(9 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ނަޞީރު އަރުޝަދާ ބައްދަލު ނުކުރާން ޝަބާނާ ޖައްބާރު ކަނޑަ އަޅައިފިއެވެ. އޭނާ ދެކެ ނަޞީރު ލޯބި ނުވާކަން އޭނާއަށް ރަނގަޅުށް އެނގެއެވެ. ލޯބިވުން ކީއްކުރަން ހެއްޔެވެ؟ ވަކި މީހަކަށްޓަކައި ޚާއްޞަ ވެގެން ހުރުމަކީ ނަޞީރަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ޝަބާނާގެ މަންމަ ނަޞީރާ ވަރަށް ރުހެއެވެ. މަންމަ ދެކޭގޮތުގައި ނަޞީރަކީ މިސާލުޖެހޭ ފަދަ ޒުވާނެކެވެ. މަންމައަށް ނަޞީރުގެ ގޮތާއި ބާވަތް ރަނގަޅަށް ނޭގެނީއެވެ. މިހުރިހާ ކަމެއް އެނގި ހުރެމެ ޝަބާނާ ދެކެނީ ނަޞީރުގެ ހުވަފެނެވެ. އެއީ، ނަޞީރު ރީތިވެފައި މޮޅުކަމުންނެވެ. އެހެންނަމަވެސް އެއީ މަދަރުސީ ދައުރުގެ ކަންތަކެވެ. މިއީ ޢަމަލީ މައިދާނެވެ. އޭނާވެސް އުޅެނީ ވަޒީފާއެއް ގައެވެ. މިހާރު އޭނާ ބޭނުންވަނީ ހުވަފެނެއް ނޫނެވެ. ޙަޤީޤީ ބައިވެރި އެކެވެ. ކިޔަވަން އުޅުނު ދުވަސް ވަރަކީ ތަފާތު ދުވަސްވަރެކެވެ. ރުހޭ ކޮންމެ ކަމަކަށް ލޯބީގެ ދަރަޖަ ދިނުމަކީ އޭރުގެ އާދައެވެ. އޭނާއަށް ލޯބި ވެވުނީ މިހާރުއެވެ. އެއީ އިޤްބާލް އަޙުމަދު ދެކެއެވެ. އިޤްބާލަކީ ނަޞީރުހައި ރީތި މީހެއް ނޫނެވެ. އެހެންނަމަވެސް އަޅާފައި ހުންނަ ރީތި ހެދުމާއި، މީހުންނާ ވާހަކަ ދެއްކުމުގައި ގެންގުޅޭ އުފާވެރި ގޮތްތަކެއްގެ ސަބަބުން އޭނާގެ ރީތިކަން ނިހާޔަތަށް އިތުރު ވެއެވެ. އޭނާއަކީ ނަޞީރުކަހަލަ ބޯހަރު، ހިތްހިލަ، ނާތަހުޒީބު މީހެއް ނޫނެވެ.
އޭނާ ކާމޭޒު ދޮށަށް އައީ މިޚިޔާލު ތަކުގައި ހުރެގެންނެވެ. ބައްޕަ އޭރު ކާން ފަށައިފިއެވެ. އިހެކޭވެސް އެއްގޮތަށް ބައްޕަ ހުރީ ބަނޑުހައި ގަނެގެންގޮސް ހާންތި ވެފައެވެ. ބަނޑުހައިހޫނުކަމަށް ކެތްކުރުމަކީ ބައްޕަ އަށް ކުރެވޭވަރުގެ ކަމެއްނޫނެވެ.
އޭނާގޮސް އިށީނދެ ތަށްޓަށް ބަތް އަޅައިގެން އަވަސް އަވަހަށް ކާން ފަށައިފިއެވެ.
