ބްރިޖު ވެސް ސަޅި، ސަޅިނޫނީ ރައީސް ނަޝީދުގެ ޚިޔާލު: ރައީސް

ބްރިޖުވެސް ސަޅި ކަމަށާއި، ކޮންކްރީޓް ވެސް ސަޅިކަމަށާއި އެހެން ނަމަވެސް ސަޅިނޫނީ ރައީސް ނަޝީދުގެ ޚިޔާލު ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ "ބްރިޖު ސަޅި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބްރިޖު އެޅުމުގެ ވާހަކަ ދެއްކެވުމުން ރައީސް ނަޝީދުވަނީ އެއީ ނުވާނެ ކަމެއް ކަމަށް ވިދާޅުވެފައި ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ނަޝީދާ މުޚާތަބު ކުރެވޭ ގޮތަށް ރައީސް ޔާމީން ވިދާޅުވީ ސިނަމާލެ ބްރިޖު ވަރަށް ސަޅި ކަމަށް ޖަލްސާއަށް ވަޑައިގެންތިއްބެވި ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

"ރައީސް ނަޝީދޫ، މި ބޭފުޅުން މި ވިދާޅުވަނީ މިއީ ސަޅި ބްރިޖެކޭ. ރައީސް ނަޝީދޫ މި ބޭފުޅުން ދެން މި ބުނަނީ މިއީ އަދި ގޮނޑި ދުއްވަން މާ ސަޅި ބްރިޖެކޭ. މިއީ ހަމަ ސަޅި ބްރިޖެއް. ނަމަވެސް ސަޅި ނޫނީ ރައީސް ނަޝީދުގެ ޚިޔާލު" ރައީސް ޔާމީން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގެ ބައެއް ކަންތައް ހިނގައިފައިވާ ގޮތާބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުގައި އަހަރަކު އެވްރެޖް ގްރޯތު ހުރީ 3 ޕަސެންޓްގައި ކަމަށް ވދާޅުވިއެވެ. އެހެން ނަމަވެސް ފާއިތުވަމުން މިދާ ފަސް އަހަރުގައި އެއަދަދު މިސަރުކާރުން ވަނީ ކޮންމެ އަހަރަކު 6 ޕަސެންޓުގައި ހިފަހައްޓާފައި ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ސަރުކާރާ އަޅައި ބަލާއިރު އެ އަދަދު އެވަނީ ޑަބަލް ވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިސަރުކާރުން ވަނީ ޗައިނާއަށް ބޮޑު ސޮވެރިން ގެރެންޓީއެއް ދީފައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެހެންނަމަވެސް އެކަން ވެސް ފަށްޓަވައިފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައި ވަނީ އެންމެ 500 މިލިއަން ރުފިޔާއަށް ކަމަށާއި އެއީ ނުދެއްކޭނެ ވަރުގެ އަދަދެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ ވާހަކަ ދައްކަވާ ބޭފުޅުން އެވާހަކަ ދައްކަވަނީ ހިސާބު އަކުރުތައް ވެސް ރަނގަޅަށް އޮޅުން ނުފިލައިތިބެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވީމާ ބަޑިބޭހާ ކުޅެން ނޭނގޭ މީހުން ބަޑިބޭހާ ކައިރިވެގެން ނުވާނެ ކަމަށާއި އަލިފާން އާވިއެއީ ކޯއްޗެއްކަން ނޭނގޭ މީހުން އޭގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.