ތެލުގެ ވަގުވިޔަފާރިއާ ރައީސް ޔާމީނާ ގުޅުން ހުރިކަމަށް ބުނެ އެމްޑީޕީން ތައްޔާރުކޮށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ރިޕޯޓުގައި ރައީސް ޔާމީންގެ އަބުރުފުޅާ ބެހިފައިވާތީ އެމައްސަލަ މާދަން ނޫން އަނެއްދުވަހު ޝަރީއަތަށް ހުށަހަޅާނެ ކަމަށް ރައީސްގެ ލީގަލް ޓީމުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ލީގަލް ޓީމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އެ މައްސަލާގައި އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދައި މިހާރުވަނީ ތައްޔާރުވެފައި ކަމަށެވެ.
"އެ ރިޕޯޓު ޝާއިއުކުރި އެމްޑީޕީގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ރައީސް ޔާމީންގެ ފަރާތުން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެކަމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް އެއްކުރެވި ޝަރީއަތަށް ހުށަޅަންޖެހޭ ލިޔުންތައް ތައްޔާރުކޮށް އިރާދަކުރެއްވިއްޔާ މާދަމާގެ ބަންދުގެ ފަހުން އަނެއްދުވަހުގެ ހެނދުނު ހުޅުވޭއިރަށް މައްސަލަ ޝަރީއަތަށް ހުށަހެޅޭނެ،" ލީގަލްޓީމުން ވިދާޅުވިއެވެ.
އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރުމުގެ އިތުރަށް އެ ރިޕޯޓާބެހޭ މައުލޫމާތު އާންމު ކުރުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އެމްޑީޕީގެ ފަރާތުން ބައިވެރިވި ބޭފުޅުންގެ މައްޗަށް ދައުވާ ވެސް ކުރުމަށް ކޯޓަށް ހުށައަޅުއްވާނެ ކަމަށް ލީގަލް ޓީމުން ވިދާޅުވިއެވެ. އަދި އެ ޕްރެސްކޮންފަރެންސް ލައިވްކުރި ރާއްޖެޓީވީއާ ދެކޮޅަށް ބްރޯޑުކޮމްއަށް ޝަކުވާ ހުށަހަޅައިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އޭގައި ޖިނާއީ މައްސަލަތަކެއް ހުރިކަން ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާތީ އެކަން ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށަހަޅުއްވައި ދެއްވުމަށް ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް ލީގަލްޓީމުން ވިދާޅުވިއެވެ.
ރިޕޯޓުގެ ސަބަބުން ރައީސް ޔާމީންގެ އިންތިޚާބީ ހައްގަށް ވެސް ބުރޫއަރައިފައިވާ ކަމަށާއި އެހެންވެ އެކަން ތަހުގީގުކޮށް ދެއްވުމަށްފަހު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް މިރޭގެ ވަގުތެއްގައި ހުށަހަޅުއްވާނެ ކަމަށް ރައީސްގެ ލީގަލް ޓީމުން ވިދާޅުވިއެވެ.