ތުރުކީގެ ފައިސާ ލީރާގެ އަގު ވެއްޓެމުން ދަނީ އެމެރިކާގެ މަކަވެރި ރޭވުމަކުން ކަމަށާއި، އެމެރިކާއިން ތުރުކީގެ 'ބުރަކަށްޓަށް ވަޅި ހަރައިފި' ކަމަށް ތުރުކީގެ ރައީސު ރަޖަބު ޠައްޔިބު އެރްދޮޣާން ވިދާޅުވެއްޖެއެވެ.
"އެއްކޮޅުން ތިޔަ ތިބީ އަހަރުމެންނާއެކު ނޭޓޯގައި. އަނެއްކޮޅުން އިސްތިރާތީޖީ ބައިވެރިޔާގެ ބުރަކަށްޓަށް ތިޔަ ހަރަނީ ވަަޅި. މިއީ ގަބޫލުކުރެވޭނޭ ކަމެއްތަ؟" އަންކަރާގައި ބޭއްވުނު ބައްދަލުވެއްގައި ވާހަކަފުޅުދައްކަވަމުން އެމެރިކާއާއި މުޚާޠަބުކުރައްވައި އެރްދޮޣާން ވިދާޅުވިއެވެ.
ޖާސޫސުކުރުމާއި، ޓެރަރިޒަމްގެ ތުހުމަތުގައި ތުރުކީން 2106 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެެމެރިކާގެ ފާދިރީ އެންޑްރޫ ބްރަންސަން ހައްޔަރުކުރި ފަހުން އެމެރިކާއާއި ތުރުކީއާ ދެެމެދު ޑިޕްލޮމެޓިކް ހަނގުރާމައެއް ވަނީ ފެށިފައެވެ. މިކަން އިތުރަށް ގޯސްވެގެން ދިޔައީ އެމެރިކާގެ ވައިގެ ދިފާއީ ނިޒާމު ޕެޓްރިއޮޓް މިސަައިލް ދޫކޮށްލައި ތުރުކީން ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު އެސް-400 ގަންނަން ނިންމުމުންނެވެ. އެމެރިިކާގެ އިންޒާރުތަކާއެކު ވެސް ތުރުކީން ވަނީ އެކަން ހުއްޓާލުމަށް ދެކޮޅުހަދާފައެވެ.
މި އަހަރު ފެށުނީއްސުރެ ތުރުކީގެ ލީރާގެ އަގު ވަނީ %40 ދަަށަށް ދިއުމުގައި ދެގައުމުގެ ދެމެދުގައި ހިނގަމުންދާ މި އަރައިރުމުގެ ދައުރު ބޮޑެވެ.
މިކަން މިހެންް އޮއްވާ ފާއިތުވި ހުކުރު ދުވަހު އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވަނީ ތުރުކީން އެެމެރިކާއަށް އެތެރެކުރާ ދަގަނޑާއި އެލްމެނިއަމުން ނަގާ ކަސްޓަމްސް ޑިއުޓީ ދެގުނަ ބޮޑުކުރުމަށް ނިންމަވާފައެވެ. އެކަމާ ބެހޭގޮތުން ޓްރަމްޕަށް އިޝާރާތްކުރައްވައި ރައީސު އެރްދޮޣާން ވިދާޅުވީ "މަނިކުފާނަކީ ރައީސު ކަމުގައި ވިޔަސް، ތުރުކީގެ ދަގަނޑާއި އެލްމެނިއަމުން މިވަރަށް ޓެކްސް ނަގަން ނިންމަވައިފީމޭ ރެއެއްގެ އިރު އޮއްސި އިރުއަރަންވާ އިރަށް މަނިކުފާނަށް ވިދާޅުނުވެވޭނެ" އެވެ.
"ނޭޓޯގެ މެންބަރު އިސްތީރާތީޖީ ބައިވެރިއަކާ މެދު މިހާ އަދާވާތްތެރި ވިސްނުމެން ގެންގުޅުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ރަނގަޅުކަމެކޭ ބުނެވޭނެ ގޮތެއް ނެތް" ކަން އެރްދޮޣާން އިތުރަށް ފާހަގަކުރެއްވިއެވެ.
ހުކުރު ދުވަހު ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ފަހު ލީރާގެ އަގު ވަނީ %16 ދަށަށް ގޮސްފައެވެ.
އެހެންނަމަވެސް، ރައީސު އެރްދޮޣާން ވިދާޅުވެފައި ވަނީ އެމެރިކާއަށް ދޫ ނުދެއްވާނެ ކަމުގައެވެ. ތުރުކީގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން އެެނާ ވިދާޅުވީ "މީގެ މާނައަކީ އަހަރުމެން ފެތިގެން ގޮސް އަހަރުމެން މުޅިން ނެތިދިއުމެއް ނޫން. ތުރުކީގެ އިގްތިސާދަކީ، ބާރުހުރި، ގަދަފަދަ، ހަރުދަނާ އިގްތިސާދެއް. އަދި އަހަރުމެން އެގޮތުގައި ދެމި ތިބޭނަން."