ކައި ނިމިގެން ބައްޕަ އޭނާ ކުރެން އަހާލިއެވެ. "ކްލަބަކަށް ނުދަންތަ-؟"
"ދާނަން- މިއަދު އޮތީ އަޅުގަނޑުގެ ޓޭބަލްޓެނިސް މެޗެއް-"
މަންމަ ސައި ހިފައިގެން އައިސް މޭޒުމަތީގައި ބަހައްޓަމުން ބުންޏެވެ. "އަހަރެން އަބަދުވެސް ބުނަނީ އެއް ވާހަކައެއް- ތިމާގެ އަތް ނުފޯރާ ފަށުގައި ހުންނަ އެއްޗެއްސަށް އެދުމަކީ މޮޔަކަމެއް- ރަނގަޅު ގޮތަކީ އެމީހެއްގެ ފެންވަރުގައި އުޅުން-"
ޝަބާނާ ހިސާބަކަށް ނުރުހުން ވެއްޖެއެވެ. "މަންމަ އަބަދުވެސް ދައްކާނީ ދަރަޖައިގެ ތަފާތުގެ ވާހަކަ- އަހަރެން އެއްވެސް ދަރަޖައަކަށް ދާކަށް ނޫނީ އެހެންވެސް އެބާވަތުގެ ކަމެއް ކުރާކަށް ނޫޅެން-"
"ދަރަޖަ، މިބަސް ކިޔޭހައި ހިނދަކު ދަރަޖައިގެ ތަފާތު ނެތިގެންނެއް ނުދާނެ- އަހަރެން މިވެނި ކަމެކޭ، ކަލޭ އެވެނިކަމެކޭ ކިޔާނެ- އެނގިއްޖެތަ-" މަންމަ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
ޝަބާނާ ހިމޭން ވެއްޖެއެވެ. މަންމަ އާއި ޒުވާބު ކުރުމަކީ ބޭކާރު ކަމެއްކަން އޭނާއަށް އެނގެއެވެ.
"ނަޞީރަކީ ވަރަށް ރަނގަޅު ކުއްޖެއް- ޢަޒުމް ވަރުގަދަ މަސައްކަތްތެރި ކުއްޖެއް- ފަޤީރުކަން އޭނާގެ މަގުގައި ހުރަހަކަށް ވިޔަކަނުދޭ-" މަންމަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ޝަބާނާ ސައިތަށި ހުސް ކޮށްލުމަށްފަހު ތެދުވެއްޖެއެވެ. "އަހަރެން މިދަނީ ކްލަބަށް ދާން ތައްޔާރުވާން-" އޭނާ ކޮޓަރިއާއި ދިމާއަށް ހިނގައްޖެއެވެ.
"ކްލަބަށް ކޮންމެހެން ދާންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ-" ހިނާ ޖައްބާރު އަމުނައިގަތެވެ.
"އެއީ ކޮންމެހެންވެސް ބޭނުންކަމެއް-" ޖައްބާރު ވަރަށް ބާރަށް ބުންޏެވެ. "އަހަރެންގެ ދަރިފުޅު އާދައިގެ މީހުންގެ ތެރޭގައި އުޅުމަކީ އަހަރެން ރުހޭ ކަމެއްނޫން- އޭނާޔާ ދޭތެރޭ އަހަރެންދެކޭ ހުފަވެން ވަރަށް ރީތި- އަހަރެން ބޭނުންވަނީ އޭނާއަށް މަތިވެރި މަޤާމާއި ދަރަޖަ ލިބުން-"
"ކްލަބަށް ދިޔައިމާ މީހާގެ ޙައިސިއްޔަތާ ފެންވަރު ބަދަލު ވޭތަ-؟ ކްލަބަށް ދާ މީހުންގެ އުޅުމާ އަޚްލާޤް..."
