
ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ކޮމަންވެލްތަށް އޮންނަ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ބައެއް ދާއިރާތަކަށް ޕީޕީއެމްއިން ކުރިމަތިލައްވާ ބޭފުޅުންނަށް ޓިކެޓު ޙަވާލު ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމަނިކުފާނުގެ ސަރުކާރުގައި ކޮމަންވެލްތުން ވަކިވެ ވަޑައިގެންނެވީ ވަޒީރުންގެ މަޖިލިހުން އިއްތިފާގުން ފާސް ކުރައްވައިގެން، ރައްޔިތުންގެ މަޖިލީހުން ވެސް ފާސް ކުރައްވައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަދިވެސް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވަނީ ކޮމަންވެލްތާ ގުޅެން ނުޖެހޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަލުން ކޮމަންވެލްތާ ގުޅުމަކީ މިސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެހެންވީމާ އެއަށް އެމަނިކުފާނު ރައްދެއް ނުދެއްވައެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮމަންވެލްތުން ކުދި ޤައުމުތަކުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަމުން ގެންދާ ކަމަށާއި ބޮޑެތި ޤައުމުތަކުން މީހުން ދަންޖައްސަމުންދާއިރު ވެސް އެކަމަށް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށެވެ.