(24 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބަރޓްރަންޑް ރަސަލްގެ ޚިޔާލުތައް
ބާރޓްރަންޑް ރަސަލް ދުނިޔޭގެ އަލިކަން ދެކެލެއްވީ 1872 ވަނަ އަހަރުއެވެ. ނިޔައުވީ 1970 ވަނަ އަހަރުއެވެ. އޭނާގެ ލިޔުންތައް ދިރާސާ ކުރަން އަޅުގަނޑު ގަސްތު ކުޅައީ 1966 ވަނަ އަހަރުގެ ތެރޭގައެވެ. ނަސީބު ރަނގަޅުކަމުން ގޭދޮށުގައި ހުރި ކުތުބުޚާނާއަކުން އޭނާގެ ހުރިހައި ފޮތެއް ލިބޭގޮތް ވެއްޖެއެވެ. އެ ފޮތްތައް ހިފައިގެން ގެއަށް އައީމާ އަޅުގަނޑުގެ އަނބިމީހާ ބުންޏެވެ. "މި ފަހަރު ކަލޭ މަގުފުރެދޭނޭކަން ގައިމެވެ!" އަނބިމީހާގެ މި ޚިޔާލުގެ ސަބަބު ވަރަށް ސާފެވެ. ރަަސަލްއަކީ މި ޒަމާނުގެ މުލްހިދުންގެ ތެރެއިން ހައްދު ފަހަނައެޅުމުގައި އެންމެ ކުރީގައި ހުރި މީހާއެވެ. އޭނާގެ ލިޔުންތަކަކީ އެ ލިޔުންތައް ކިޔައިފި މީހަކަށް އެއީ ތެދު ކަަމުގައި ގަބޫލު ކުރެވޭފަދަ ފެންވަރަކަށް ލިޔެފައިވާ މޮޅު ލިޔުންތަކެކެވެ. އޭގެ ސަބަބުން އެމީހަކު މަގުފުރެދި ކަލަކު ވޮޑިގެންވާ ކަމާމެދު އިންކާރު ކުރާން ފަށައިފާނޭކަމުގެ ބިރު އޮންނަފަދަ ލިޔުންތަކެކެވެ. ﷲ ގެ ރަޙްމަތްފުޅުން އަޅުގަަނޑަކަށް އެހެންނެއް ނުވިއެވެ. އޭނާގެ ލިޔުންތަކުގެ ދުނިޔެއަށް ވަދެފައި އަޅުގަނޑު ނުމުގެން އައީ އިހަށްވުރެ ވަރުގަދަ އީމާންކަމަކާ އެކުގައެވެ.
މި ޒަމާނުގެ ފަލްސަފާވެރިންގެ ތެރެއިން އެންމެ ރަނގަޅު ދިރާސާއެއް، އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވައިފައިވާ ބޭކަލަކީ ރަސަލެވެ. އޭނާޔާ ކައިރިކުރާ ވަރަކަށްވެސް ދިރާސާ ކޮށްފައިވާ ބޭކަލަކީ ވައިޓްހެޑެވެ. އެއީ ރަސަލާ އެއް ދުވަސްވަރެއްގައި އުޅުއްވި ފަލްސަފާވެރި ޢިލްމުވެރިއެކެވެ. އަމިއްލަ ދިރިއުޅުއްވުމާއި، މަސައްކަތާ ބެހޭ ގޮތުން ޚުދު ރަސަލް ބުނުއްވައިފައި ވެއެވެ. "އަޅުގަނޑުގެ މަސައްކަތް ކުރަމުން ދިޔައިރު ކެނޑިނޭޅި، ތާއަބަދު ސިކުނޑީގައި އެއް ޚިޔާލެއް އޮތެވެ. އެއީ އަޅުގަނޑުމެންނަށް ޔަގީންކަމާއެކު ބުނަން އެނގޭ ވާހަކަތަކީ ކޮބައިކަމާއި، ބުނާ ވާހަކަތަކުގައި ޔަގީންކަމާއި، ޝައްކުގެ ބައި އެކުލެވެނީ ކިހައި ވަރަކަށް ބާވައޭ ކުރެވޭ ސުވާލެވެ." (މާނައަކީ ޢިލްމީ ހަގީގަތެއް ހޯދައި ހާމަ ކުރާއިރު އެއީ ތެދެއްކަން ފުރިހަމައަށް ޔަގީން ކުރެވެން އޮންނަ ފުރުސަތު އެހައި ބޮޑެއް ނޫނެވެ. އަދި ކަމެއް ޔަގީން ކުރެވުނު ނަމަވެސް އެ ޔަގީންކަމަށް މާ ބޮޑު ބުރަަދަނެއް ދޭކަށް ނުކެރެއެވެ. އެކަމަކާމެދު ޝައްކު އުފެދުމުގެ ފުރުސަތު ނުވަތަ އެއީ ސާބިތު ނުކުރެވޭ ކަމެއް ކަން އެނގުމުގެ ފުރުސަތު އަބަދުވެސް އޮންނަނީ ހުޅުވިފައެވެ. -ތަރުޖަމާނު)[1]
އޭނާގެ މަގުސަދު ހާސިލު ކުރެއްވުމަށްޓަކައި ރަސަލް ވަނީ ސައިންސްގެ މައިގަނޑު ހަތަރު ދާއިރާއަކުން ދިރާާސާ ކުރައްވައިފައެވެ. އެއި ފިޒިކްސްއާއި، ސައިކޮލޮޖީއާއި، ފިޒިއޮލޮޖީއާއި، މެތްމެޓިކަލް ލޮޖިކްގެ ދާއިރާއެވެ.[2]
މުތާލިއާކޮށް، ދިރާސާ ކުރެއްވުމަށް ފަހު އޭނާ ވަނީ ޝައްކުގެ ނަޒަރިއްޔާ ކަމުނުދާ ކަމަށް ކަނޑައަޅުއްވައިފައެވެ. އޭނާ ލިޔުއްވައިފައި ވެއެވެ. "ޝައްކަކީ ނަފްސާނީ ހަމަތަކުން ބަލާއިރު ނާމުމްކިން ކަމެކެވެ."[3]
އެކަމަކު މި ވިސްނުމުގެ ސަބަބުން ދެ އުނދަގުލަކާ ކުރިމަތިލާން އެބަ ޖެހެއެވެ. އެއްކޮޅުން މުތުލަގު ތެދަކީ އަޅުގަނޑުމެންނަށް ހޯދައި ނުގަނެވޭނޭ އެއްޗެއް ކަމުގައި ވަނީ ނަމަ އަޅުގަނޑުމެންގެ ދިރިއުޅުން މިސްރާބު ކުރާނޭ ސަމުގާއަކީ ކޮބައިތޯއެވެ؟ ތެދަކީ ކޮބައިކަން ނޭނގެއޭ ބުނެފައި އަތް ރުައިލައިގެން ތިބުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އަނެއްކޮޅުން ދިރިއުޅުމުގެ ސިއްރުތައް ހޯދައިގަނެވޭތޯ އަޅުގަނޑުމެން ކުރާ މަސައްކަތަކުން އެދެވޭ ނަތީޖާއެއް ނުކުންނަ ގޮތެއް ނުވެއެވެ. މާނައަކީ އެނގޭ އެއްޗަކަށްވުރެ ނޭނގޭ އެއްޗެހި މާ ގިނައެވެ.
"ގަދީމީ ޒަމާނުއްސުރެ ފަލްސަފާ އަންނަނީ ބޮޑެތި ދައުވާތައް ކުރަމުންނެވެ. އެކަމަކު ޢިލްމުގެ (ސައިންސްގެ) އެހެން ދާއިރާާތަކުން ހޯދި ވަރުގެ ކާމިޔާބީއެއް (ފަލްސަފާއަކަށް) ހޯދިފައެއް ނެތެވެ."[4]
އެހެންވީމާ އުމުރު ދުވަހުގެ މަސައްކަތުންވެސް ރަސަލްއަކަށް މުނައްޒިމު ފަލްސަފާއެއް އުފަން ކުރެއްވިފައެއް ނެތެވެ. ޕުރޮފިސަރު އެލަން ވުޑް ބުނުއްވައިފައިވާ ގޮތުގައި ބަރޓްރަންޑް ރަސަލް އަކީ ފަލްސަފާއެއް ނެތް ފަލްސަފާވެރިއެކެވެ.
