
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވުމަށްފަހު ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގެން އެގައުމުން ވަނީ ހިމާޔަތް ވެސް ހޯއްދަވައިފައެވެ. އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، އިންތިޚާބީ ނާއިބު ފައިސަލް ނަސީމެވެ. އެބޭފުޅުންގެ އިތުރަށް ޖޭޕީއާއި އެމްޑީޕީއާއި އަދާލަތު ޕާޓީގެ އިސްވެރިން ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ތިއްބެވިއެވެ.
ގާސިމްގެ އަރިހުގައި ޖުމްހޫރީޕާޓީގެ ރައީސް އަލީ ވަހީދު ވެސް ރާއްޖެ ވަޑައިގެންނެވިއެވެ.
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސް ފަރުވާއަށް ގާސިމް ފުރަތަމަ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އެ ގައުމަށް އެމަނުކުފާނު ވަޑައިގެންނެވީ ހުސްވިއަހަރު ސެޕްޓެމްބަރ 6 ގައެވެ. އެ މަނިކުފާނު ޖަރުމަނަށް ވަޑައިގެންނެވީ ސިންގަޕޫރުންނެވެ.
ގާސިމް މިއަދު ރާއްޖެ ވަޑައިގެންނެވީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރެއްވުމަށް ހައިކޯޓުން އަމުރު ކުރެއްވުމުންނެވެ.