ބިން ހިއްކުނު މިންވަރަށް ބަލާއިރު، ރާއްޖޭގެ 20 ރަށާ އެއްވަރުގެ ބިން އަލަށް މި ސަރުކާރުން މިހާތަނަށް ހިއްކައިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކަނޑޫދޫއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުން ދަނީ ރަށުގެ ކުޑަ ބޮޑުމިނަށް ބެލުމެއް ނެތި، އެރަށަކަށް ބޭނުންވާ ކަންތައްތައް ފުއްދައިދެވޭތޯ ތަފާތު އެކި މަޝްރޫޢުތައް ހިންގަމުންކަމަށާއި، ރާއްޖޭގެ ރަށްރަށަށް ބޭނުންވެފައިވާ ކަންކަން ފުއްދައިދެވޭނީ ރާއްޖެއަށް އިޤްތިޞާދީ ތަރައްޤީ ގެނެސްގެންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ހުށައަޅުއްވާ މެނިފެސްޓޯއަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ދަތި އުނދަގޫ ކަންކަން ހައްލުކޮށްދެއްވުމަށް ސަމާލުކަންދެއްވައިގެން ތައްޔާރުކުރައްވާފައިވާ މެނިފެސްޓޯއެއްކަމަށެވެ. އޭގައި އެމަނިކުފާނު ކުރައްވާނެ ތަރައްގީގެ ހުރިހާ ކަމެއްގެ ވާޖަކަ ލިޔުއްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމެއް ތަރައްޤީކުރުމަށް މުހިންމު ވަނީ ދެ ކަމެއްކަމަށާއި، އެއްކަމަކީ އިންސާނީ ވަޞީލަތް ތަރައްޤީކުރުންކަމަށާއި، ދެވަނަ ކަމަކީ އެ ޤައުމެއްގެ ރައުސުލްމާލު އުފެއްދުންކަމެވެ. މިގޮތުން، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފުއްދައިދެވޭވަރަށް މީހުން ބިނާ ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި މިހާރުވަނީ ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގައި ބުރުންޏާއި، ވިލުފުއްޓާއި، މަޑިފުއްޓާއި ދިޔަމިގިއްޔަށް ވެސް ވަޑައިގަންނަވާނެއެވެ.