ދިވެހިރައްޔިތުން ބޭނުންވަނީ އެމީހުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދޭނެ ބަޔަކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކޮޅުމަޑުލު ގުރައިދޫއަށް ކުރެއްވި ޒިޔާރަތުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިންތިޒާމްކުރައްވައިގެން އެރަށުގައި ބޭއްވެވި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު ވިދާޅުވީ މިސަރުކާރުގެ ފިކުރު ދިފާޢުކުރަން ޖެހެނީ މިފިކުރަކީ މުޅި ރައްޔިތުންގެ މަސްލަޙަތާއި ސުލްޙައަށް އަދި ދީނުގެ ޙައްޤުގައި އޮތް ފިކުރުކަމަށް ވާތީ ކަމަށެވެ. ސަރުކާރުގެ މިފިކުރާއިއެކު މުޅި ރާއްޖެ ތަރައްޤީވެ، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާފަދަ އެކި ދާއިރާތަކުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ހިމާޔަތްކުރާ އުސޫލުތައް ބިނާވެފައި ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ ދިވެހިރައްޔިތުންގެ ކުރިއެރުމާއި، ދިވެހިރައްޔިތުންގެ މަސްލަޙަތާއި ދީން ޙިމާޔަތް ކުރުން ފަދަ ކަންކަމުގެ މައްޗަށް ކަމަށެވެ. އަދި ޤައުމު ސަލާމަތާއި އަމާންކަމާއެކު ބާއްވާނެ ފިކުރަކީ މިއީ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިހާރު އިސްކުރަންވީ އެންމެ ފުރަތަމަ ދީން ކަމަށާއި ޤައުމު އިސްކުރަންވީ އެއާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިޤައުމު ޤައުމެއްގެ ގޮތުގައި، އެއްބައިވަންތަ ސުލްޙަވެރި ބައެއްގެ ގޮތުގައި މިއޮތީ އިސްލާމީ ހިދާޔަތުގެ މަތީގައި ތިބުމުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތް ދައުލަތެއްގެ ގޮތުގައި އަދި އަޅުގނޑުމެންގެ މިރާއްޖެއަކީ އެކުވެރި ބައެއްގެ ގޮތުގައި މިތިބެނީ އަޅުގަނޑުމެން އެންމެންނަކީ އިސްލާމްދީން ނޫން ދީނަކަށް ޖާގަދޭން ބޭނުންނުވާ ބައެއް ކަމުގައި ޤަބޫލުކޮށްގެން ތިބޭތީ ކަމަށެވެ.