ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމު އެސް-400 ގެ ބަދަލުގައި، އެމެރިކާގެ ޕެޓްރިއޮޓް ވައިގެ ދިފާއީ ނިޒާމު ގަންނަން ތުރުކީ އެއްބަސްވޭތޯ އެމެރިކާއިން މަސައްކަތްކުރަމުން އެބަދެއެވެ. ތުރުކީއާއި އެމެރިކާއަކީވެސް ނޭޓޯގެ މެންބަރުންނެވެ. މިމިއްސަލައިގައި ދެ ގައުމުގެ ދެމެދުގައި މިހާރު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އެމެރިކާގެ ގާނޫނު ބުނާގޮތުން ރަޝިޔާއިން ހަތިޔާރު ގަންނަ ކޮންމެ ގައުމުކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެމެރިކާއަށް ލިބިގެން ވެއެވެ. ތުރުކީން ރަޝިޔާގެ އެސް-400 މިސައިލް ސިސްޓަމް ގަނެފިނަމަ ތުރުކީއާ ތުރުކީއަށް އެކަމުގެ ބިރު އޮންނާނެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) އިން ބުނި ގޮތުގައި، އެމެރިކާއިން ދަނީ ރަޝިޔާގެ މިސައިލް ސިސްޓަމް ދޫކޮށްލައި، ތުރުކީން ޕެޓްރިއޮޓް މިސައިލް ސިސްޓަމް ގަންނަން އެއްބަސްވޭތޯ މަސައްކަތްކުރަމުންނެވެ.
"އަހަރުމެން ގަބޫލުކުރާ ގޮތުގައި، އަހަރުމެންގެ މަގްސަދަކީ، އަހަރުމެންގެ އެކުވެރިން ގަންނަ ހަތިޔާރަކީ އަހަރުމެންނާ އެމީހުންނާ ދެމެދު އޮންނަ އިސްތިރާތީޖީ (ސްޓްރެޓީޖިކް) ގުޅުމާ ފުށުނައަރާ ތެކެއްޗަށްވުން" ސްޓޭޓް ޑިޕާޓްމަންޓުގެ އެކްޓިންގ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޕޮލިޓިކަލް މިލިޓަރީ އެފެއާޒް ޓީނާ ކައިޑަނާއޯ ވިދާޅުވިއެވެ.
" މިއީ ނުރައްކާތެރި ކަމެއްކަން އަހަރުމެންނަށް އަހަރުމެންގެ ބޭރުގެ އެކުވެރިންނާއި ބައިވެރިންނަށް ވިސްނައި ދެވިދާނެ ހެއްޔެވެ؟ އޭނާ ސުވާލުކުރެއްވިއެވެ. "އެމީހުން (ހަތިޔާރު) ގަތުމުގެ ކަންކަން ނިންމާއިރު އެކަން ހަނދާނުގައި ބަހައްޓާނެ ކަމަށް އަހަރުމެން އުއްމީދުކުރަން އޭނާ އިތުރަށް ވިދާޅުވިއެވެ.
ތުރުކީން ވަނީ ދެފަހަރެއްގެ މަތިން އެމެރިކާގެ ޕެޓްރިއެޓް މިސައިލް ސިސްޓަމަށްވެރެ އެހެން ގައުމެއްގެ މިސައިލް ސިސްޓަމަކަށް އިސްކަން ދީފައެވެ. ފުރުތަމަ ޗައިނާގެ މިސައިލް ސިސްޓަމެކެވެ. ދެން 2017 ވަނަ އަހަރު ތުރުކީން ނިންމީ ރަޝިޔާގެ އެސް-400 މިސައިލް ސިސްޓަމް ގަންނާށެވެ.
އަސްކަރީ ސިނާއަތުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ތުރުކީ ބޭނުންވީ މިންވަރަށް މިސައިލް ޓެކްނޮލޮޖީގެ މައުލޫމާތު ތުރުކީއަށް ދޭން އެމެރިކާއިން ބޭނުން ނުވީއެވެ.
އެހެންނަމަވެސް، އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ކެވިން ފާހީ ވިދާޅުވިގޮތުގައި، އެމެރިކާއިން ދަނީ ތުރުކީ ބޭނުންވާ ގޮތަށް އެކަން ކޮށްދެވޭނީ ކިހިނަކުންތޯ ބަލަމުންނެވެ. "ތުރުކީ ވަނީ ޕެޓްރިއޮޓް މިސައިލާމެދު ޝައުގުވެރިކަން ފާޅުކޮށްފައި، އަހަރުމެންނަށް އެކަން ކޮށްދެވެން އޮތީ ކިހިނެއްތޯ އަހަރުމެން މިދަނީ ބަލަމުން" އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން، ތުރުކީން ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު ގަނެފިނަމަ، ލޮކްހީޑް މާޓިން އެފް-35 ގެ ހަނގުރާމަމަތީ މަތިންދާބޯޓު ތުރުކީއަށް ވިއްކުން މަނާކުރާ ގަރާރެއްވެސް އެމެރިކާގެ ކޮންގްރެސްއިން ވަނީ ފާސްކޮށްފައެވެ.