އެނބުރޭ ވަހުތާން (22)

(10 ސެޕްޓެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނަޞީރު ފަރުޒާނާމެންގޭ ދޮށަށް ކާރު މަޑުކޮށްލިއެވެ. "ބަނޑުހައިގަނެގެން ގޮސް އަވަދިވާ ވަރުވެއްޖެ-" އޭނާ ފަރުޒާނާއާ ދިމާއަށް ބުނެލިއެވެ. "ފަރުޒާނާގެ މަންމަ ހުންނާނީ އަހަރެންގެ ކާއެއްޗެއްސަށް ވިހަލާފައިކަން ޔަޤީން-"

ފަރުޒާނާ ހިނިތުންވެއެއް ނުލިއެވެ. "އަހަންނަށް ހީވަނީ ވިސްނުންތެރި ކަމާއެކު ކަންތައްތައް ހަމަޖެއްސޭތޯ މަންމަ ވަރަށް ބޮޑަށް މަސައްކަތް ކުރޭހެން-"

"އާނ... ވަރަށް ބޮޑަށް-"

ފަރުޒާނާ ނަޞީރުގެ އަތުގައި ހިފަހައްޓައިލިއެވެ. "ނަސީރު- ކަންތައްތަކާމެދު ބޮޑަށް ޝައްކު ކުރުމަކުން މައްސަލަތަކެއް ޙައްލެއް ނުވާނެ- އިތުރުވާނީ-"

"މޮޅު ވާހަކަ ދައްކައިގެން އަހަރެން ހައްލާލަން ނޫޅޭ- އަހަންނަކީ އިޤްބާލް އަޙްމަދެއް ނޫން-"

"ނަޞީރު... ކުޑަކުދިން ދައްކާ ކަހަލަ މޮޔަ ވާހަކަ ނުދައްކާ-"

"ވިސްނާލަބަލަ- ހަނގުރާމަ ފެށީ ކާކު-؟ މިހާރުވެސް ފަރުޒާނާގެ މަންމައަށް އަހަރެން ފެނުމާއެކީ ބޮޑާކަމާއެކީ ދެއަތް ފުޅާކޮށްލާ-"

މޮޔަ ވާހަކަ ނުދައްކާ-"

ނަޞީރަށް އެކަނިވެރިކަން އިޙްސާސް ކުރެވެން ފަށައިފިއެވެ. އޭނާއަށް ޖެހެނީ ފަރުޒާނާގެ މައިންބަފައިންނާ ކުރިމަތިލާށެވެ. އެއީ ވަރަށް އުނދަގޫ މަރުޙަލާއެކެވެ. ފަރުޒާނާއަށް ޖެހޭނީ އޭނާއަށް ހިތްވަރު ދޭށެވެ. އެކަމަކު...

"އަހަރެން ނަޞީރު ދެކެ ލޯބިވޭ-" ފަރުޒާނާ ބުންޏެވެ. "އަހަރެން މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވަން- ލޯބި އެއީ ކޮން އެއްޗެއްކަން އަހަންނަށް އެނގުނީ ނަޞީރުގެ ސަބަބުން-"

"ފަރުޒާނާ ވަރަށް ރީތި- އަހަރެންގެ ފައިތިލަ ހެޔޮމަގުން ކައްސާ ނުލީތީ އަހަރެން ޙައިރާންވޭ-"

"ނަޞީރުގެ އަގު އަހަރެންގެ ކުރިމަތީގައި ބޮޑު ވެގެން ދިޔައީ އެހެން ވެގެން-" ފަރުޒާނާ ބުންޏެވެ. "ހިނގާ ދަމާ- ލަހުން ކާން އައުމަކީ ބައްޕަ ވަރަށް ރުޅި ދުރުވާ ކަމެއް-"

ނަޖުމާއާއި ޔޫސުފު މަލިކު ބޮޑު ކޮޓަރި ތެރޭގައި އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. ނަޖުމާގެ މޫނުމަތި މާކަ ރަނގަޅެއް ނޫނެވެ. އެހެންނަމަވެސް ނަޞީރަށް އޭނާ ހިތްހަމަ ނުޖެހޭކަން ނާންގައި ވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ޔޫސުފު މަލިކު އެކި މައުޟޫޢުގެ މައްޗަށް ނަޞީރާ ވާހަކަ ދެއްކިއެވެ. ނަޞީރަށް މާރަގަޅަކަށް ނުކެވުނެވެ.

އެރޭ ކްލަބުން ނިމިގެން ކުއްލިއަކަށް ނަޞީރަށް ރޫފީގެ ޚިޔާލު ކުރެވުނެވެ. ކާވެނީގެ ކަންތަކާ ހެދި އޭނާގެ މަތިން ހަނދާން ނައްތައިލެވުނީއެވެ.

"ކިހިނެއް ރަޙުމަތްތެރިޔާ-؟" އޭނާ ރޫފީއާ ސުވާލު ކުރިއެވެ.

