އުމަރަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވި ބޭފުޅާއެވެ. އެހެންނަމަވެސް ކެންޑިޑޭސީ ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު ހަމަވިދުވަހު އޭނާވަނީ އިންތިޚާބުގައި ވާދަ ނުކުރަން ނިންމަވައި އެކަން އިއުލާން ކުރައްވައިފައެވެ. އެދުވަހު އޭނާ ވިދާޅުވެފައިވަނީ އަދި އޭނާގެ ވަގުތު ނުޖެހޭ ކަމަށެވެ.
އެކަމާބެހޭ ގޮތުން އޭނާ ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ ލިޑަރޝިޕް ކޮލިޓީއާއި ކެންޑިޑޭޓުގެ މެނިފެސްޓޯއަށް ބަލައިގެން ވޯޓުދޭނެ އިންތިޚާބެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"މެނިސްޓޯއާއި ކެންޑިޑޭޓުގެ ލީޑަރޝިޕަކަށް ވޯޓުލާކަށް ނޫން މިހާރު މީހުން ތިބީކީ ބޮޑަށް. ކެންޑިޑޭޓް ޑެލިވަރކުރާނީ ކޯއްޗަކަށްތޯ، އޭނާގެ ލީޑަރޝިޕަކީ ކޮބައިތޯ، އެއަކަށް ނޫން ބޮޑަށް މީހުން މިދަނީ މިހާރު. މިހާރު މިދަނީ ފެންނަ ނުފެންނަ ވޯޓަކާ ދިމާއަށް،" އުމަރު ވިދާޅުވިއެވެ.
އެހާލަތުގައި އިތުރު އެއްޗެއް ވިއްކަން އުޅުނަސް ނުވިކޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަހަރެމެން އެހެން ކަންކަން ވިއްކަން އުޅުނަސް މި މާކެޓުގައި ވިއްކަން ފަސޭހައެއް ނުވާނެ. މީހުންނަކީ ވަރަށް ފަސޭހައިން ހަނދާންނެތޭ ބައެއް. މީހުން މިހާރު ހަނދާން ނެތިއްޖެ ވަޅިހަރާ ކަންތައްކާއި، ރަށުތެރޭގައި ހުރި މައްސަލަތައް،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "އަހަރެންގެ ޕޮލިޓިކަލް ކެރިއަރއަކީ ޖާނީއެއް. އެއީ އެއްފަހަރަކުން ނިމޭ އެއްޗެއްނޫން. މިއީ މަކުރާ ދަތުރެއް. މިދަތުރު ކުރާނަން އިރާދަކުރެއްވިއްޔާ ތިރީސް އަހަރު ވަންދެން. ތިރީސް އަހަރަށްފަހު ނިންމާލާނީ. އަދި ދިހައަހަރު މިވީ. އަދި ދެބައި ކަނޑަށްވެސް ނުދުއްވޭ،" އުމަރު ވިދާޅުވިއެވެ.
އުމަރުވަނީ 2008 ވަނައަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިފައެވެ. އެފަހަރުގެ ފުރަތަމަ ބުރުން އުމަރަށް ނާކާމިޔާބީއާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވިއެވެ. އެފަހުން 2013 ވަނައަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އުމަރު މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަ ކުރައްވައި އުމަރުވަނީ ނާކާމިޔާބީ ކުރިމަތިވެޑައިގެންފައެވެ.
އަމަރަކީ ބަހުގެ އިތުބާރު ނެތްމީހެއް ކަމަށް ފާހަގަ ކުރަން.