މިވެރިކަން ދެމިއޮވެގެން ފުވައްމުލަކަށް ކުރިމަގެއްނެތް: އަލީ ޝާހު

ރައީސް ޔާމީންގެ ވެރިކަން އިތުރަށް ދެމިއޮވެގެން ފުވައްމުލަކުގެ އެއްވެސް ޒުވާނަކަށް، އިލްމީ ބޭފުޅަކަށް ފުވައްމުލަކުގެ އެއްވެސް ދަރިއަކަށް ކުރިމަގެއްނެތް ކަމަށް ފުވައްމުލަކު އުތުރުދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

އަލީ ޝާހު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހުގެ ރޭ އެރަށުގައި ބޭއްވި ބޮޑުޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެކަން އެނގިގެންދަނީ މިވެރިކަމުގައި ފުވައްމުލަކުގެ އެތައް ބަޔަކަށް އަނިވެފައިވާތީ ކަމަށާއި އެފަދަ މީހުންނާއި އާއިލާތަކުގެ ހިމާޔަތުގައި ތެދުވެ މިކަން ނިންމަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހިނގާފައިވާ ޚިޔާނާތުގެ ވާހަކަ ދައްކާ ކަމަށްވާނަމަ ދަރިންގެ ދަރިއަށް ދާނދެން ދައްކާނީ މިވެރިކަމުގައި ހިނގާފައިވާ އެފަދަ ކަންކަމުގެ ވާހަކަ ކަމަށެވެ.

ޝާހު ވިދާޅުވީ ފުވައްމުލައް ނެތިދިއުމާއި ދެމިއޮތުމާ ގުޅިފައިވާ އެތައް މަޝްރޫއުތަކެއް ހިންގަންޖެހޭ ކަމަށާއި އެހެންނަމަވެސް މިސަރުކާރުން އެފަދަ ކަމެއް ކުރައްވާފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ރަށްގިރުމުގެ މައްސަލަ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެރަށަކީ ވަށައިގެން ބިޔަ ރާޅުއަރާ ރަށެއް ކަމަށް ވިޔަސް އެއިން މަސައްކަތެއް ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 9 މަހުން ނިންމަން ހަވާލުކުރި އެރަށުގެ މަގުވެސް ތިން އަހަރު ވެގެންދިޔައިރުވެސް ނުނިމޭ ކަމަށް ވިދާޅުވިއެވެ.

މިފަދަ އެތައް ސަބަބުތަކާހެދި އެރަށަށް ނިސްބަތްވާ މުދިމުންނާއި، ނަރުހުންނާއި ޓީޗަރުން ފަދަ މުހިންމު ވަޒީފާތައް އަދާކުރަމުން އަންނަ އެތައް ބަޔަކު ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅެން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުވައްމުލަކުގެ އެއްވެސް ޒުވާނަކަށް ފުވައްމުލަކުގެ އެއްވެސް އިލްމީ ބޭފުޅަކަށް ފުވައްމުލަކުގެ އެއްވެސް ދަރިއަކަށް ކުރިމަގެއްނެތޭ މިވެރިކަން އިތުރަށް ދެމިއޮވެގެން. އެކަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ފުވައްމުލަކުގެ ކިތައް ބޭފުޅުންނަށް ކިތައް އަނިޔާތޯ ލިބުނީ. އެހެންވީމާ ފުވައްމުލަކުގެ ލޮބުވެތި އާއިލާތަކުގެ ހިމާޔަތުގައި ފުވައްމުލަކުގެ ރައްޔިތުންގެ ހިމާޔަތުގައި އަޅުގަނޑުމެން އެބަޖެހޭ ތެދުވެ މިކަން ނިންމަން،" ޝާހު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.