އިއްތިހާދުގެ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫ ސިޓީއަށް ކަމަށް އިއްތިހާދުގެ ރަނިންގ މޭޓް އިބްރާހިމް މުހައްމަދް ސާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ މާލޭގައި ހުޅުވި އައްޑޫ ސިޓީގެ ޖަގަހަ، "އަފިރިންގެ" ހުޅުއްވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ އަކީ އިސްލާހަށް މަސައްކަތް ކުރުމުގައި އަބަދުވެސް ބޮޑު އެއްބާރުލުމެއް ދޭ ސިޓީ އެކެވެ. އެހެން ކަމުން ޖަޒީރާ ރާއްޖެ ތަރައްގީ ކުރައްވާ އިރު އިސްކަންދޭނީ އައްޑޫ ސިޓީއަށެވެ. އިއްތިހާދުގެ ސަރުކާރެެއްގައި މުނިސިޕަލް ހުރިހާ ޚިދުމަތެއް ކައުންސިލް ދަށަށް ބަދަލުކޮށް ލިބޭ އާމްދަނީގެ ބައެއްވެސް ކައުންސިލަށް ލިބޭން ގޮތް ހައްދަވާނެއެވެ.
އެމްޑީޕީ ވެރިކަމުގައި އައްޑޫ ސިޓީ ތަރައްގީ ކުރަން މަސައްކަތް ފެށިކަމަށް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ. އެގޮތުން އައްޑު ސިޓީގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެޅުމަށް ފައިސާ ހޯދައިފައިވާ ކަންވެސް ފާހަގަކުރެއްްވިއެވެ. ނަމަވެސް އެފައިސާއަށް ވީ ގޮތެއް މިއަދާ ހަމައަށް ވެސް ނޭނގޭ ކަމަސް އިބޫ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކައިގެން އައްޑޫގައި ޓުއަރިޒަމް ތަރައްގި ކުރައްވާނެ ކަމަށް ވައުދުވެ ވަޑަައިގެންފައިވާ ކަމަށާއި ނަމަވެސް އެތަރައްގީ އެއް އަދިވެސް ނުފެންނަ ކަމަށް އިބޫ ވިދާޅުވިއެވެ. އިއްތިހާދުގެ ސަރުކާރުން ލޯކަލް ޓުއަރިޒަމް ފުޅާކޮށް ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު އަގުހެޔޮ ކުރައްވާނެ ކަމަށްވެސް އިބޫ ވައުދުވެ ވަޑައިގެންނެވިއެވެ. އެއާއެކު އައްޑޫގެ ޓުއަރިޒަމް ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ އަށް ގިނަ ކަންތައްތަކެއް ކުރުމަށް އިއްތިހާދުގެ ސަރުކާރުން ރާވާފައިވާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އޭގެ ތަފްސީލު އައްޑޫގައި ބާއްވާ ބޮޑު ޖަލްސާގައި ހާމަކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ މިއަދަކީ ވޯޓުލާން ރީރަޖިސްޓްރޭޝަން ލިސްޓުގެ ތަފްސީލު ދެއްވާނެ ކަމަސް އިލެކްޝަންސް އިން ވިދާޅުވެފައިވާ ދުވަހެވެ. ނަމަވެސް މިއަދަކު އެކަމެއް ނުކުރެއެވެ. އަދި ރަޖިސްޓްރޭޝަން ޗެކް ކުރާއިރު އެކި ފަހަރު އެކިގޮތަށް ބަދަލުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެކަމުގައި ވެސް ގެންގުޅުއްވަނީ މަކަރާއި އޮޅުވާލުން ކަމުގައިވެސް އިބޫ ވިދާޅުވިއެވެ.
"ނަމަވެސް ރައްޔިތުން ތިބީ ވައްކަމަށް އިތުރު ފުރުސަތެއް ދޭކަށް ނޫން. އަނިޔާވެރިކަމަށް ދެވަނަ ފުރުސަތު ދޭކަށް ނޫން. އިންސާފަށް ބޭނުންވެފައި"، އިބޫ ވިދާޅުވިއެެވެ.