ލިބޭ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ އަބަދުވެސް އިވޭ ޝަކުވާއެކެވެ. ހިންގުމުގެ ދާއިރާގެ އިސް މަޤާމުތަކުގައި ތިބޭ މީހުން އެއަޑަކަށް ކަންފަތް ހޭނިފައިވާ އަޑެކެވެ. މުސާރަ ކުޑަވެގެން ތިބާ އެޝަކުވާ ކުރާ އިރު، ތިބާ އަށް މަސައްކަތް ކުރެވުނީ ކިހާ މިންވަރަކަށްތޯ ވިސްނާލީމުތޯއެވެ. މާތްﷲ ތިބާއަށް މިންވަރުކުރައްވާފައިވާ ރިޒްޤެއް އެހެންމީހަކަށް ނިގުޅައި ނުގަނެވޭނެކަމަށް ތިބާ ޤަބޫލުކުރަމުތޯއެވެ. މާތް ﷲ އިންސާނުންނަށް ގިނަގުނަވެގެންވާ ނިޢުމަތް ދެއްވާފައިވީ ހިނދު، އެނިޢުމަތްތަކާމެދު ވިސްނާ އެކަމަށްޓަކައި ޝުކުރުވެރިވަނީ ކޮން ހިތަކުންތޯއެވެ. މިއީ ހަމަ އުފެދިފައިވާ ސުވާލުތަކެކެވެ. ތިބާ އަމިއްލަ ނަފްސާ މިސުވާލުތަށް ކޮށްލުމަށް އަޅުގަނޑު ދޫކޮށްލާނަމެވެ.
އަޅުގަނޑުމެންނަކީ މާތްﷲ ސުބުޙަނަހު ވަތަޢާލާ އަށް ފުރިހަމައަށް އީމާންވާ ބަޔަކު ކަމުގައި ވެގެންދަނީ އީމާންކަމުގެ ރުކުނަތަކަށް ފުރިހަމައަށް އީމާންވެގެން ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ޤަޟާޤަދަރަށް އީންމާންވުން ނުވަތަ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން ހިމެނިފައި ވީ ހިނދު، މި ރުކުން ފުރިހަމަ ކުރުމަށް އަޅުގަނޑުމެންނަށް ދެވޭ ސަމާލުކަން މިވަނީ ކުޑަވެފައެވެ.
މިކާއިނާތުގައި ހިނގާ ކޮންމެކަމަކީވެސް، އެކަމަކީ ހެޔޮކަމެއް ނުވަތަ ނުބައި ކަމެއްކަމުގައި ވިޔަސް މާތްﷲ ގެ އިރާދަފުޅުން މެނުވީ ހިނނގާނެކަމެއްނޫނެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. " إن ربك فعّال لما يريد " މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވާ ރަސްކަލާނގެއެވެ."
އަޅުގަނޑުމެންނަށް އެނގޭ ޙާލު، އަދި ނޭނގިތިބޭ ޙާލުގައި ވެސް ހިނގާ ހުރިހާ ކަމަކީ އެކަމުގައި އެންމެ މަޞްލަޙަތު ހުރިގޮތެވެ. އެކަމުގައި މޮޅު އިތުރުވެގެންވާ ޙިކުމަތެއް ލައްވަވާފައި ވާނެތެވެ. މޮޅު އިތުރުވެގެންވާ ޙިކުމަތެއް ކަމެއްގައި ނުލައްވަވާ ކުޅެ ކުޅިވަރެއްގެ ގޮތުގައި ސަކަރާތާއި މަޖަލުގެ ގޮތުގައި މިދުނިޔޭގައި ކަންކަން ނުހިނގާނެއެވެ. އަންނަނިވި އާޔަތުން މިކަމަށް ދަލީލު ލިބެއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. " وماخلقنا السماء والأرض وما بينها لاعبين " މާނައީ: "ތިމަންރަސްކަލާނގެ، އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ." ވީމާ މާތްﷲ ގެ ކުޅަދުންވަންތަކަމާއި ރޭއްވެވުންތެރިކަމާއި މެދު ވިސްނާ ފިކުރުކުރަމާތޯއެވެ.