"ތިޔައީ ހައްތަހާވެސް ކަލެއަށް ހީވާގޮތް- ވަހުމް.." ޖައްބާރު އޭނާ ވާހަކަ މެދު ކަނޑައިލިއެވެ. "އަހަރެން މިހާރުވެސް ހަނދާން އެބަހުރި- ކަލޭވެސް މަލިކާ އެކީ އުޅުމުގެ ހުވަފެން ދުށީމެއްނުން-"
"އާނ... އެއީ އަހަރެންގެ މޮޔަކަން- އެއީ ނުވިސްނޭ ދުވަސްވަރު- ޅަޢުމުރު-" ހިނާ ސަލާމަތްވާން މަސައްކަތް ކުރިއެވެ.
"މިއީ ޝަބާނާގެވެސް ޅަ ޢުމުރު- އެކަމަކު އޭނާ މޮޔައެއް ނޫން-" ޖައްބާރު ބުންޏެވެ. "ރަނގަޅު ވީހީ ކަލޭ މަލިކާ އިންނަމަ- ނިކަން ދެކިބަލަ- މިހާރު ތިޔަހަރަ ތަން- އޭނާޔާ އިންނަމަ މިހާރު ހުރީހީ އެހެން ފެންވަރެއްގެ ތަނެއްގައި-"
"އަހަރެން މިހިރީ އަހަރެން ހުންނަން ޖެހޭ ތާނގައި-" ހިނާ ހަރުކަށިކަމާ އެކު މިހެން ބުނެފައި ތެދުވެގެންގޮސް ތަށިތައް ނަގަން ފަށައިފިއެވެ.
ޝަބާނާ ތައްޔާރު ވެގެން ނުކުމެއްޖެއެވެ. އޭނާއަށް އަޑު އިވުނީ ވާހަކައިގެ އެންމެ ފަހުބައެވެ. "މަންމަ ހުންނަން ޖެހޭނީ ކޮންތާނކުއޭ-؟" އޭނާ އަހައިލިއެވެ.
"މިހާރު މިހިރަ ތާނގައި-" ހިނާ ފިރިމީހާއާ ދިމާއަށް ކަޅިއަޅައިލާފައި ބާރަށް ބުންޏެވެ.
"އަހަރެމެން އުޅެން އާ ގެއެއް ގަންނާކަށްވެސް ދަރިފުޅުގެ މަންމަ އެއްބަހެއް ނުވި-" ޖައްބާރު ޝަކުވާ ކުރަން ފަށައިފިއެވެ.
"އާ ގެއެއް ގަންނަން ވެއްޖެއްޔާ ވަރަށް ގިނަ ކަންތައްތަކުން އަހަރެމެން މަޙްރޫމްވާން ޖެހޭނެ-" ހިނާ ޖަވާބު ދިނެވެ. "ގެއެއް ގަނެގެން އެތަނަށް ދިޔަޔަސް އަދި ހުރިހާ ކަމެއް ހަމަޖެހުނީ އެއްނޫން- އެތާނގައި އުޅެންވެސް ލައްކަ އެއްޗެހި ގަންނަން ޖެހޭނެ- އަހަރެން ދެއްކީ ގޯސް ވާހަކަ އެއްނޫން- ޒަމާނަށާ، ބޭނުން ތަކަށްވެސް ވިސްނަން ޖެހޭނެ- ކިތަންމެ ވަރަކަށް އުދުހޭ ހިތްވިޔަސް ވަރައެއްނެތި އެކަމެއް ނުވާނެ- އެންމެ ފަހުން ގޮސް އިނދަޖެހޭނީ-"
"އެންމެ ރަނގަޅު މަންމާ- ބައްޕާ- އަޅުގަނޑު ދަނީ-" ޝަބާނާ އަވަސް އަވަހަށް ސަލާމަތް ވެގެން ނުކުމެއްޖެއެވެ.
