
ކޮޅުމަޑުލު މަޑިފުށީގައި ސަރުކާރުން ހިންގެވި ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު ބައިވެރިވެވަޑައިގެންފިއެވެ.
އެތިން މަޝްރޫއަކީ ބިންހިއްކުމުގެ މަޝްރޫއާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެއްޓުމުގެ މަޝްރޫއެވެ.
މަޑިފުށްޓަށް ވަޑައިގެންނެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށްފައްޓަވައި ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ހޯމަ ދުވަހު ވަނީ ތ. ތިމަރަފުށީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެއަތޮޅު ވޭމަންޑޫއާއި ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި، އެމަނިކުފާނު ވަނީ އަންގާރަ ދުވަހު ތ. ބުރުނީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ވިލުފުށި މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.