އެމްޑީޕީން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނެރެފައިވާ އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އަކީ 4 ލީޑަރުގެ މެދުގައި ކޭކުފަޅާއިރު ވަޅި ހިފަހައްޓަން ހުނަވާނެ ބޭފުޅެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިބޫއަކީ ސިންގަލް ކެންޑިޑޭޓެއް ނޫންކަން ކުރިންވެސް ވިދާޅުވިއެވެ. އެ ބޭފުޅުންނަށް ވެރިކަން ލިބިވަޑައިގެންނެވުމުން ކޯލިޝަންގެ ވެރިކަމުގެ ވާހަކަ މަޖިލީހުން ފާސްކުރައްވަން އިދިކޮޅު ލީޑަރުން ނިންމެވި ނިންމެވުމުގައި ސޮއިކުރައްވަން ވެސް އިބޫއަށް ލިބިވަޑައި ނުގެންނެވި ކަމާއި އޭގައި ސޮއިކުރައްވާފައިވަނީ ރައީސް ނަޝީދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރައްވަނީ ހުރިހާ ދިމާއަކުން ރާއްޖެ ތަރައްގީކޮށް އިތުރު ސިޓީތައް އުފައްދައި މިހާރުގެ ސިޓީތައް ވަރުގަދަ ކުރެއްވުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިވެރިކަމުގައި މިހާތަނަށް ވަނީ އާބާދީގެ 50 އިންސައްތަ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދީފައި ކަމަށެވެ. އަދި 75 އިންސައްތަ މީހުންނަށް ނަރުދަމާގެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް އެމަނިކުފާނުވަނީ މީހުންއުޅޭ ހުރިހާ ރަށެއްގައި ފާމަސީ ހުޅުވައި ދެއްވައިފައެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ ރާއްޖޭގައި 12 އެއާޕޯޓު ތަރައްގީ ކުރައްވަމުން ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައިވެސް ތިބީ ދިވެހިރައްޔިތުންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ރައްޔިތުންނަށް އެއާޕޯޓު ލިބިގެންދަނީ ވެސް އެމީހުން މުޒާހަރާ ކޮށްގެން ނޫންކަމަށް ވިދާޅުވިއެވެ. ރައްޔިތުން އިންތިޚާބުކޮށްފައި ހުންނަވާ ވެރިއަކަށް ރައްޔިތުންގެ ހާލަތު އެނގިވަޑައިގަންނަވަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.