* * *
ނަޞީރު ހަމަޖެހިފައިވާ ތާނގައި ޝަބާނާއަށް އިންތިޒާރު ކުރަނީއެވެ. ޝަބާނާ އަންނަތަން ފެނުމާއެކު އޭނާ ކުރީ ސީޓުގެ ދޮރުފަތް ހުޅުވައިލިއެވެ. އެހެންނަމަވެސް ކާރަކުން ނުއެއް ފައިބައެވެ. އިޤްބާލް އެހެންނެއް ނޫނެވެ. އެއްރެޔަކު ޝަބާނާ ގޮވައިގެން ގެއަށް ލާން އައިސް އޭނާ ފައިބަން ދޮރު ހުޅުވައި ދިނީވެސް އިޤްބާލެވެ. ތަހުޒީބު ވެފައި ތިބޭމީހުންގެ ގޮތަކީ އެއީއެވެ. ނަޞީރާއި، އިޤްބާލުގެ ތަފާތަކީ އެއީއެވެ. މިއިން އެއްވެސް ކަމެއް ނަޞީރަށް ވިސްނައިދޭން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއްކަން ޝަބާނާއަށް އެނގެއެވެ. ވުމާއިއެކު މަޑުމަޑުން އަރާ ކުރީ ގޮނޑީގައި އިށީނދެއްޖެއެވެ.
"ކާރު އިސްޓާޓު ކުރާނެ ކަމެއްނެތް-" އޭނާ މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. "މިއަދު އަހަރެން ނަޞީރާއެކު އެއްވެސް ތާކަށް ނުދާނަން-"
"ހަމަ ވިދާޅުވި ގޮތެއް-" ނަޞީރު ދެކޮނޑު ހިއްލައިލިއެވެ.
ޝަބާނާ ރުޅިއައިސް ރަތް ވެއްޖެއެވެ. ވެފައިވާ ވަޢުދާ ޚިލާފުވެ އޭނާއާއެކު ދާން ދެކޮޅު ހެދީމާވެސް ވީ ކަމެއް ނެތެވެ. މި ހިލަ ބުދަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ޙަސަދަވެރި ކަމާއި، ރުޅިވެރިކަން އެއީ މީނާ ދަންނަ ކަމެއްވެސް ނޫނެވެ. އެކަހަލަ އަސަރުތައް ފާޅުވަނީ ލޯބިވީމާ ކަމަށް ވެދާނެއެވެ. ނަޞީރަކީ ލޯބިވާން ދަންނަ މީހެއް ނޫނެވެ.
"މިއަދު ހާދަ ނަލަވެގެން ހުރި ދުވަހެކޭ- ހީވަނީ އިޤްބާލް އަޙުމަދަށް ޓަކާހެން-" ނަޞީރު ކުއްލިއަކަށް ބުނެލިއެވެ.
ޝަބާނާ ދިޔައީ ސިއްސައިގެންނެވެ. "ކީކޭ-؟ ކީކޭތަ ތިޔަ ބުނީ-؟"
"ކަލޭ ހީކުރަނީ އަހަރެންމިއީ ތުއްތު ކުއްޖެއް ކަމަށްތަ-؟ ކަލޭގެ ގޮތް އަހަރެން ވަރަށް ރަނގަޅަށް ދަންނަން-" ނަޞީރު ނުހަނު ލޯތްބާއެކު ބުނެލިއެވެ.
"އޭނާ ދެފަހަރަކު އަހަރެން ގެއަށް ލައިދޭން އައި- އެ ނިމުނީ-" ދިފާޢުގައި ވާހަކަ ދައްކަން ޝަބާނާއަށް މަޖްބޫރު ވެއްޖެއެވެ.
"އޭނާ ކައިރީގައި ހުންނައިރު ވަރަށް އުފާވޭ- ދޯ-؟"
"ދުނިޔޭގެ އެންމެން ނަޞީރު ހެންނެއް ނުވާނެއެއްނު-؟" ޝަބާނާ ބުންޏެވެ.
"އާނ- ވެގެންވެސް ނުވާނެ-"
"އެންމެ ރަނގަޅު- އެއީ ތަހުޒީބު ވެފައިވާ މީހެއް- ނަޞީރުހެން..."
