އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އައްޑޫ ސިޓީ ހުޅުމީދުއަށް ވަޑައިގެން އެރަށުގައި ގާއިމް ކުރައްވައިފައިވާ އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް މިއަދު ހުޅުވައި ދެއްވައިފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މި މަޝްރޫއު ފަށްޓަވައިފައިވަނީ 2014 ވަނަ އަހަރު ޑިސެމްބަރު 28 ވަނަދުވަހުއެވެ. އެހެންނަމަވެސް އެތަނުގެ ބިންގާ އަޅައި ރަސްމީކޮށް މަސައްކަތް ފަށައިފައިވަނީ 2016 ވަނަ އަހަރު ޖެނުއަރީ 9 ވަނަ ދުވަހުއެވެ.

މިއީ ހަތް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބިނާކޮށްފައިވާ ކޮމްޕްލެކްސްއެކެވެ. އެތަނުގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ހަދައިފައިވެއެވެ. އަދި އެތަނުގައި ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭނެއެވެ.

އޭގެ އިތުރަށް އެތަނުން 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ކަމަށް މިފްކޯ އިން ކުރިން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނަށް ބޭނުންވާ މުވައްޒަފުން ވެސް މިހާރުވަނީ ނަގައިފައެވެ.

ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރަށް ރައީސްވަނީ އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވައިފައެވެ. އަދި އެ ދެރަށުގެ ހައުސިން ޔުނިޓްތަކާއި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.