ޕާކިސްތާނަށް އުފަން އަފްޣާން ރެފިއުޖީންނަށް ޕާކިސްތާނުގެ ރައްޔިތުންނަށް ވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދަޅުވިތާ މާގިނަ ދުވަހެއް ނުވަނީސް، ރެފިއުޖީން އަނބުރާ ގައުމަށް ގެންދަން ބޭނުންވާކަަމަށް އަފްޣާނިސްތާނު ސަރުކާރުން ބުނެފިއެވެ. 
އިމްރާން ޚާނުގެ ހުށަހެޅުއްވުމަށް ބަލޯޗު ވަޠަނީ ލީޑަރުން ދެކޮޅު ހެދިނަމަވެސް، ޕަޝްތޫން މީހުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާން ރެފިއުޖިން އުޅެމުން ދަނީ ބަލޯޗިސްތާނާއި ޕަޚްތޫންޚާގައެވެ. 
"އިމްރާން ޚާންގެ ބަސްފުޅު ވިދާޅުވެފައިވަނީ އީޖާބީ ރޫހެއްގައި. ނަމަވެސް އަފްޣާން ސަރުކާރުގެ ސިޔާސަތަކީ އަހަރުމެންގެ ރައްޔިތުން ރިވެތި ގޮތުގައި މަޑުމަޑުން ގައުމަށް ބަަދަލުކުރުން. އެހެނަސް އަހަރުމެން އުއްމީދުކުރަނީ އެމީހުން ޕާކިސްތުގައި ތިބޭއިރު އެމީހުން އަނބުރާ ގައުމަށް ދަންދެން އެމީހުންނަށް އެހީތެރިވާނެކަމަށް." ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ އަފްޣާނިސްތާނުގެ ޑެޕިއުޓީ އެންބެސެޑަރު ޒަރްދަޝްތު ޝަމްސު ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ އިއުލާންކުރައްވާފައިވާ، ދެ އަހަރު ދުވަހުގެ ތެރޭގައި އަފްޣާން ރެފިއުޖީން ގައުމަށް އަނބުރާ ގެެންދިއުމުގެ މަޝްރޫއަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ ހުރިހާ ވުޒާރާތަކަކުންވެސް އެ މަޝްރޫއު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން ދާކަމުގައެވެ. 
"އަަަހަރުމެންނަށް އެމީހުން ގަދަކަމުން ނުގެންދެވޭނެ. އަމިއްލައަށް ދާން ބޭނުން ބަޔަކު ދާނީ. އެހެންނަމަވެސް އަހަރުމެންގެ ސިޔާސަތަކީ ޕާކިސްތާނާއި އީރާނުގައި ތިބި ހުރިހާ ރެފިއުޖީން އަނބުރާ ގެންދިއުން." އޭނާ އިތުރަށް ވިދާޅުވިއެވެ. 
އަފްޣާން ޑިޕިއުޓީ އެންބެސެޑަރު މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ، ޕާކިސްތާނުގެ ވަޒީރުންގެ މަޖިލީހުން އެގައުމުގައި ތިބި އަފްޣާން ރެފިއުޖީން ތިބުމުގެ މުއްދަތު ޖޫން 2019 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށް ފާއިތުވި ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު އިންފޯމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވެފައި ވަނިކޮށެވެ. އެމީހުން ޕާކިސްތާނުގައި ތިބުމަށް ކުރިން ދީފައިވާ މުއްދަތު ވަނީ ސެޕްޓެންބަރު މަހުގެ 30 އަށް ހަމަވެފައެވެ.
ފާއިތުވި ސެޕްޓެންބަރު މަހުގެ މެދުތެރޭގައި ކަރާޗީގައި އޮތް ހަފްލާއެއްގައި ވާހަަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވަަފައިވަނީ ޕާކިސްތާނަށް އުފަން އަފްޣާން ރެފިއުޖީން ޕާކިސްތާނު ރައްޔިތުންނަށް ހެއްދެވުމަށް އޭނާ ގަސްތުކުރައްވާކަމުގައެވެ. 
"އެމީހުންނަކީވެސް އިންސާނުން. ރައްޔިތުންނަށް ވުމުގެ ހައްގުން އެމީހުން މަހުރޫމުކޮށްގެން ފާއިތުވި 30-40 އަަހަރު އަހަރުމެން ތިބީ ކީއްވެ؟" އޭނާގެ ވާހަކަފުޅުގައި ސުވާލުކުރައްވާފައިވެއެވެ. 
ބެލެވޭ ގޮތުގައި ޕާކިސްތާނުގައި 2.7 މިލިއަން އަފްޣާން ރެފިއުޖީން ދިރިއުޅެއެވެ. އޭގެ ތެރެއިން %60 (ގާތްގަނޑަކަށް 1.5 މިލިއަން) އަކީ ޕާކިސްތާނަަށް އުފަން މީހުންނެވެ. 