"ދެންހެޔޮ-" ނަޞީރު އޭނާގެ ވާހަކަ މެދު ކަނޑައިލިއެވެ. "އިޤްބާލަކީ ހިތަށް އަރާ އެއްޗެހި ސީދާ ބުނާ މީހެއް ނޫން- އެއީ ހަމަ އެކަނި ތަފާތަކީ- އެހެން ނޫންނަމަ އޭނާގެވެސް މަންޒިލަކީ ހަމަ އެކައްޗެއް- އެންމެންގެވެސް މަންޒިލް- މަޤްޞަދުތައް ޙާޞިލްކުރަން އަޅާ ފިޔަވަޅުތައް ތަފާތީ-" ދެން ނަޞީރު ތަންކޮޅެއް ބާރަށް ބުންޏެވެ. "އޭނާ އެކި ތަފާތު އަންހެންކުދިން ގޮވައިގެން އުޅޭތަން އަހަރެން ދެކެން- އެ ޓީވީ ފިލްމު ކުޅޭކުއްޖާ..."
"އޭނާއަކީ ބޮޑު ސިންގާ ކުންފުންޏެއް ހިންގާމީހެއް- އެކުންފުންޏާ އާދައިގެ މީހުންނަކާ ގުޅުމެއް ނޯންނާނެ-"
"އޮހޮހޯ- މިހާރު ކަލޭ އޭނާގެ ވިޔަފާރީގެ ކަންތައްތައްވެސް ދަންނަން ދޯ-؟"
"އޭނާގެ ވިޔަފާރީގެ ކަންތައްތައް ނޭނގެނީ ކާކަށް-؟" ޝަބާނާ ހިސާބަކަށް ނުރުހުން ވެއްޖެއެވެ. "ބުނަންތަ-؟ ކަލޭގެ އަތުގައިވެސް ކާރެއް އެބައޮތް- ކިތަންމެ ބަލަސް އެންމެ ރަނގަޅެއްނު-"
"މީތިގަނޑު ކޮންމެ ގޮތަކަށް އޮތަސް ހޯދީ އަހަރެންގެ އަމިއްލަ މަސައްކަތުން-" ނަޞީރު ވަރަށް ސާދާ ގޮތަކަށް ބުނެލިއެވެ.
"ހުރިހާ އެންމެންވެސް މަސައްކަތް ކުރޭ-"
"އިޤްބާލެއް ނުކުރޭ- އޭނާއަށް ހުރިހާ އެއްޗެއް ލިބިފައިވަނީ ބަފާ ދިނީތީ-" ނަޞީރު ހީނލިއެވެ. "އަހަންނަށް ވަރިހަމަ އޭނާއަށް ކޮންމެ ގޮތެއް ވިޔަސް- އަދި ކަލެއަށް ކޮންމެ ގޮތެއްވިޔަސް- ދުނިޔޭގައި އަންހެނުން މަދެއްނޫން-"
"ވަގުތެއް ލިބުނީމަ ބައްދަލުވާން އަހަރެން ގުޅާލާނަން-"
"އަހަރެން މިއަދު މިއައީ ދެން ދުވަހަކުވެސް ނަޞީރާ ބައްދަލު ނުކުރާނެ ވާހަކަ ބުނަންވެގެން- ނަޞީރު އަހަރެން ދެކެ ލޯތްބެއްވެސް ނުވަމު-" ޝަބާނާގެ އަޑަށް ހިތާމައިގެ އަސަރު ވެރިވެފައި ވެއެވެ. "އެހެންވީއިރު މިބައްދަލުވުންތަކުގެ ބޭނުމަކީ ކޮބާ-؟ ނަޞީރު އެއްވެސް ކަމަކާ ދޭތެރޭ ފުންކޮށެއް ނުވިސްނާ-"
"ހޫނ- ހިނގާ ކަލޭ ކްލަބަށް ލައިދޭނަން-؟"
(ނުނިމޭ)