ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރާއްޖޭގައި އޮތް ތާއީދު މިހާރު އަންނަނީ ވަރަށްބޮޑަށް އިތުރުވަމުން ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްއިން މާލޭގައި ދެންމެ ފެށި ޚާއްސަ ޑޯޓުޑޯ ކެންޕޭން ފަށްޓަވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި ކުޑަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހުރިހާ ބޭފުޅުންވެސް ތަރައްގީއަށްޓަކައި ރައީސް ޔާމީނަށް ތާއިދު ކުރައްވައި ވޯޓު ދެއްވުމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ޑރ. ޝަހީމް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ވަޑައިގެންނެވި ހިސާބުން ފެށިގެން ކޭންޕޭން ފޯރި ގަދަވެ ސިޔާސީ މަސްރަހު ވެސް ބަދަލުވެފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޑރ. ޝަހީމް ރަނިންމޭޓަކަށް ވަޑައިގެންނެވުމުން ކުރިން ޚިޔާލު ތަފާތު މީހުންވެސް ރައީސް ޔާމީނަށް ވޯޓު ދެއްވާނެކަން ޔަގީންވެފައިވާ ކަމަށެވެ.
ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބުރާހީމް ވިދާޅުވީ ޑރ. ޝަހީމް ވަޑައިގެން ކޭންޕޭން ފެއްޓެވުމުން އެހެން ޕާޓީތަކާއި އެމްޑީޕީ ވެސް މިހާރުވަނީ ވަރަށް ފަހަތަށް ޖެހިފައި ކަމަށެވެ.
ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިއަދު މިފެށި ޑޯޓުޑޯ ކެންޕޭނުގައި ގޭގެއަށް ވަޑައިގެން ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ވަރަށް ގާތުން ބައްލަވައި މީހުންގެ ޚިޔާލު ހޯއްދަވާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމްގެ ޑެޕިޔުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲއާއި، ޕީޖީ ލީޑަރު އަހުމަދު ނިހާން ވެސް ވާހަކަ ދެއްކެވިއެވެ.
މި ކެންޕޭނުގައި ރައީސް ޔާމީގެ ރަނިންމޭޓް ޑރ. ޝަހީމާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރު ބައިވެރިވެ ވަޑައިގަންނަވައެވެ.