އިންޑިޔާއަކީ ރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
(ޑޮކްޓަ ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016) އެވޯޑް ރައީސް ޔާމީނަށް އެރުވުމަށް މިއަދު އިންޑިއާގެ ޑޭލް ވިއު އިންސްޓިޓިއުޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވޯޑަށްޓަކައި އިންޑިޔާ ސަރުކާރަށާ ޑޭލް ވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އަދި ތަފާތު ކަންކަމުގައި އިންޑިޔާގެ ފަރާތުން ރާއްޖެއަށާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިޔާއަކީ ރާއްޖޭގެ އެންމެ މުހިންމު ރަޙުމަތްތެރިޔާ އަދި ވިޔަފާރީގެ އެންމެ ބޮޑު ހިއްސާދާރު ކަމަށެވެ.
މި ސަރުކާރުގެ މުހިންމު ވަޢުދުތަކަށް އަލި އަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އިސްކަމެއް ދެއްވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށާ އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ.
މީގެއިތުރުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމާއި، ކުރީގެ ސަރުކާރުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އެޅިގެން ދިޔަ ހުރަސްތައް ގިރާކޮށް ޤައުމަށް އިތުރު ތަރައްޤީ ގެނައުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަން ދެއްވާ ކަންތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ވާހަކަފުޅުގައި، މި ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ބަޔާންކުރައްވަމުން، މާލެއާ ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ޢަމަލީ މަސައްކަތްތައް މި އަހަރު ތެރޭގައި ފެށިފައިވާކަން ހާމަކުރެއްވިއެވެ.
އަދި، މި ބްރިޖުގެ މަސައްކަތް ނިމުމުން މާލެއާ ހުޅުމާލޭ ސަރަޙައްދުގައި ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ބައެއް ވަޒަންވެރިކުރުވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ ރަށެއްގައި ބިނާކުރެވިގެންދާ އެންމެ ދިގު މަގު ބިނާ ކުރުމާއި ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް ހިންގުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، ސުނާމީ ކާރިޘާގައި ރާއްޖެއިން ބޯހިޔާވަހިކަން ގެއްލިގެންދިޔަ ހުރިހާ ރައްޔިތުންނަށް މިހާރު މި ޒަޢާމަތުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، އެ ކާރިޘާގައި ގެއްލުން ލިބުނު ހުރިހާއެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ފުރަތަމަ ޤައުމަކީ ވެސް ރާއްޖެކަންވެސް ރައީސް ޔާމިންވަނީ ފާހަގަކުރައްވާފައެވެ.