
މިހާރުން މިހާރަށް ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ވަކީލުން ގޮވާލައްވައިފިއެވެ. މިކަމަށް ގޮވާލެއްވީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް މިއަދު މާލޭޖަލަށް ޒިޔާރަތްކުރެއްވުމަށްފަހު އިސްވަކީލް ޑރ. މުޙައްމަދު ޖަމީލް ކުރެއްވި ޓްވީޓެއްގައެވެ.
ޑރ ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީނާ، މިއަދު މާލޭޖަލުން ބައްދަލުވެއްޖެ ކަމަށެވެ. އެމަނިކުފާނު ބަހައްޓައިފައި ހުރީ ފާޚާނާ ހަލާކުވެފައި ހުރި ކުޑަ ގޮޅިއެއްގައި ކަމަށެވެ. އެއީ އަސާސީ މިންގަނޑުވެސް ހަމަނުވާތަނެއްކަމަށެވެ. ހުރިހާ ގޮތަކުން ބެލި ކަމުގައި ވިއަސް އެއީ އަނިޔާކަމަށް ވެސް ޑރ. ޖަލީމް ވަނީ ވިދާޅުވެފައެވެ.
މިހާރުން މިހާރަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރަވަން ޖެހޭ ކަމަށާއި އެހެން ފަރާތްތަކަށްވެސް އެލުއި ދެއްވައިފައިވާ ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގް ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއާއެކު ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވީ އިއްޔެއެވެ. އިއްޔެއިން ފެށިގެން އެމަނިކުފާނު ހުންނެވީ މާލޭ ޖަލުގައެވެ.