"ކަލޭގެ ޙާލު ކިޔައިދީ- އުފާވެރިކަން ތިޔަހަރީ ހަތްވަނަ އުޑުގައެއްނު-؟ ރޫފީ ހީނގަތެވެ.

"އާނ-" ނާޞީރުވެސް ހީނލިއެވެ. މިހާރުވެސް ނަވީންއާ ބައްދަލުކުރަންތަ-؟"

"އާނ-"

"ކަންތައް ކިހާ ހިސާބަކަށް ހިނގައްޖެ-؟" ނަޞީރު އަހައިލިއެވެ.

"ތިޔަ ހީކުރާ ހިސާބަކަށް ނުދޭ-" ރޫފީ މަޑުމަޑުން ބުނެލިއެވެ.

ނަޞީރު ފުން ނޭވައެއް ލިއެވެ. "އެހެން ވެއްޖެއްޔާ ބައްދަލު ކުރުމުގެ ބޭނުމަކީ ކޮބާ-؟"

ރޫފީ ކޮނޑު ހިއްލައިލިއެވެ.

"ރޫފީ-" ނަޞީރު ލާނެއް ފާޑަކަށް ހީނގަތެވެ. "ކަލޭ ނަވީންއާ އިނދެވޭތޯ މަސައްކަތް ކުރޭ- އެއީ ވަރަށް ބޮޑު ފައިސާވެރިއެއް-"

"ތިޔައީތާ މައްސަލައަކީ- ތިޔަ ތަފާތާ ހެދި ގުޅެންވާ ގިނަ މީހުންނަށް ޖެހެނީ ވަކިވާން-" ރޫފީ ސާދާކަމާއެކު ބުނެލިއެވެ. ރޫފީ އިޝާރާތް ކުރީ އޭނާއަށް ނޫންކަން ނަޞީރަށް އެނގެއެވެ. އެކަމަކުވެސް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

   

* * *

   

ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ރޫފީއަށް ރަލުގެ އެހީ ހޯދަން ޖެހިއްޖެއެވެ. އެއީ ނަވީންގެ ކަންތައް ހުންނަ ގޮތުންނެވެ. ނަވީންވެސް އޭނާ ދެކެ ލޯބިވެއޭ ބައެއް ފަހަރަށް ހިތަށް އަރައެވެ. ތަފާތު ފިރިހެނަކަށް ނަވީންއަށް ފެނުނު ހަމައެކަނި މީހަކީ ރޫފީ ކަމަށް ވާތީ ކަމަށްވެސް ވެދާނެއެވެ. ނަވީން އޭނާޔާމެދު އެކި ފަހަރު ކަންތައް ކުރަނީ އެކި ގޮތަށެވެ. ނަވީންގެ ރީތިކަމާއި، އަންހެންވަންތަކަން ބޭނުން ކޮށްގެން އޭނާ އަނބުރައިލަން މަސައްކަތް ކުރެއެވެ. އަބުރުވެރިކަމާއި، ރީތި އަޚްލާޤް ނަވީންއަށް ދުވަހަކުވެސް ފެނިފައި ނެތީ ކަހަލައެވެ.

    ރޫފީއަކީވެސް މަލާއިކަތެއް ނޫނެވެ. ކަށްޓާއި، މަހުން ހައްދަވައިފައިވާ އިންސާނެކެވެ. އަމިއްލަ ފާޙިޝް އެދުންތަކުގެ އަވައިގައި ޖެހިގެން ހިނގައިދާނަމޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އެހެންނަމަވެސް އަމިއްލަ ނަފުސުގެ މައްޗަށް ބާރު ހިންގައި ޝައިޠާނީ ވަސްވާސްތައް ފުނޑުފުނޑު ކޮށްލަނީއެވެ. އެކަމަކު އެއް ފާފައިން ސަލާމަތް ވެގެން އަނެއް ފާފައަށް އަރައިގަތުމަކީވެސް ކުޑަ ކަމެއް ނޫނެވެ. އޭނާ މިހާރު ނަވީން ދެކެ ބިރުވެސް ގަންނަން ފަށައިފިއެވެ. އެހެނަސް އޭނާޔާ ބައްދަލު ނުކޮށް ހުރުމަކީވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ.

ބުރާސްފަތި ދުވަހު ހެނދުނު އޭނާ ނަވީންގެ ފްލެޓަށް ދިޔައެވެ. އެތާނގައި ހޭދަކުރި ވަގުތު ވެގެން ދިޔައީ ކަނޑިއެއްގެ މިޔަމަތީގައި ހޭދަކުރި ވަގުތު ކޮޅަކަށެވެ. އެނބުރި ގެއަށް އައުމާއެކު އޭނާ ބޯން ފަށައިފިއެވެ. މިއަދު ނަޞީރުގެ ކާވެނި އޮތްކަން ހަނދާންވީ ލައްކަ ގިނަ އިރުންނެވެ. އަވަސް އަވަހަށް ކާރުގައި ނަޞީރުގެ ގެއަށް ހިނގައްޖެއެވެ. އޭރު އޭނާ ހުރީ އާދައިގެ ވަރަކަށް އަމަލުވެފައެވެ.

