ގާނޫނީ މަސައްކަތް ހުއްޓުވުމަށް އަޅުގަނޑުމެންނަށް ޕްރެޝަރ ނުކުރާތި:އީސީ

އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ ކަމެއް ހުއްޓުވުމަށް އެއްވެސް ފަރާތަކުން ޕްރެޝަރ ކޮށްގެން ނުވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އިއުލާން ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ސިޔާސީ ޕާޓީއަކުން ވިޔަސް، ޖަމިއްޔާ ޖަމާއަތަކުން ވިޔަސް އަދި އަމިއްލަ ފަރުދަކު ވިޔަސް އެފަދަ ޕްރެޝަރެއް ކޮށްގެން ނުވާނެ ކަމަށެވެ.

"ގާނޫނުން އަޅުގަނޑުމެންނަށް ލާޒިމްކުރާ ކަމެއް ކުރުން ހުއްޓުވުމަށްޓަކައި ޕްރެޝަރ ކުރައްވައިގެން ނުވާނެ. އަދި އެޕްރެޝަރަކީ އަޅުގަނޑުމެންނަށް ގާބޫލުވެސް ނުކުރެވޭނެ ޕްރެޝަރއެއް،" ޝަރީފް ވިދާޅުވިއެވެ.

"ގާނޫނީ ގޮތުން އަޅުގަނޑުމެން ކުރަން ލާޒިމްކުރާ ކަމެއް އަޅުގަނޑުނެންގެ ކޮމިޝަންގެ މެންބަރުންގެ މައްޗަށް (މެންޑޭޓްރީޓް ކޮށް) ލާޒިމްކުރާ ކަމެއް ހުއްޓުވޭނެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތެއް ނޯންނާނެ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބު އިންސާފުވެރިކޮށް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވަން ޖެހޭނެ ބައެއް ފަރާތްތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ. "ކޮމިޝަނުގެ މެންބަރުންގެ އިތުބާރުނެތްކަން ހާމަކުރުމަށް ގާނޫނުގައި ވަކިގޮތްތަކެއް ކަނޑައަޅާފައި އެބައޮތް. އެގޮތްތަކުން ސިޔާސީ ޕާޓީތަކުންވެސް ސިޔާސީ ގޮތުން ހަރަކާތްތެރިވާ އެހެނިހެން ފަރުދުންވެސް އެކަމަށް ގާނޫނޫން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެކަން ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރަން،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ލިބިދީފައި ނުވާ އެއްވެސް ބާރެއްގެ ވާހަކައެއް އެކޮމިޝަނުން ނުދައްކަވާ ކަމަށެވެ.

"ޕާޓީތަކަށް ވެސް އަޅުގަނޑުމެން ދެންނެވީ ޕްރައިމަރީއެއް ބާއްވާ ކަމަށްވާނަމަ ބާއްވާށޭ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން. އަދި އަސާސީ ގަވާއިދުގައި ޕްރައިމަރީ ބޭއްވުމަށް ކަނޑައެޅިފައި ނުވާނަމަ މީގެ ކުރީގައި ޕާޓީގައި ޕްރައިމަރީ ބޭއްވުމަށް އަމަލުކޮށްފައިވާ އުސޫލާ އެއްގޮތަށް ރާއްޖޭގައި ތަސްދީގު ކުރެވިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ނުވާނެ ގޮތުގެ މަތިން ޕްރައިމަރީ ކުރިއަށް ގެންދަވާށޭ،" އޭނާ ވިދާޅުވިއެވެ. އެއިން އެއްވެސް ގޯހެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އޭގެ މާނައަކީ ކޮންމެ ޕާޓީއަކުން ގާނޫނާއި ގަވާއިދަށް އަމަލުކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން ހަރަކާތްތެރިވާނީ އިންތިޚާބީ ކަންކަމާއި، ޕާޓީތައް ރެގިޔުލޭޓް ކުރުމުގެ ކަންކަމުގައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެއްވެސް ކަމެއްގައި ގާނޫނީ އިމުން ބޭރުން އެކޮމިޝަން ހަރަކާތްތެރިއެއް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އިންތިޚާބާ ގުޅިގެން އެއްވެސް ޕާޓީއަކަށް އިރުޝާދު ދެއްވުމުގައިވެސް ގާނޫނުން އެކަމަކަށް ލިބިވަޑައިގެންފައިނުވާ ބާރެއް އެކޮމިޝަނުން ބޭނުން ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ "އިންތިޚާބުގެ އަމާންކަމާއި އޮމާންކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ޓޮލަރޭޓް (ތަހަންމަލް) ނުކުރެވޭނެ. ފުލުހުންނާ ގުޅިގެން ވަގުތުން ވަގުތަށް އެކަމަށް ފިޔަވަޅުއަޅައި، ހުރަސްއަޅާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނަން،" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.