާޝުޤްޖީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ނުކުމެގެން ގޮސްފައިވާ ކަމުުގައެވެ. އެހެން ނަމަވެސް ސީސީޓީވީ ފުޓެޖު ފަދަ އެެއްވެސް ހެއްކެއް ސައޫދީން ދައްކާފައި ނުވެއެވެ. 
ސައޫދީ ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމަށް ފަހު އެތަނުން ނުކުމެފައި ނުވާކަމަށް ތުރުކީން ބުނާއިރު، ފާއިތުވި ބުދަ ދުވަހު އެމެރިިކާގެ ބްލޫމްބާގް ޗެނެލާ ވާހަކަފުޅުދައްކަވަމުން ސައޫދީ ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ އެތަނަކީ ސައޫދީ ސިޔާދަތުގެ ދަށުގައިވާ ތަނަކަށްވިޔަސް، ތުރުކީން އެދިއްޖެ ހާލަތެެއްގައި އެތަނަށް ވަދެ އެމީހުން ބޭނުން ކަމެއް ކުރުމުގެ ހުއްދަ ދޭން ސައޫދީ ސަރުކާރު އޮތީ ތައްޔާރަށް ކަމުގައެވެ. 
މި ޚަބަރުތަކާ ގުޅިގެން ޖަމާލު ޚާޝުޤްޖީ އެ ނޫހަކަށް ލިޔަމުން ދިޔަ ވޮޝިންގޓަން ޕޯސްޓުން ބުނެފައި ވަނީ ލިބެމުންދާ ޚަބަރުތައް އެއީ ތެދުކަމުގައި ވަނީނަމަ އެކަން ވެގެންދާނީ "ވަހުޝީ އަމަލަކަށް" ކަމުގައެވެ. 
ސައޫދީ ސަރުކާރުގެ މުސްތަޝާރެއްގެ ގޮތުގައި ކުރިން މަސައްކަރި ޖަމާލު ޚާޝުޤްޖީއަކީ ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ސިިޔާސަތުތަކަށް ފަހަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ނޫސްވެރިއެކެވެ. 
