
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި މި ސަރުކާރުން އަޅަން ފަށައިފައިވާ އެއާޕޯޓުގެ މަސައްކަތް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ވަރަށް އަވަހަށް ނިންމަވައި ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއާޕޯޓަކީ ފަރެސްމާތޮޑާ ރައްޔިތުންގެ ވަރަށްބޮޑު އުންމީދެއް ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ރިޔާސީ ފުރަތަމަ ދައުރު ނިމިގެންދާއިރުވެސް އެކަން ހާސިލް ކޮށްދެވިފައި ނުވާކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ފަރެސްމާތޮޑާގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވުމަކީ ރައީސް ޔާމީންގެ ވައުދެއް ކަމަށެވެ. އެހެންނަމަވެސް އިންތިޚާބާ ގާތްވުމުން އެރަށަށް ކޮންނަބޯޓެއް ގެންގޮސް ބާއްވާފައި އެބައޮތް ކަމަށާއި އެއީ އެކަން ކުރައްވާކަން ހާމަކުރުމުގެ ގޮތުން ގެންގޮސްފައިވާ ބޯޓެއް ކަމަށް ވިދާޅުވިއެވެ. މި ސަރުކާރުން އެކަން ފުރިހަމަކޮށް ނުދެވިއްޖެ ކަމަށްވާނަމަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި އެއާޕޯޓު ނިންމަވައި ދެއްވުމުގެ ވައުދު އިބޫ ވެވަޑައިގެންނެވުމަކީ އަނެއްކާވެސް އެރަށުގެ މީހުންނަށް ލިބުގެންދިޔަ އުންމީދެކެވެ.
"އަޅުގަނޑު ޔަގީންކަމާއެކު ތިޔަ ބޭފުޅުންނަށް މި ދަންނަވަނީ އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލައި އަޅުގަނޑުމެން ކުރިއަށް ގެންގޮސް، އެތަނުގެ ޚިދުމަތް ލިބޭނެ ގޮތް ވަރަށް އަވަހަށް އަޅުގަނޑުމެން ހަދައި ދޭނަން،" އިބޫ ވިދާޅުވިއެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރަށް މާވާރުލުގައި ވެސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އޭގެ އިތުރަށް ގއ. ކޫއްޑުއާއި، ގދ. ކާޑެއްދޫގައި މިހާރުވެސް އެއާޕޯޓެއް ހިންގައެވެ.