ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާ މަޖިލިސް ޗުއްޓީ ދިޔަ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު އިއުލާން ކުރައްވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދަރާ އިން ހާމަކޮށްފިއެވެ.
ދިޓީވީ އަށް މަޢުލޫމާތުދެއްވަމުން މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިޔަކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައި ވަނީ މަޖިލީހުގެ އިދާރާ އާއި ހަވާލާދީ ނޫން ކަމަށެވެ. އަދި މަޖިލިސްޗުއްޓީ އަށް ދިޔަ ކަން މަޖިލީހުގެ ރައީސް ރަސްމީކޮށް އިއުލާންކުރައްވާފައި ނުވާ ކަމަށާ، މެމްބަރުންނަށް ވެސް އެގޮތަށް އަންގާފައި ވެސް ނުވާ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
އެހެންނަނަމަވެސް އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާ ބާއްވާނެތޯ ސުވާލުކުރުމުން އަމީން އާއްމު ވިދާޅުވީ، ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާ އެއް ބާއްވާނެ ކަން އަދި ޔަޤީންކޮށް ދަންނަވަން ނޭނގޭ ކަމަށެވެ. މި މަސް ނިމުމުގެ ކުރިން އިތުރު ޖަލްސާ އެއް ނުބާއްވާ ނަމަ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލިސް ޗުއްޓީ އަށް ދިޔައީ ކަމަށް ބެލެވެއެވެ.
މަޖިލީހުގެ މިދައުރުގެ މަސައްކަތްތައް ނިންމަ ޗުއްތީ އަށް ދިޔަކަން މަޖިލީހުގެ އިދާރާ އިން ކަށަވަރުކޮށް ނުދިން ނަމަވެސް މި މަހުގެ ފަހުކޮޅު މަޖިލިސް ޗުއްޓީ އަށް ދާންޖެހޭނެކަން ގަވާއިދުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފަށާފައިވަނީ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ދަރުބާރުގޭގައެވެ.