ފްރާންސްގެ ގައުމީ އެއާލައިން އެއާ ފްރާންސާއި އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭޒްއިން އީރާނުގެ ވެރިރަށް ތެހެރާނަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ނިންމައިފިއެވެ.
އެއާ ފްރާންސުން އިއްޔެ ބުނީ ތެހެރާނަށް ކުރާ ދަތުރުތައް އަންނަ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހުއްޓާލަނީ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ދަތުރުތަކުން ލިބޭ ފައިދާ ކުޑަވެފައި ވާތީއެވެ.
އެއާ ފްރާންސުން ތެހެރާނަށް ކުރަމުން އައި ދަތުރުތައް ފަހުން ކުރަމުން އައީ އެ ގްރޫޕްގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޖޫން އެއާލައިނުނެވެ. އެ އެއާލައިނުން ހަފުތާއަކު ތިން ދުވަހު ތެހެރާނަށް ކުރަމުން އައި ދަތުރުތައް ވަނީ އޮގަސްޓު 4 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު އެއް ދަތުރަށް ބަދަލުކޮށްފައެވެ. އެ ދަތުރުވެސް 18 ސެޕްޓެންބަރުން ފެށިގެން ހުއްޓާލަން މިހާރު ވަނީ ނިންމާފައެވެ.
ބްރިޓިޝް އެއާވޭޒްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިޔަފާރި އުސޫލުން ފައިދާއެއް ނުވާ ކަމަކަށް ވާތީ ތެހެރާނަށް ކުރާ ދަތުރުތައް ހުއްޓާލަން ނިިންމާފައިވާ ކަމުގައެވެ.
އެ އެއާލައިނުން ބުނި ގޮތުގައި ލަންޑަނުން ތެހެރާނަށް ކުރާ ފަހު ދަތުރު އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 21، 22 ގައެވެ.
ތެހެރާނަށް ދަތުރުކުރަން ޓިކެޓް ނަގާފައިވާ ފަރާތްތަކުގެ ކިބައިން މާފަށް އެެދެމުން އެ އެއާލައިނުން ބުނެފައި ވަނީ އެކުންފުންޏާ ބައިވެރިވާ އެހެން އެއާލައިންތަކުން އެމީހުންނަށް ދަތުުރު ހަމަަޖައްސައިދޭނެ ކަމަށެވެ. އަދި އެހެން އެކަން ކޮށްނުދެވޭ ހާލަތުގައި ޓިކެޓްގެ އަގު ރިފަންްޑުކޮށްދޭނެ ކަމުގަައެވެ.
ބްރިޓިޝް އެއާވޭޒްއިން ތެހެރާނަށް ކުރާ ދަތުރުތައް އަލުން ފެށީ، އީރާނާ ދެކޮޅަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް މީގެ ދެއަހަރު ކުރިން އުވާލުމުންނެވެ. ނަމަވެސް އެމެރިކާއިން އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އީރާނާއެކު ވިޔަފާރިކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
ދަތުރުތައް ހުއްޓާލުމާ ގުޅިގެން އީރާނުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ބާޔިދީ ނިޖާދު ވިދާޅުވީ ބްރިޓިޝް އެއާވޭަޒްއިން ދަތުރުތައް ހުއްޓާލަން ނިންމުމަކީ ހިތާމަހުރި ކަމެއް ކަމުގައެވެ.
އަނެއްކޮޅުން، ކޭއެލްއެމް އެެއާލައިނުން ބުނެފައި ވަނީ އެ އެއާލައިނުން ނެދަލޭންޑްސްގެ އެމްސްޓަޑޭމާ ތެހެރާނާ ދެމެދު ކުރާ ދަތުރުތައް ސެޕްޓެންބަރު މަހުގެ ތެރޭގައި ހުއްޓާލާނެ ކަމުގައެވެ.
އެމެރިކާއިން ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފްރާންސުގެ ތެޔޮ ކުންފުނީ ޓޯޓަލްއާއި، ޖަރުމަނުގެ އިންޝޫރަންސް ކުންފުނި އެލިޔާންޒްއާއި، ނެދަލޭންޑްސްގެ ބިޔަ ތެޔޮ ޓޭންކަރު ދުއްވާ ކުންފުނި މާރްސްކުން ވަނީ އެކުންފުނިތަކުން އީރާނާއެކު ކުރަމުން އައި ވިޔަފާރި ހުއްޓާލަން ނިންމާފައެވެ.