
ހުރިހާ ބޭފުޅުންވެސް ޤައުމީ މަސްލަހަތު އިސްކޮށް، ޤައުމުގެ ތަރައްޤީއަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ، ފާދިއްޕޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދެދުވަހުގެ ދަތުރުފުޅުގައި، ރޭ އެއަތޮޅު ހިންނަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ކަންކަން ހައްލުކުރަން ބޭރު ކަރަކަރައިން ސިފައިން ގެންނަން ރާއްޖޭގެ މަދު ބަޔަކު ގޮވާލަނީ ކީއްކުރަންތޯ ސުވާލުކުރައްވަމުން އެމަނިކުފާނު ވަނީ ދިވެހިންނަށް ހެޔޮ އެދިގެން، ރާއްޖެއަށް ހަނގުރާމަ މަތީ ލަޝްކަރެއް ގެންނަން ގޮވައި ނުލާނެކަމުގައި ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ ދާޚިލީ ކަންކަމަކީ ރައްޔިތުންގެ އަތްމަތީގައި އޮވެގެން، ރައްޔިތުން ނިންމާ ކަންކަމުގެ ގޮތުގައި އޮވެގެން ނޫނީ ރާއްޖެއަށް ސަލާމަތެއް، ރައްކާތެރިކަމެއް ނޯންނާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ ދާޚިލީ ކަމެއްގައި ގޮތް ނިންމަންޖެހޭ ކޮންމެ ފަހަރަކު ބޭރުގެ ކޮންމެވެސް ބަޔަކު ބުނާ ގޮތަށް ކަންކަން ނިންމާނަމަ ރާއްޖޭގެ ހުރިހާ ކަމެއް ދެން ޖެހޭނީ ބޭރު މީހުންނަށް ދޫކޮށްލަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެކި ގޮތްގޮތުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަކީ ނިސްބަތުން ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް ދީނީ އަދި ޤައުމީ އަސާސްތައް ރާއްޖެއިން ދޫކޮށް ނުލާނެކަމުގެ ޔަޤީންކަން އެރުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފެއްޓެވި ދެދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޅ. ނައިފަރުގައި ޤާއިމުކޮށްފައިވާ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ހުޅުއްވައިދެއްވައި ނައިފަރުގެ ބަނދަރު ހުޅުވައިދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ މިދަތުރުފުޅުގައި މިއަދު އެއަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާވެސް ވަނީ ބައްދަލުކުރައްވައިފައެވެ.