
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އިދިކޮޅު އިއްތިހާދުގެ "މޭގަނޑު" ފަތަހަ ކުރައްވައިފައި ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކ. ގާފަރަށް ވަޑައިގެން އެރަށުގެ މީހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. "މިއަދު މިތަނުން ފެނިގެން މިދަނީ އެހެން ރަށަކުން މިރަށަށް އަރުވާފައިތިބި ރައްޔިތުންނެއް ނޫނޭ. މިރަށުން ފެނިގެން މިދަނީ މިރަށުގެ ރައްޔިތުންނޭ. އެހެން ކަމުން އަޅުގަނޑު ދަންނަވާނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އެވަނީ އިދިކޮޅު އިއްތިހާދުގެ މޭގަނޑު ފަތަހަ ކޮށްފައޭ. މިރަށުގެ ލޮބުވެތި ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ދެއްވަމުން ގެންދަވާ ތާއީދަށްޓަކައި ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވިއެވެ.
އެދާއިރާގެ މަޖިލިސް މެމްބަރުގެ މާބޮޑު ތާއީދެއް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ނެތްނަމަށްވެސް ސަރުކާރުން ވަނީ އެރަށް އިހުމާލު ނުކޮށް ޚިދުމަތް ކޮށްދެއްވައިފައި ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. ބަނދަރާއި ސްކޫލާއި، ފުޓުސަލް ދަނޑާއި އަދިވެސް އެތައް ކަމެއް ސަރުކާރުން ވަނީ އެރަށަށް ކޮށްދެއްވައިފައި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ އެއްވެސް ކަމަކަށް އެދާއިރާގެ މެމްބަރުގެ ތަރުހީބެއް ލިބިފައިނުވާ ކަމަށް އެރަށުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "އެހެންނަމަވެސް ސަރުކާރުގެ އަމާޒަކީ ރަށްތައް ތަރައްގީ ކުރުމުން، ވަކިބައެއް އިހުމާލުކޮށް ނުލުން، ރައްޔިތުނާ ގާތުން ރައްޔިތުންނަށް ޚިދުމަތް ދެއްވުން އެހެންކަމުން ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކުރައްވައިފިނަމަ އިހަށްވުރެ އިތުރު ތަރައްގީ މިރަށަށް އަންނާނެކަން އަޅުގަނޑު ޔަގީން ކޮށްދެން،" ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން ފަސްޖެހުމެއްނެތި މިމަހު ބާއްވާ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ޝަހީމް އެދިވަޑައިގެނެވިއެވެ. އެކަން އެހެން ކޮށްދެއްވައިނަމަ އެ ފަސް އަހަރުވެގެންދާނީ ރައްޔިތުންނަށް "އިތުރު އުފާވެރިކަން ގެނެސްދޭނެ ފަސްއަހަރަކަށް،" ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ވަކި އާއިލާއަކަށް ވަކިރަށަކަށް ވަކި ޕާޓީއަކަށް މަންފާ ހޯއްދަވައި ދެއްވުމަށް ނޫންކަމަށެވެ. އެމަނިކުފާނަށް ދެއްވާ ވޯޓަކީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ތަރައްގީއަށް ދެއްވާ ވޯޓެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ކޯލިޝަނާ ވެރިކަން ހަވާލުކުރަން ރައްޔިތުން ދެބަސްވާނެ ކަމަށެވެ. ކޯލިޝަންގެ ސަފުތައް އިންތިޚާބު ނިމޭދުވަހު ނޫން އަނެއް ދުވަހު ރޫޅިގެންދާނެ ކަމަށާއި އެހެންކަމުން ވެރިކަން ހިންގަން ކޯލިޝަނާ ހަވާލުކުރަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.