ބުއްދި (މަންޠިޤް)އާއި ހިސާބު އިލްމު އެއްވީމާ ކަންކަމުގެ ހަގީގަތް ރަނގަޅަށް ދެނެގަނެވޭ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ. އެކަމަކު ރަސަލް ލިޔުއްވައިފައިވެއެވެ. [ބުއްދި (މަންޠިޤް)އާއި ހިސާބު އިލްމަކީ ގުދުރަތުގެ ފޮތުގެ އަލިފުބާއެވެ. މުޅި ފޮތެއް ނޫނެވެ.][5]
ރަސަލް ގަބޫލު ކުރައްވާ ގޮތުގައި އިލްމުގެ ދެ ބާވަތެއް ވެއެވެ. އެއީ [ތަކެތީގެ އިލްމާއި، ތެދުގެ އިލްމެވެ.][6]
އެހެން އިބާރާތަކުން ދަންނަވާނަމަ، ތަކެތީގެ އިލްމަކީ ހިއްސީ (sensible) ވާގިއާތަކުގެ އިލްމެވެ. މީހަކަށް އިހުސާސް ކުރެވޭ ފަދަ ހަގީގަތްތަކުގެ އިލްމެވެ. އެހެންނަމަވެސް ދުނިޔޭގައި ލައްވައިފައި ވަނީ ހަމައެކަނި ހިއްސީ ވާގިއާތަކެއް ނޫނެވެ. އެ ވާގިއާތަކާއި ތަކެތީގައި އެޔާ ވަކީން ދެނެނުގަނެވޭފަދަ ތެދު ހަގީގަތްތަކެއް ވަނީ ލައްވައިފައެވެ. އެ ހަގީގަތްތަކަކީ ގުދުރަތާ ވަކި ނުކުރެވޭ ގޮތަށް ލާމެހިފައިވާ އެއްޗެކެވެ. މި ހަގީގަތްތައް ހޯދައިގަނެވޭން އޮންނަ ހަމައެކަނި ގޮތަކީ ހިއްސީ ވާގިއާތަކުގެ ޒަރީއާއިން އިސްތިންބާތު (inference) ކުރުމެވެ. ރަސަލް ދެކެލައްވާ ގޮތުގައި އިސްތިންބާތަކީ ސައްހަ އެއްޗެއް ކަމުގައި ވުން އެކަށީގެންވެއެވެ. އެކަމަކު އިސްތިންބާތު ވާން ޖެހޭނީ އިލްމީ އިސްތިންބާތަ (scientific inference) ކަށެވެ.[7] (އިސްތިންބާތުކުރުމަކީ ބުއްދިއާއި ދަލީލުގެ އަލީގައި ކަމެއް ވަކި ގޮތަކަށް ކަނޑައަޅައި ނިންމުމެވެ.)
އިސްތިންބާތަކާާ ނުލައި ސީދާ ލޮލަށް ފެނި ދެނެގަނެވޭ ކަންތައްތަކާ ބެހޭ ގޮތުން ރަސަލް ލިޔުއްވައިފައި ވެއެވެ. [އަޅުގަނޑަށް ގަބޫލު ކުރެވުނު ގޮތުގައި ފަލްސަފާވެރިން ބަލަން ޖެހޭނީ ބުއްދީގެ އަލީގައި ދެނެގަނެވޭ ކަންކަމާއި، ސައިންސްގެ ފުޅާ ހަގީގަތްތަކަކީ ހަމައެކަނި މައުލޫމާތު ކަމުގައެވެ.] (މާނައަކީ ޢިލްމުވެރިން ނުވަތަ ސައިންސްވެރިން އެފަދަ ކަންތައްތައް ބަލައިގަންނާން ޖެހެނީ އެމީހުން ކުރާ މަސައްކަތުގައި ބޭނުން ކުރާ މައުލޫމާތުގެ ގޮތުގައެވެ.) މި މައުލޫމާތު ހިމެނޭނީ އަޅުގަނޑުމެންގެ ތަޖުރިބާތީ ހިއްސުތަކުގެ ބައެއް ކަމުގައެވެ. އެ ހިއްސުތަކަކީ އަޑުއިވުމާއި، އިހުސާސް ކުރެވުމާއި، ފެނުމުގެ ހިއްސު ފަދަ ހިއްސުތަކެވެ. އެކަމަކު ރަސަލް ދެކެލައްވާ ގޮތުގައި ދުނިޔެއާ ބެހޭ ގޮތުން އަޅުގަނޑުމެން ހޯދާ ހޯދުންތަކާއި، އަޅުގަނޑުމެން ގާއިމުކުރާ ހަގީގަތްތަކަކީ މި ދެންނެވުނު ތަޖުރިބާތީ ހިއްސުތަކުގެ އެހީގައި ދެނެގަނެވޭނޭ ކަންތައްތަކެއް ނޫނެވެ. އަދި ކީއްތޯއެވެ. ދުނިޔެއާ ބެހޭ ގޮތުން ދެނެގަނެވޭ ކަންތައްތަކަކީ ހަމައެކަނި އިސްތިންބާތުގެ ނަތީޖާއެވެ. އޭނާ ލިޔުއްވައިފައި ވެއެވެ. "އިންސާނާގެ ޚިޔާލުތައް ހުންނަނީ އޭނާގެ ބޮލުގައެވެ." (މާނައަކީ އިންސާނާގެ ޚިޔާލަކީ ބޮލުން ބޭރަށް ނެރެގެން ހަގީގަތެއް ކަމަށް ސާބިތުކޮށް ދެވޭނޭ އެއްޗެއް ނޫނެވެ. ބޮލުން ބޭރަކު އޭގެ އެއްވެސް ހަގީގަތެއް ނެތެވެ. އެއިން ޚިޔާލެއް ހަގީގަތެއް ކަމަށް ސާބިތުކޮށް ދެވޭނީ އެހެން ކަންތައްތަކެއްގެ އަލީގައި އިސްތިންބާތު ކޮށްގެންނެވެ.)[8]
ރަސަލް އޭނާގެ މުތާލިއާއަށް ފަހު ނެރުނު ނަތީޖާއަކީ ކޮބައިތޯއެވެ؟ އޭނާ ބުނުއްވާ ގޮތުގައި އިލްމުވެރިން ވަނީ ތަޖުރިބާއަށް ދޭންވާ ވަރަށްވުރެ މާ ބޮޑު އަހުމިއްޔަތުކަމެއް ދީފައެވެ. ވުމާއެކު ފަލްސަފާއެއްގެ ގޮތުގައި ތަޖުރިބިއްޔަތު (empiricism) ގަބޫލުކުރާ މީހުންނަށް ވަނީ ވަކި ކަހަލަ ހުދޫދުތަކަކާ ކުރިމަތިލާން ޖެހިފައެވެ. (ސަފުހާ 191) އޭނާ ލިޔުއްވައިފައި ވެއެވެ. "އަޅުގަނޑަށް ފާހަގަ ކުރެވުނު ގޮތުގައި ހަމައެކަނި ތަޖރިބާއިން އިސްތިންބާތު ކުރެވިދާނޭ ކަންތައްތަކަކީ ކޮބައިކަމާއި ނުކުރެވޭނޭ ކަންތައްތަކަކީ ކޮބައިކަން ފާހަގަކޮށް ދެނެގަތަމުގައި ފަލްސަފާވެރިންގެ ގިނަ ބަޔަކަށް ވަނީ އޮޅުން އަރައިފައެވެ." (ސަފުހާ 194)
އަދިވެސް ލިޔުއްވައިފައި ވެއެވެ.
"ނަސީބު ދެރަ ކަމުން ނަޒަރީ ތަބީއިއްޔާތު (ތިއޮރޮޓިކަލް ފިޒިކްސް) ސަތާރަވަނަ ގަރުނުގެ ތެރޭގައި ވާހަކަަ ދެއްވި ފަދަ ޔަގީން ކަމަކާއެކު މިހާރަކު ވާހަކައެއް ނުދައްކައެވެ. ނިވްޓަންގެ މަސައްކަތް ބިނާކުރީ މައިގަނޑު ހަތަރު ތަަސައްވުރެއްގެ މައްޗަށެވެ. އެއީ މަކާން (space)، ޒަމާން (time)، މާއްދާ (matter)، ބާރު (force) މި ހަތަރު ތަސައްވުރެވެ. ތަބީއިއްޔާޓުގެ މި ޒަމާނުގެ އިލްމުވެރިން ވަނީ މި ހަތަރު ތަސައްވުރުވެސް ސިކުނޑިން ނެރެ ބޭރު ކޮށްފައެވެ. މަކާނާއި ޒަމާނަކީ ނިވްޓަންގެ ނަޒަރުގައި މުސްތަގިއްލު ދޭއްޗެވެ. އެކަމަކު މިހާރު މިވަނީ މަކާނާއި ޒަމާން އެކައްޗަކަށްވެ، (އިލްމީ ދުނިޔޭގައި) މާ ބޮޑު އަހުމިއްޔަތުކަމެއް ނުދޭ އެއްޗަކަށް ވެފައެވެ. އެއީ މިހާރު އެކައްޗެއް އަނެއްކައްޗަކާ އޮންނަ ގުޅުން ދައްކުވައިދޭ ނިޒާމަކަށް ވަނީ ވެފައެވެ. މާއްދާ ވަނީ ވާގިއާތަކުގެ ސިލްސިލާއެއްގެ ސިފައަށް ބަދަލު ވެފައެވެ. ބާރު (force) ވަނީ ހަކަތަ (energy) އަށް ވެފައެވެ. އަދި ހަކަތަ ވަނީ އެހެނިހެން މާއްދާތަކާ ވަކި ނުކުރެވޭ އެއްޗަކަށް ވެގެން ގޮސްފައެވެ. ތަބީއިއްޔާތުގެ ޢިލްމުވެރިން "ބާރު" (force) މިކިޔާ އެއްޗަށް ފަލްސަފާވެރިން ކިޔަނީ "ސަބަބު" (cause) އެވެ. އެވެސް މިހާރު ވަނީ ބޯދާ އެއްޗަކަށް ވެފައެވެ. ސަބަބު މަރުވެއްޖެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރާނަމެވެ. އެކަމަކު ހަަމަ ގައިމުވެސް އޭގައި އިހަށް ހުރި ބާރެއް މިހާރަކު ނެތެވެ."[9]
އެތައް ޒަމާނެއްގެ ދިރާސާއަށް ފަހު ރަސަލް ގަބޫލު ކުރެއްވީ "ބައެއްގެ ލޯ މައްޗަށް ނުދެއްކޭނޭ އިސްތިންބާތަކީވެސް ސައްހަ އެއްޗެއް" (ސަފުހާ 204) ކަމުގައެވެ. މިފަދަ އުސޫލެއް ގަބުލު ނުކުރާނަމަ ސައިންސްގެ މުޅި ނިޒާމާއި، އިންސާނާގެ ދުވަހީ ދިރިއުޅުން މުޅީން ވާގިނެތް އެއްޗަކަށް ވެގެން ހިނގައިދާނެއެވެ. އޭނާ ދެކެލައްވާ ގޮތުގައި ސައިން ބިނާ ވެފައި ވަނީ ހަގީގީ ދުނިޔެ (real world) އާއި އިއުތިގާދީ ދުނިޔޭ (believed world) ގެ މައްޗަށެވެ. ސައިންސްގެ ދާއިރާ ކުރިއަރަމުން އައި ވަރަކަށް މި ހަގީގަތް ދަނީ ފާޅުވެ، އެނގެމުންނެވެ. އެހެނީ ސައިންސްގައި ލޮލަށް ފެންނަ ހަގީގަތެއް އޮވެއެވެ. އެ ނޫން ކޮންމެ އެއްޗަކީ ސައިންސްގެ ހޯދުމެއް ކަމުގައި ވިޔަސް، އިހުސާސް ނުކުރެވޭ އެއްޗިއްސެވެ. މިފަދަ އެއްޗެހި އިސްތިންބާތު ކުރެވެނީ ހަމައެކަނި ގަބޫލު ކުރެވޭ ހެކިތަކުގެ މައްޗަށެވެ. އެހެންވީމާ ފަލްސަފާވެރިންނަށް މަޖުބޫރު ވެފައި ވަނީ ލޮލަށް ފެންނަ ހަގީގަތްތަކާއި، ހެކިތަކުގެ މައްޗަށް ބުރަވެވޭ ހަގީގަތްތަކާ ހުރި ގުޅުން ތަހުގީގުކޮށް ބަލާށެވެ. މިނިވަން ތަޝްކީކާ (universal skepticism) ދެކޮޅު ހެދުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކު އެޔާ އެއްބަސްވުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ.[10]
[1] މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް، ސަފުހާ 11
[2] މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް، ސަފުހާ 16
[3] ހިއުމަން ނޮވްލެޖް، ސަފުހާ 9
[4] އަވަރ ނޮވްލެޖް އޮފް ދި އެކްސްޓަރނަލް ވޯރލްޑް، ސަފުހާ 13
[5] މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް، ސަފުހާ 277
[6] ދަ ޕްރޮބްލަމްސް އޮފް ފިލޯސޮފީ، ސަފުހާ 46
[7] މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް، ސަފުހާ 46
[8] މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް، ސަފުހާ 25
[9] މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް، ސަފުހާ 17
[10] މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް، ސަފުހާ 206
(ނުނިމޭ)
މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