ގޭންގް ވަޔަލަންސް މުޅީން ނައްތާލެވެނީ ފަސް އަހަރަށްވުރެ ދިގު ދައުރެއް ދިނީމަ: ރައީސް

ގޭންގް ވަޔަލަންސް މުޅީން ނައްތާލެވޭނީ ރައްޔިތުން ފަސް އަހަރަށްވުރެ ދިގު ދައުރެއް ދެއްވީމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ޔުނިވަރސިޓީ އާއި ޕީއެސްއެމް ގުޅިގެން އިންތިޒާމްކުރި ރިޔާސީ 'ބަހުސް'ގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގައުމީ ޔުނިވަރސިޓީގެ މައި އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ގޭންގް ވަޔަލަންސް މުޅިން ނައްތާލުމަށްޓަކައި ގެންގުޅުއްވާނެ ސިޔާސަތެއް އެބައޮތްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ގޭންގްތަކުން ހިންގާ ހަމަނުޖެހުމަކީ އިއްޔެއަކު މިއަދަކު އުފަންވި ކަންކަން ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ވިސްނުމަށް ގެނެސްފައި ހުރި ބަދަލާއި އަދި ރައްޔިތުންނަށް ގާނޫނަށް ބޯލަންބަން ނުޖެހޭ ކަން ވިސްނައިދީފާ ހުރި ހުރުމަކީ ގިނަދުވަސްތަކެއް ވެފައި ހުރި ކަންކަންކަމަށެވެ. ހިސާބު އަކުރުން ހައްލު ހޯދަ ކަންކަން ފަސޭހަވިޔަސް އިންސާނީ މިޒާޖާ އިންސާނީ 'ސައިކީ' އާ ބެހޭ ކަންކަމުގަ އެބެލެންސް ގެނައުމަކީ އެހައި ފަސޭހަކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީހުންގެ ވިސްނުމަށް އަންނަ ބަދަލާއި މީހުން މޯޓިވޭތް ކުރަން ކުރާންޖެހޭ ކަންކަމާއި ނުބައި ކަަންކަމުން މީހުން ދުރަށްލާން، ޑީމޯޓިވޭޓް ކުރާން ނޫނީ ހައގުތަކަށް އަރައިނުގަތުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ދިވެހި ރާއްޖެއަކީ ނިސްބަތުން އެންމެ ބޮޑަށް ތައުލީމީ ދާއިރާއަށް އިންވެސްތް ކުރާ ގައުމުކަން ފާގަކުރައްވައި ރައީސް ވިދާޅުވީ ތައުލީމާ ތަރުބިއްޔަތަކީ މީހާ ބައްޓަން ކުރުމުގަ އެންމެ ބޮޑު އަސާސް ކަމަށް ވާނަމަ އެމަނިކުފާނަށް އޭގެ ކޮރިލޭޝަން (ގުޅުން) ރާއްޖެއިން ނުފެންނަ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގަިއ އެމަނިކުފާނުގެ ވެރިކަމުގައި ބޮޑެތި ވަޔަލަންސް، ޚާއްޞަކޮށް 'ބްރޫޓަލް ސްޓެބިންގްސްް' (އަނިޔާވެރިކޮށް ވަޅި ފަދަ ތޫނު އެއްޗެހި ހެރުން) ވަނީ ހުއްޓުވިފައެވެ. އެހެންކަމުން ރައްޔިތުން އެމަނިކުފާނަށް އިތުރު ފަސް އަހަރު ދެއްވައިފިނަމަ ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"... ފަސް އަހަރެއްހާ މުއްދަތުގެ ތެރޭގައި ވަޔަލަންސް 35% ޚާއްޞަކޮށް ބޮޑެތި ބްރޫޓަލް ސްޓެބިންގސް އާއި ޚާއްޞަކޮށް މިހަލަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަކީ އަޅުގަނޑަށް ހީވަނީ ނޯލެސް އެޗީވްމަންޓް. އެހެންވީމާ އަޅުގަނޑަށް އުއްމީދު އެބައޮތް އިރާދަކރުެއްވިއްޔަ ދެން ރައްިޔތުން އަޅުގަނޑަށް ފަސް އަހަރު ދެއްވައިފި ކަމުގަ ވަންޏާ ހަމަ ޑްރާސްޓިކަލީ މި އަދަދު ތިރިވެގެންދަނެ ކަމަށް..." ރައީސް ވިދާޅުވިއެވެ.

އެހެން ވިދާޅުވި ސަބަބެއް ކަމަށް ރައީސް ފާހަގަކުރެއްވީ ގޯސް ހަދަން ދިއުމުގެ ބދަލުގައި ސަރުކާރުން ހޯއްދަވައިދެއްވި ވަޒީފާގެ ފުރުސަތާއި އަި ފުޓްސަލް ދަނޑުތަކާއި ސްޕޯޓްސް އެރީނާ ތަކުގައި ޒުވާނުން ހަރަކާތްތެރިވާތަން ފެންނަކަމަށެވެ. އެހެންކަމުން ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ސަރުކާރުން ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާލުވިއެވެ.

ގައުމީ ޔުނިވަރިސޓީގެ މައި އޮޑިޓޯރިއަމްގައި މިރޭ ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ ބަހުސެއް ނަމަވެސް އެއް ކެންޑިޑޭޓް ބަހުސްގައި ބައިވެރިވުމުގެ ޝައުގެ އަނބުރައި ގެންދިއުމުން ބަހުސްގެ ފޯމެޓަށް ބަދަލުގެނެސް، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޕްރޮގްރާމެއްގެ ގޮތުގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.