ތިބާއަށް ކުރިމަތިވާ ކަމަކީ ނުބައިކަމެއް ކަމުގައި ތިބާއަށް އިޙްސާސް ކުރެވިދާނެއެވެ. އަދި އެކަން ދެކޭ މީހުންނަށް އެއީ ބޮޑުވެގެންވާ މުޞީބާތެއް ނުވަތަ ނުބައި ކަމެއްކަމުގައި ފެނިދާނެއެވެ. ނަމަވެސް އެކަމުގެ ފަހަތުގައި ހެޔޮކަމެއް ލައްވަވާފައިވާނެއެވެ. އެކަން އަޅުގަނޑުމެންނަށް ނޭގުނުކަމުގައި ވިޔަސް މާތްﷲ ދެނެވޮޑިގެންވާކަން ޤަބޫލުކުރަންޖެހެއެވެ. ވުމާއެކު އެކަމުގއި އެންމެ ހެޔޮގޮތަކީ ކެތްތެރިވުމެވެ. އެކަމުގެ ސަބަބުން ލިބެން އަންނަ ހެޔޮކަމަށް ކެތްތެރިކަމާއި އެކު އިންތިޒާރުކުރުމެވެ. ތިބާގެ ޙަޔާތުގައި ހިނގާފައިވާ ޙާދިސާތަކާއިމެދު ވިސްނާލައިފިނަމަ މިކަމުގެ ހެކި މިހާރުވެސް ތިބާއަށް ފެންނާނެކަން ކަށަވަރެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " يا أيها الذين آمنوا اصبروا وصابروا ورابطوا واتقوا لعلكم تفلحون " މާނައީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (ދުޝްމަނުންނާ ހަނގުރާމަކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، ދުޝްމަނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ ޖިހާދު ކުރުމަށް ތައްޔާރީގާ ތިބޭށެވެ! އަދ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބިގަތުމަށްޓަކައެވެ."
ހުރިހާ މުސްލިމުންވެސް ޤަބޫލުކުރާ ޙަޤީޤަތަކީ މާތްﷲ އީ އަޅުގަނޑުމެން ބަލަހައްޓަވާ ރިޒްޤުދެއްވަވާ ރަސްކަލާނގެއެވެ. އެކަލާނގެ މީހަކަށް ދެއްވައިފި ނިޢުމަތެއް، ހެޔޮކަމެއް އެހެން މީހަކަށް ނިގުޅައި ނުގަނެވޭނެކަމެވެ. މިހާރު، މިލެބެމުންދަނީ އެންމެ ހެޔޮ، އުޖޫރައެވެ. މިކަންކަން މެދުވެރިވެފައިވަނީ މީސްތަކުން އިމްތިޙާނުކުރެއްވުމަށެވެ. ގަދައަޅާ މަސައްކަތް ކުރަންވީ މި އިމްތިޙާނުން ފާސްވުމަށެވެ. ޝަކުވާ ދުކޮށްލަމާތޯއެވެ. ލިބިފައިވާ ނިޢުމަތަށް ޝުކުރުވެރިވާށެވެ. މިއަށްވުރެ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް މާދަމާ ތިބާއަށް ދެއްވުމަށްވެސް އެކަލާނގެ ކުޅަދުންވަންތައެވެ. ފަހުން ވާންއޮތްގޮތެއް ހަމަ އެއްވެސް މީހަކަށް ނޭނގޭނެއެވެ. މިއަދަށްވުރެ ދަތި ދުވަހަކަށް މާދަމާ ވެދާނެއެވެ. ވީމާ މިއަދު ތިބާ ހިނިތުންވެލާށެވެ.
ގަބޫލުކުރި ބަޔަކަށް ފައިދާހުރި, ޥަރަށް ރަނގަޅު ނަސޭހަެތުގެ ބަސްކޮޅެއް.