
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީ އާދަމަކީ ޢިލްމީ ގާބިލު ބޭފުޅެއް ކަމަށާއި ކޮމަންޑޫ ދާއިރާ ތަމްސީލުކުރައްވަން އެންމެ ފައްކާ ބޭފުޅަކީ ފަތުހީ ކަމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފަތުހީއަށް ތާއީދު ހޯއްދެވުމަށްޓަކައި ކޮމަންޑުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރު މަސައްކަތެއް ކުރާ މުހިއްމު ތަނެކެވެ. ގައުމީ ފިކުރެއްގައި ގައުމުގެ ކަންތައްތަކާ މެދު ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް ފަތުހީ ވެވަޑައިގަންނަވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި ކޮމްނަޑޫގެ ތަރައްގީއަށްތަކައި ބިން ހެއްކީ އެމަނިކުފާނުގެ ސަރުކާރުގައެވެ. އަދި 2023 ގައި ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް އައިސް އެ އަތޮޅުގެ ދިގުވެލިދޫގައި އެއަރޕޯޓެއް ހައްދަވާނެއެވެ.
އެއަރޕޯޓުގެ ވާހަކަ ދެއްކެވުމަށް ފަހު ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިއަން ދުއްވާ ކުންފުނި އައިލެންޑް އޭވިއޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެ ކުންފުނި މިހާރު އޮތީ ކަނޑުއަޑީގައި ކަމަށް ވިދާޅުވިއެވެ. އަދި އެ ކުންފުނި ވެއްޓިފައި އޮތް ދަރަނީގެ ވަޅުގަނޑުން ނަގަން ބޭނުން ނަމަ ޕީޕީއެމާ ބައިވެރިވާން ގޮވައިލެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި 2023 ގެ އިންތިޚާބު ވަގަށް ނުނަގައިފިނަމަ ކާމިޔާބު ކުރާނީ ޕީޕީއެމުންނެވެ.