ނަޞީރުގެ މަންމައަށް އޭނާ ހުރީ ޢަމަލުވެފައިކަން އެނގުނީމާ މޫނު ކުނިކޮށްލިއެވެ. ނަޞީރުވެސް ޙައިރާންވިއެވެ. އެހެންނަމަވެސް އެ މައްސަލަޔާ ބެހޭ ގޮތުން ފަހުން ވާހަކަ ދައްކަން ނިންމީއެވެ.

ކާވެނި އަވަހަށް ކުރަން އެންމެ ބާރު އެޅީ ޔޫސުފު މަލިކެވެ. ނަޞީރަށްވެސް ރަނގަޅީ އެގޮތެވެ.

"ނަޞީރު- އަނގޮޓީގެ ކަންތައް ހަމަޖައްސައިފިންތަ-؟" ކުއްލިއަކަށް ނަޞީރުގެ މަންމަ އަހައިލިއެވެ.

"އާނ- އަނގޮޓީ ރޫފީގެ އަތުގައި އޮންނާނެ-" ނަޞީރު މިހެން ބުނެފައި ރޫފީއާއި ސުވާލު ކުރިއެވެ. އަނގޮޓީ ގެނައިންތަ-؟"

ރޫފީ އެއް އަތުން ބޮލުގައި ޖަހައިލިއެވެ. އޭނާއަށް އާދެވުނީ އަނގޮޓި ގޭގައި ބާއްވައިފައެވެ. "އަންނާނަން ހިފައިގެން-" އޭނާ ތެދުވެއްޖެއެވެ.

"ތެޅިގަނެގެން ނޫޅޭތި-" ނަޞީރު ބުންޏެވެ. "އަދި ވަރަށް ގިނަ ވަގުތު އެބައޮތް- ހިނގާ އަހަރެންވެސް ދާނަން-"

"ކަލޭ ދާނެ ކަމެއްނެތް-" ސީމާ ހަޅޭއްލައިގަތެވެ. "މީހުން އަންނައިރު ކަލޭ މިތާނގައި ހުންނަން ޖެހޭނެ-"

"އާނ- އެއީ ތެދެއް- އަހަރެން ވަރަށް އަވަހަށް އަންނާނަން-" ރޫފީ ބުންޏެވެ. އަދި އިޚްލާޞްތެރިކަމާ ލޯބި އެކުލެވިފައިވާ ރާގަކަށް ބުނެލިއެވެ. "އަހަންނަށް މަޢާފު ކުރޭ ނަޞީރު-"

"އައްދޭ- އެއީ އެވަރުގެ ކަމެއްތަ-؟ ކުޑަކުޑަ ކަމެއް މާބޮޑު ތިޔަ ކުރަނީ- އަވަހަށް ގޮސް ހިފައިގެން އާދޭ- އަދި ވަގުތު އެބައޮތް-"

ރޫފީ ދިޔުމާއެކު ސީމާ އަމުނައިގަތެވެ. "އަމަލު ވާންވެސް އެނގުނީ މިއަދު- އައި އިރު އަނގޮޓި ގެންނާކަށްވެސް ނޭނގުނު-"

ނަޞީރު އެއްވެސް ޖަވާބެއް ނުދެއެވެ. ސީމާ ޖެހިގެން ހުރި ކޮޓަރިއަށް ހިނގައްޖެއެވެ. ނަޞީރު ލޯ މަރައިލުމަށް ފަހު ފަރުޒާނާގެ ޚިޔާލުގެ ތެރެއަށް ގެއްލިއްޖެއެވެ. ކާވެންޏަށް ނަލަހެދިގެން އިންނައިރު ފަރުޒާނާ ވަރަށް ރީތި ވާނެއެވެ. އޭނާ އަމިއްލަ އަމިއްލައަށް ހިނިތުންވެލިއެވެ. ނަޖުމާ މަލިކާއި، އިޤްބާލް އަޙްމަދުގެ ރޭވުން ނާކާމިޔާބުވީއޭ ހިތަށް އެރުމުން އޭނާގެ އުފާވެރިކަން އިތުރުވެގެން ދިޔައެވެ.

   

* * *

   

ރޫފީ ކާރު ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. އެހެންނަމަވެސް އަދި ވަރަށް ގިނަ ވަގުތު އެބައޮތޭ ނަޞީރު ބުނި ހަނދާން ވެފައި ދުވެލި ތަންފުކެއް މަޑުކޮށްލިއެވެ. އޭނާ އެ ޙާލުގައި ހުއްޓައި ފުލުހަކަށް ފެނިއްޖެއްޔާ މާ ރަނގަޅެއް ނުވާނެއެވެ. ނަޞީރުގެ ކާވެނީގައި ބައިވެރިވުމަށްވުރެ އަނގޮޓި ގެންދިޔުން މާ މުހިންމެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.