ފުލުހުންގެ ކުރިއެރުމުގެ އަސްލަކަށް ހަދަންވީ އަމާނާތްތެރިކަމުގެ އަޒުމް  - ސީޕ

IMG_1379E

ފުލުހުންގެ ކުރިއެރުމުގެ އަސްލަކަށް ނުވަތަ އެކަމުގެ ސިއްރަކަށް ހަދަންވީ އަމާނާތްތެރިކަމުގެ މަތިވެރި އަޒުމް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި، ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ފުލުހަކީ ނުވަތަ ފުލުހުންނަކީ “ޚިދުމަތްކުރަން – ޙިމާޔަތްކުރަން” ތިބި ބައެއް. ޚިދުމަތްކުރަނީ އިންސާނިއްޔަތަށް. ޙިމާޔަތް ކުރަނީ އިންސާނުން، އިންސާނުންގެ މުދަލާއި ފުރާނަ. ޙިމާޔަތްކުރެވެނީ އަމާނާތްތެރިވެގެން، އިހުލާސްތެރިވެގެން. އަމާނާތް ފެށެނީ ކީރިތިވަންތަ ﷲއާ ހަމައިން. އަމާނާތް އިންސާނާއާ ޙަވާލު ކުރެއްވީ އެކަލާނގެ. އެހެންކަމުން ފުލުހުންގެ ޚިދުމަތް ފެށެންވީ އަދި އެ ޚިދުމަތް ބިނާވެގެން އަންނަންވީ އަމާނާތްތެރިކަމުގެ ތަރަހައިގެ މަތީގާ. އިޚްލާޞްކަމުގެ ބިންގަލުގެ މަތީގާ” ކޮމިޝަނަރ އޮފް ޕޮލިސް މި ރަސްމިއްޔާތުގައި ވާހަގަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

އިޙުލާޞްތެރި ހިދުމަތުގެ މައްޗަށް ބައްލަވާލައްވައި އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ސިޔާސީ ފަރާތްތަކަށް ފޫއަޅުވާލެވޭ ވަރަށްވުރެ ފުލުހުންގެ ހިތުގެ އަޒުމު ވަރުގަދަވާންޖެހޭ ކަމަށާއި ގައުމާއި ދީނުގެ އަދާވާތްތެރިންނަށް ހުޅުވޭ ވަރަށްވުރެ ފުލުހުންގެ އަޒުމާއި ހިތްވަރުގެ ތަޅުތައް ވަރުގަދަވާންޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންނާއި ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް، އިލްތިމާސް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ ޔުނީފޯމަށް އިތުރުވެގެންދިޔަ ވިދުންތަކާއި ހައިބަތު ރަމްޒުކޮށްދެނީ މި ޤައުމަށް އަމާނާތްރިވުމާއެކު، މުރާލިކަމާއި ހީވާގިކަން ކުރިއަށްނެރެ އަދާކުރާ ވާޖިބާއި ޒިންމާގައި ފަރުވާތެރިވުން ކަމަށެވެ. އޭގެ އިތުރުން، ޔުނީފޯމަށް އަންނަ މިފަދަ ކޮންމެ ވިދުމަކާއެކު ބޮޑުވެގެންދާ މަސްއޫލިއްޔަތު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރަންޖެހޭ ކަމަށާއި މި އަމާނާތް އަޅުގަނޑުމެންގެ ހިތުން ކެހިގެން ގޮސްގެން ނުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ، ފުލުހުންގެ މަސައްކަތުގައި އަމާނާތްތެރިވުމާއި އިހުލާސްތެރިވުމުގެ ތެރޭގައި ހަމަހަމަކަމާއެކު އަމިއްލަ ޒިންމާ އުފުލުން ކުރިއަށް ނެރެންޖެހޭކަމަށެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ނަޒާހާތްތެރިކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއަދު ފުލުހުންގެ ވަޒީފާއަކީ ފަސޭހަ ވަޒީފާއެއްނޫން ކަމަށާއި ޑިއުޓީއަށްނުކުމެ މައްސަލަތަކާ ކުރިމަތިލާއިރު މުޖުތަމައުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށެވެ. އެގޮތުން، ހަގީގީ ފުލުހެއްގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް މި ގޮންޖެހުންތަކާ ކުރިމަތިލައި ޕްރޮފެޝަނަލް ފުލުހެއްގެ ސިފަ އަޅުގަނޑުމެން ދައްކަން ޖެހޭކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

“އޭރުން އާންމު ރައްޔިތުންގެ ހިތްތައް ވެސް ތާރީފުގައި އަޅުގަނޑުމެންނާ(ފުލުހުންނާ) ދިމާއަށް ލެނބޭނެ. ފަހަރެއްގައި ވެސް އަޅުގަނޑު މި ދެންނެވީ ކުށްކުރާ މީހުންނާ މެދު ވަކި ގޮތަކަށް ލުއިކޮށް ކަންކަން ދޫކޮށްލާށެކޭ ނޫން. މައިގަނޑު ނުކުތާއަކީ ގަވާއިދުގެ ތެރޭން އަޅުގަނޑުމެންގެ(ފުލުހުންގެ) ވާޖިބު އަދާ ކުރަމާ ހިންގަވާށޭ!” ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ގައުމަށާއި ދީނަށާއި ވެރީންނަށް އިހުލާސްތެރިވެ، އަޒުމާއި އީމާނާއި ނަޒާހާތްތެރިކަމުގެ ގާބިލް ފިޔަވަޅުމަތީގައި ސާބިވެތިބެ، ފުލުހުންނަށް ހުށަހެޅޭ ނުރަނގަޅު ނުފޫޒުތަކުގެ ކުރިމަތީގައި ފުލުހުންގެ ތޮށިހަރުކަން ދައްކައި ފުލުހުންގެ މުއައްސަސާގެ އަގު ހިފަހައްޓަންޖެހޭ ކަމަށެވެ.

އިއްޔެ އޮތް ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި ބައެއް އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.