އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއާ ދެމެދު ހިނގާ މުއާމަލާތްތައް ވިލަރެސްކުރާނެ ގުޅިފަައިވާ އޮފީހެއް އުތުރު ކޮރެޔާގެ ކައެސޮންގ ގައި މިއަދު ހުޅުވައިފިއެވެ. މި އޮފީސް ހުޅުވާފައި މި ވަނީ ދެފަރާތުގެ ގުޅުން އިތުރަށް ރަނގަޅުވެ، ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިން އަންނަ ހަފުތާގައި އުތުރު ކޮރެޔާއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.
"މިއަދު މިތާގައި މިހުޅުވުނީ ތާރީޚުގެ މުޅިން އާ ބާއެއް." އޮފީސް ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދެކުނު ކޮރެޔާގެ ޔުނިފިކޭޝަން މިނިސްޓަރު ޗޯ މުުޔޮންގ-ގިޔޯން ވިދާޅުވިއެވެ. "އުތުރާއި ދެކުނު ގުޅިގެން އަނެއްކާވެސް މިވަނީ ސުލްހައިގެ އައު ކަމެއް ކޮށްފައި." އޭނާ ވިދާޅުވިއެވެ.
އެ ވާހަކަފުޅުގެ ޖަވާބުގައި އުތުރު ކޮރެޔާގެ ވަފުދު އިސްވެރިޔާ ރީ ސޮން ގުވޮން ވިދާޅުވީ އެއީ "އުތުރާއި ދެކުނު ގުޅިގެން ފައްކާކުރި ފާހަގަކޮށްލެވޭ މޭވާއެއް" ކަމުގައެވެ.
ވިލަރެސްކުރާ އޮފީސް ގާއިމުކުރި ކައެސޮންގއަކީ ދެވަނަ ބޮޑު ހަނގުރާމަ ނިމެގެން ރަޝިޔާއާއި އެމެރިކާ ގުޅިގެން ކޮރެޔާ ބައިކުރި އިރު ދެކޮނު ކޮރެޔާގައި އޮތް ރަށެކެވެ. ނަމަވެސް 1950 އިން 53 އަށް ހިނގި ކޮރެޔާ ހަނގުރާމަ ނިމި ވަގުތީ ސުލްހަ ގާއިމުކުރި އިރު އެރަށަ އޮތީ އޮތުރު ކޮރެޔާގެ ފަޅީގައެވެ.
ހަތަރު ފަންގިފިލާގެ އިމާރާތެއްގައި ހުޅުވި އެ އޮފީހުގައި އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާގެ ވަކި ދެ އޮފީހާއި، ގުޅިފައިވާ ކޮންފަރެންސް ހޯލެއް ހިމެނެއެވެ. އޮފީހުގެ ބޭނުމަކީ ސަރަހައްދު ހުރަސްކޮށް ކުރަންޖެހޭ މުއާމަލާތްތައް ވިލަރެސްކޮށް އެެކަން ފަސޭހަކޮށްދިނުމެވެ. އޮފީހުގައި ކޮންމެ ގައުމަކުން 20 މީހުން މަސައްކަތް ކުރާނެއެވެ. އެމީހުންގެ އިސް ބޭފުޅަކަށް ހުންނަވާނީ ނާއިބު މިނިސްޓަރު ފެންވަރުގެ ބޭފުޅެކެވެ.
އަންނަ އަންގާރަ ދުވަހު ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިން ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އުތުރު ކޮރެޔާގެ ވެރިރަށް ޕިޔޮންގްޔަންގަށް ވަޑައިގަންނަވާނެއެވެ. އަދި އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ-އުން އާ ބައްދަލުކުރައްވާނެއެވެ. މިއީ މިއަހަރު ތެރޭގައި ދެ ކޮރެޔާގެ އެންމެ އިސްވެރިން ބައްދަލުކުރައްވާ ތިންވަނަ ފަހަރެވެ. ދެކުނު ކޮރެޔާގެ ރައީސުކަމަށް މޫން ވަޑައިގަތް ފަހުން އޭނާ ވަނީ އުތުރާއެކު ގުޅުން ރަނގަޅުުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި ޒައީމު ކިމްއާ އެމެރިކާގެ ރައީސު ޓްރަމްޕް ސިންގަޕޫރުގައި ބޭއެްވެވި ތާރީޚީ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާފައެވެ.