ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް އިސްލާހުތަކެއް ގެނައުމުގެ ގައުމީ ޕްލޭނެއް ތަންފީޒު ކުރުމަށް ރާއްޖެ އިން އޮތީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމަށް އިސްލާހުތަކެއް ގެނައުމުގެ ގައުމީ ޕްލޭނެއް ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުން އަދި އިރުޝާދު ބޭނުންވާ ކަމަށެވެ.
މިބައްދަލުވުމުގައި ޑިމޮކްރެސީ ކުރިއެރުވުމަށް އެހީތެރިވެދޭނެ ހާއްސަ އެޑްވައިޒަރެއްް އައްޔަނުކޮށް ދިނުމަށް އދ.ގެ އިންސާނުންގެ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އަރިހުން ފޮރިން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމެއް ކަން ފާޙަގަކުރައްވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ޓަކައި މަސައްކަތް ކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށާއި އެކަމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގައި އިޔޫ، އދ އަދި ކޮމަންވެލްތާއި އެހެން ވެސް ގައުމުތަކުގައި އެހީތެރިކަން ރާއްޖެއިން ބޭނުންވާކަމަށް އެކަމަނާ ވިދާޅުވިއެވެ. ޚިޔާލުތަފާތުވުންތަކުގައި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ހިޔާލުތަފާތުވާ ގައުމީ މައްސަލަތަކުގައި އެންމެން އެއްގަލަކަށް އަރައިގެން ނަތީޖާ ނެރުމަށް ކަމަށް ދުންޔާ ވިދާޅުވިއެވެ.
މިހާރު ފަށާފައިވާ ސިޔާސީ ޕާޓީގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި ކުރިއެރުން ލިބިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ސްރީލަންކާގެ ކޮލަމްބޯގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެފަރާތްތަކަށް ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން މައުލޫމާތު ދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ.މުހަންމަދު ޝައިނީއެވެ.
އދ.ގެ ހާއްސަ މަންދޫބުގެ މަސައްކަތްޕުޅުތަކުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް މަގުފަހިވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި އެއީ ރަނގަޅު މިސްރާބަކަށް ރާއްޖެ ދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.