އީރާނުން ހިފަހައްޓާފައިވާ އިނގިރޭސި ތެޔޮބޯޓު ވަގުތުން ދޫކޮށްނުލައިފިނަމަ ނުރައްކާތެރި ހާލަތެއް މެދުވެރި ވެދާނޭ ކަމުގެ އިންޒާރު އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ދެއްވައިފިއެވެ.
އީރާނުން ހިފަހައްޓާފައިވާ ބޯޓުގައި 23 ފަޅުވެރިން ތިއްބެވެ. ގިނައިން ތިބީ އިންޑިއާ މީހުންނެވެ. އެ ބޯޓު ދުއްވާ ކުންފުނިން ބުނެފައިވާ ގޮތުގައި ބޯޓުގެ އެއްވެސް މީހަކާ ގުޅޭ ގޮތެއް އަދިއެއް ނުވެއެވެ.
މި ބޯޓުގެ އިތުރަށް އީރާނުން އެހެން ބޯޓެއްވެސް ހުއްޓުވިއެވެ. އެ ބޯޓަށް އަރައި ފާސް ކުރުމަށް ފަހު ދިޔަދިނީ ކަމަށް ޚަބަރު ލިބެއެވެ.
އިނގިރޭސި ބޯޓެއް ހިފެހެއްޓި ކަމަށް އީރާނުންވެސް އެއްބަސްވެއެވެ. އީރާނުން ބުނެފައިވާ ގޮތުގައި ހުރުމުޒް ކަނޑޮއިޅީގައި "މައްސަލަ އުފައްދާ" ބޯޓެއް ދަތުރު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުނީމާ ސިފައިންގެ އެހީގައި ބޯޓު ވަނީ ބަންދަރް ޢައްބާސް ނަމަކަށް ކިޔާ ބަނދަރަކަށް ވައްދައި ތަހުގީގު ފަށައިފައެވެ.
އީރާނުން ބުނާ ގޮތުގައި ބޯޓު ހިފެހެއްޓީ ދެތިން ސަބަބަކާ ހުރެއެވެ. ފުރަތަަމަ ކަމަށް ބޯޓު ހުރުމުޒް ކަނޑއޮޅިން ދަތުރު ކުރަމުން ގޮސް ކުއްލިއަކަށް ބޯޓުގެ ޖީޕީއެސް ނިންވައިލިއެވެ. އަދި ބޯޓު ވަނީ ކަނޑުއޮޅިން ނުކުންނާން އޮންނަ މަގުންނެވެ. ވަންނާން ހަމަޖެހިފައި އޮންނަ މަގަކުންނެއް ނޫނެވެ. ވަންނާން އޮންނަނީ އުތުރުކޮޅުންނެވެ. މީގެ އިތުރަށް އީރާނުން ބުނާ ގޮތުގައި ބޯޓާ ދެއްކި އެއްވެސް ވާހަކައަކަށް ބޯޓުން ޖަވާބެއް ނުދެއެވެ.
އީރާނުން މި ފިޔަވަޅު އަޅާއިފައި މިވަނީ ހުޅަނގުގެ ގައުމުތަކާއި އެ ގައުމާ ދެމެދު ހަމަނުޖެހުންތައް ބޮޑު ވެފައިވާ ދުވަސްވަރެއްގައެވެ.
ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އީރާނުގެ މި ފިޔަވަޅަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާތޯ ކުރެވޭ މަސައްކަތެކެވެ. ހަރުކަށި ފިޔަވަޅެއް ނާޅައި އީރާނުން އޮންނަތާ އަހަރެއްހައި ދުވަސް ވެއްޖެއެވެ. އެހެންވީމާ މިހާރު ފަށާފައިވާ މަސައްކަތަކީ ހުޅަނގުގެ ގައުމުތަކާއި އެކެރިކާއާ ދުރުކުރުމުގެ މަސައްކަތް ކަމަށް ބައެއް ދިރާސީން ތުހުމަތު ކުރައްވައެވެ.
އެކަމަކު އީރާނުން މިފަދަ ވާހަކަތަކާ ދެކޮޅު ހަދައެވެ. އީރާނުން ބުނާ ގޮތުގައި ތަހުގީގުކޮށް ނިމުނީމާ ހިފަހައްޓާފައިވާ ބޯޓާ މެދު ނިންމާނޭ ގޮތެއް ހާމަ ކުރާނެއެވެ. އޭގެ ކުރިން ބޯޓު ދޫކޮށްލުމުގެ ވިސްނުމެއް ނެތެވެ.
މި މައްސަލަޔާ ގުޅިގެން އިނގިރޭސި ސަރުކާރުގެ ދިފާއީ "އިމަރޖެންސީ ކޮމިޓީ"ގެ ދެ ބައްދަލުވުމެއް ވަނީ ބާއްްވައިފައެވެ. މި ބައްދަލުވުމުގައި މައްސަލަޔާ ބެހޭ ގޮތުން ދެކެވުނު ވާހަކައިގެ މާބޮޑު ތަފުސީލެއް ނުލިބެއެވެ. އެކަމަކު ޚަބަރު ލިބޭ ގޮތުގައި އަސްކަރީ ފިޔަވަޅަކާ ބެހޭ ގޮތުން ވާހަކައެއް ނުދެކެވެއެވެ.